ބްލޭޒަން އިންކުންދޭ މޯލްޑިވްސް ބިޒްނެސް އެވޯޑް 2019 ރަސްމީކޮށް އިފްތިތާހުކޮށް، މި އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓްގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި އެވޯޑް ލޯންޗް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލެވެ.

ބްލޭޒަން އިންކުން ބުނީ، މިދިޔަ އަހަރު އަލަށް ހުޅުވާލި އެވޯޑަށް ގިނަ ބަޔަކު ކުރިމަތި ލާފައިވާ ކަމަށެވެ. އަދި އުއްމީދު ކުރަނީ މިދިޔަ އަހަރަށް ތުރެ ބޮޑު ތަރުހީބެއް މިއަހަރުގެ އެވޯޑަށް ލިބުންކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ބިޒްނަސް އެވޯޑް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުުތު އިމޭޖްސް: މުހައްމަދު ހައްޔާން

މިދިޔަ އަހަރުގެ އެވޯޑަށް 185 ފަރާތުން ކުރިމަތިލި އެވެ.

މިފަހަރުގެ އެވޯޑް ފަސް ކެޓަގަރީއަކުން ދިނުމަށް ވަނީ ނިންމާފައެވެ. އެއީ އިންޑަސްޓްރީ އެކްސެލެންސް އާއި އެންޓަޕްރައިޒެސް އެކްސެލެންސް އާއި އިންޑިވިޑުއަލް އެކްސްލެންސް އާއި އެލައިޓް އެވޯޑްގެ އިތުރުން، މުޅިން އަލަށް މިއަހަރު ދިނުމަށް ހަމަޖެހިފައިވާ ޕީޕަލްސް ޗޮއިސް އެވޯޑް ހިމެނެއެވެ. މި އެވޯޑްތަކަށް ކުރިމަތިލެވޭނީ ވިޔަފާރީގެ ދާއިރާގައި ދެ އަހަރުވެފައިވާ ފަރާތްތަކަށެވެ.

މި އަހަރުގެ އެވޯޑަށްވެސް އޮންލައިންކޮށް އެޕްލައި ކުރެވޭނެއެވެ.

މި ރަސްމިއްޔާތުގައި ފައްޔާޒް އިސްމާއިލް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށެވެ.

އަދި މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް މޯލްޑިވްސް ބިޒްނެސް އެވޯޑަށް ދެއްވާނެ ކަމަށް ފައްޔާޒް ވިދާޅުވެފައެވެ.