ރާއްޖޭގައި ޚިދުމަތް ދެމުން އަންނަ ކޮމާޝަލް ބޭންކެއްކަމުގައިވާ "ބޭންކް އޮފް ސިލޯން" ގެ ބްރާންޗެއް މިއަދު ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިއަދު ހެނދުނު 08:30 ގައި މި ބްރާންޗް ރަސްމީކޮށް ހުޅުވާފައިވާއިރު، ބްރާންޗް ހުޅުއްވައިދެއްވީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު ނަސީރު އެވެ.

ބޭންކް އޮފް ސިލޯނުގެ ރިކަވަރީ މެނޭޖަރ އަޙުމަދު ލަތީފު "ވަގުތު" އަށް މައުލޫމާތެއް ދެއްވަމުން ވިދާޅުވީ މާލޭގައި ހުންނަ ބޭންކުގެ ބްރާންޗުން ލިބޭ ހުރިހާ ޚިދުމަތްތަކެއްވެސް ހުޅުމާލޭގައި ހުޅުވި ބޭންކުންވެސް ލިބޭނެކަމުގައެވެ. އެގޮތުން ކޭޝް ޑިޕޮސިޓް، ވިތްޑްރޯވަލް، އެކައުންޓު ހުޅުވުން އަދި ފޯމު ހުށަހެޅުމުގެ ޚިދުމަތްތައްވެސް ލިބިގެންދާނޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް ލަތީފު ވިދާޅުވީ ބޭންކް އޮފް ސިލޯނުގެ އިތުރު ބްރާންޗެއް ހުޅުވާފައިވަނީ އެބޭންކުން ރާއްޖޭގައި ދެމުންދާ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުންކަމަށެވެ.

ހުޅުމާލޭގައި ހުޅުވި ބޭންކް އޮފް ސިލޯނުގެ ބްރާންޗް ހުންނަނީ، ރީތިގަސް މަގު، އަމީން އެވެނިއު ޓަވަރުގެ ތިރީގައެވެ.

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ޚިދުމަތް ދޭން ފަށާފައިވަނީ 1981 ވަނަ އަހަރުގެ ތެރޭގައެވެ.