ޅ.މަދިރިގުރައިދޫ ގައި ހިންގަމުން އަންނަ ޕާމް ބީޗް ރިސޯޓު ރަހުނުކޮށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ލޯނެއް ނުދެއްކުމުން، އެ ރިސޯޓް ނީލަން ކިޔަން އެ ބޭންކުން އިއުލާނު ކޮށްފި އެވެ.

ޕާމް ބީޗް ރިސޯޓު ރަހުނުކޮށްގެން ނެގި ލޯނަށް ފައިސާ ނުދައްކާތީ، އެ ރިސޯޓް ވިއްކާލައިގެން ލޯނުގެ ނުދައްކާހުރި ފައިސާ ހޯދުމުގެ ހުއްދަ އެސްބީއައި އަށް ސިވިލް ކޯޓުން މިދިޔަ އަހަރު ވަނީ ދީފައެވެ.

ޕާމް ބީޗް ރިސޯޓް ރަހުނުކޮށް ލޯނު ނެގީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑުން ކަމަށް އެސްބީއައިން ބުނެ އެވެ. ލޯނު ނެގި ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރަކީ އިބްރާހިމް އަލިމަނިކު އެވެ. ލޯނު ނުދެއްކި މައްސަލާގައި ސިވިލް ކޯޓަށް ހާޒިރުވާން އޭނާ އެންގުމުން ހާޒިރު ނުވުމުން، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކުރިއެވެ. އޭނާގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނައީމް (މޮނާޒާ ނައީމް) އާއި ލޯނާ ގުޅުންހުރި އެހެން މީހުން ހޯދަން ކުރިން ފުލުހުން ދެ ތިން ފަހަރެއްގެ މަތިން އިއުލާނު ވެސް ކުރިއެވެ. ނަމަވެސް އެއްވެސް މީހަކު ކޯޓަށް ހާޒިރު ނުވާކަމަށް ވެއެވެ.

ރިސޯޓް ނީލަން ކިޔުން ފެށެނީ 35 މިލިޔަން ޑޮލަރު (539.7 މިލިޔަން ރުފިޔާ) އަށް ކަމަށް ބޭންކުން ބުނެ އެވެ. އަދި ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 10000 ޑޮލަރުގެ ސެކިއުރިޓީ ޑިޕޮސިޓެއް އެ ބޭކުގައި ބަހައްޓަން ޖެހޭނެ އެވެ.

ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދު ހަވީރު 17:00 ގެ ކުރިން، އެސްބީއައި އަށް އަގު ހުށަހަޅަން ޖެހޭނެ އެވެ. ސުންގަޑިއާ ހަމައަށް ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ އެންމެންގެ ކުރިމަތީގައި އާންމުކޮށް އިއުލާނު ކުރާނެ އެވެ. އެ އަގުތަކަށް ވުރެ ބޮޑު އަގެއް ހުށަހަޅަން ބޭނުންވާ ނަމަ، ރަސްމީ ތިން ދުވަހުގެ ތެރޭގައި އަގު ހުށަހެޅުމަށް ފުރުސަތު ދޭނެ އެވެ. ރިސޯޓް ވިއްކާލާނީ ތިން ދުވަސް ހަމަވާއިރު އޮންނަ އެންމެ މަތީ އަގަކަށް ކަމަށް އެސްބީއައިން ބުނެ އެވެ.

ނީލަމުގެ އެންމެ މަތީ އަގުގެ ގޮތުގައި ބަލާނީ، ނީލަން ފެށޭ އަގަށްވުރެ 500000 ޑޮލަރަށް ވުރެ މަތީ އަގެއް ކަމަށް ބޭންކުން ބުނެ އެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތަކުން ރަސްމީ ދެ ދުވަހުގެ ތެރޭގައި އެއް މިލިޔަން ޑޮލަރު އެސްބީއައި އަށް ދައްކަން ޖެހޭނެ އެވެ. ބާކީ ފައިސާ ދައްކާ ނިންމަން ޖެހޭނީ 10 ދުވަހުންނެވެ. އެ މުއްދަތުގައި ފައިސާ ނުދެއްކިއްޖެނަމަ އެއް މިލިޔަން ޑޮލަރުގެ ތެރެއިން 100،000 ޑޮލަރު ބޭންކަށް ނަގާނެ އެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތުން ފައިސާ ނުދައްކައިފިނަމަ، ދެ ވަނަ އަށް އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ރިސޯޓް ވިއްކާލާނެ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ބޭންކްތަކުން ވަނީ ލޯނު ނުދައްކައިގެން ރިސޯޓްތައް ވިއްކާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދުއްލާ

    ލޯނެއް ނުދައްކައިގެން ރާއްޖޭގެ ރިސޯޓެއް ވިއްކާލަން އިއުލާންކޮށްފި
    1 ގަޑިއިރު ކުރިން ( ޖެނުއަރީ 15, 2019 )

    ماشا الله މިޔޮއްގެން ވިކެނީ ހޭއަރަންޖާ ހޭއަރާ. އަނބިދަރިންވެސް ވިއްކާނެ.

  2. ސަންޓޭ2

    މިހާރުދެން ފައިސާ ދެއްކިއަސް ވިއްކާނެންނު މުޅި ގައޮމުވެސް އަދި ވިއްކާލާނެ ތިބޭ އަތްޖަހަން ރެޑީ ވެގެން

  3. މަ

    ވިއްކާލަން މާ ލަސްވެސްވެއްޖެ. ސުޓާފުންނަށް

    ދޭންޖެހޭ މުސާރަވެސް ތިން ހަތަރުމަސް ވެގެންދާއިރުވެސް

    ނުދެ.

  4. ނުރަބޯ

    35 މިލިޔަން ޑޮލަރަށް ވޯރތް ތަނެއް ނޫން ތީކީ. ތިތާގެ ހުރިހާ އެސެޓެއްގެ ނެޓް ވޯރތު މިހާރު ނާރާނެ 10 މިލިޔަނަށްވެސް.