"އަހަރެމެން ވަރަށް ވަރަށް އުފާވެއްޖެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހަނިމާދޫ ރައްޔިތުންނަށް ގެނެސް މި ދެނީ އުފާވެރިކަން. ހަނިމާދޫ - ކޮޗިން ދަތުރު ފެށުމާއެކު، އަހަރެމެން ބޭސް ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ދާން ވަރަށް ފަސޭހަވެގެން ދާނެ". ހަނިމާދޫ އެއާޕޯޓުން ދިމާވި މެދު އުމުރުގެ މީހަކު ބުންޏެވެ.

ހަނިމާދޫ އެއާޕޯޓުން އިއްޔެ ދިމާވި ގިނަ މީހުން ދިޔައީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއަށް ޝުކުރު އަދާކުރަމުންނެވެ. އެއީ ރަށުގެ ތަރައްގީއަށް އިތުރު ދޮރެއް ހުޅުވައިދިނީތީއެވެ.

ހަނިމާދޫ ކޮޗިން ދަތުރުގެ ދެކޮޅު ޓިކެޓް އަގު 199 ޑޮލަރަށް އަރާއިރު ޓިކެޓްގެ އަގު ބޮޑުވެގެން ނުދާނެ ކަމަށް ރައްޔިތުން އުއްމީދު ކުރެއެވެ. އެ އަގުތައް ބޮޑުވެދާނެ ކަމުގެ ބިރު ރައްޔިތުންގެ އެބަ އޮތެވެ. އެހެން ނަމަވެސް އެ އަގުތައް ބޮޑުވެގެން ހިނގައިދާނެ ކަމުގެ "ބިރުވެރި" ކަމެއް އަދި ނެތް ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިފައިވެއެވެ.

ހަނިމާދޫ - ކޮޗިން ދަތުރުން ތިލަދުންމަތީ ރައްޔިތުންނާއި، ވިޔަފާރިވެރިންނަށް ލިބޭނީ ކޮން ފައިދާއެއް؟

ހަނިމާދޫ - ކޮޗިން ދަތުރު ފެށުމާއެކު، މުޅި ތިލަދުންމައްޗަށް ލިބިގެން މި ދިޔައީ ފަސޭހައެކެވެ. ރަށާއި ކައިރިން ބޭސް ފަރުވާއަށް އިންޑިއާއަށް އެބަ ދެވެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއެއްކަމަށްވާ "އިންޑިއާ"ގެ ފަތުރުވެރިން މުޅި ތިލަދުންމައްޗަށް ވިޔަފާރީގެ ދިރުން ގެނެސް ދޭނެއެވެ.

"ވަގުތު" އަށް ދިން އިންޓަވިއުއެއްގައި ހަނިމާދޫ ކައުންސިލް ރައީސް އަބްދުއްސަލާމް އަލީ ވިދާޅުވީ، ހަނިމާދޫ - ކޮޗިން ދަތުރު ފެށުމަކީ ހަނިމާދޫ ރައްޔިތުންގެ އިތުރުން، މި ސަރަހައްދުގެ ރައްޔިތުންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެއީ އަގުހެޔޮކޮށް އެ މީހެއްގެ ރަށާއި ކައިރިން، ދެއްތޯ ދަތުރު ކުރެވެން ލިބުމާއި، މާލެ ނުގޮސް ސީދާ އިންޑިއާއާ އާ ހަނިމާދޫ ރައްޔިތުން ރަށުގައި ތިބެފައި ދިއުން އެއީ ހުރިހާ ގޮތަކުންވެސް ރަަށަށް ލިބުނު ކުރިއެރުމެއް" ސަލާމް ވިދާޅުވިއެެވެ.

ހަނިމާދޫ އެއާޕޯޓް

އަދި ފަތުރުވެރިން ސީދާ ޑައިރެކްޓްކޮށް، ހަނިމާދޫއަށް ދަތުރުކުރެވެން ފެށީމަ، ގިނަ ފަތުރުވެރިން އަންނަ ހިތްވާނެ ކަމަށް އެ ސަރަހަައްދުގެ ވިޔަފަރިވެރިން ގަބޫލުކުރެއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ، ހަނިމާދޫއިން ކޮޗިންއަށް ދަތުރު ފެށިގެން ދިއުމުން، ސިއްހީ ފަރުވާއަށާއި އިތުރު ބޭނުންތަކަށް ދާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ރިޒްވީ ވިދާޅުވީ، މޯލްޑިވިއަންއަކީ ފަތުރުވެރިކަމަށް ރާއްޖޭގައި ކޮންޓްރިބިއުޓް ކުރަމުން އަންނަ އެއް ކުންފުނި ކަމަށާއި ހަނިމާދޫ ކޮޗިންގެ ދަތުރު ފެށުމުން މިއީ ޓުއަރިޒަމްއަށް ހުޅުވިގެންދާނެ ވަރަށް ބޮޑު ދޮރެއް ކަމަށެވެ.

ހަނީމާދޫ އޮތީ ޓުއަރިޒަމްއަށް ފައްކާވެފައި

ހަނިމާދޫގައި މިހާރުވެސް އަށް ގެސްޓް ހައުސް ހިންގައެވެ. މީގެ އިތުރުން 104 އެނދުގެ ބޮޑު ސިޓީ ހޮޓަލެއް ހިންގައެވެ. އަދި އެރަށުގައި ގެސްޓުން ވިޔަފާރި ކުރުމަށް ހާއްސަ ދެ ފިހާރަ ހިންގަމުން ދެއެވެ. އެތަންތަނުން ރަށަށް ބޮޑު ފައިދާއެއް ވަމުން އަންނައިރު، ރަށުގައި އިތުރު ގެސްޓް ހައުސް އެޅުމަށް، ޑިމާންޑް ވަރަށް ބޮޑެވެ. އަދި ރަށުގައި ޖާގަ ވަރަށް ތަނަވަހެވެ.

ދަ ބެއާފޫޓް އީކޯ ހޮޓެލް ހަނިމާދޫ

އެހެންވެ ކައުންސިލުގެ ވިސްނުން ހުރީ މިރަށުން އިތުރު ބިންތައް ފަތުރުވެރިކަމަށް ދޫކޮށް، ރަށް ފަތުރުވެރިކަމަށް ފައްކާ ކޮށްލުމެވެ.

ރަށު ކައުންސިލުން ފާހަގަކުރިގޮތުގައި، ހަނިމާދޫ އިން ރާއްޖެ އިން ބޭރަށް ކުރަމުންދާ ދަތުރުތައް އިތުރުވެގެން ދިއުމާއެކު، ފަތުރުވެރިކަމަށް އެރަށަަށާއި، ސަރަހައްދަށް އިންގިލާބީ ބަދަލެއް އަންނާނެއެވެ.

ހަނިމާދޫ - ލަންކާ ދަތުރު ފަށަން ގިނަ ބަޔަކު ބޭނުންވޭ

"ދުނިޔޭގެ އެކި މަންޒިލްތަކަށް ހާއްސަކޮށް ފާހަގަކުރެވޭ ލަންކާ. ލަންކާއަށް ފްލައިޓްތަކެއް އެޅުމަކީ ހަނިމާދޫ އާއި މި ސަަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އުދުމެއް" ސަލާމް ވިދާޅުވިއެވެ.

ސަލާމް ވިދާޅުވީ، ލަންކާއަކީ ރާއްޖެއާއި އެންމެ ކައިރީގައި ޓްރާންސިޓް ބަނދަރެއް އޮންނަ ގައުމު ކަމަށް ވާއިރު، ހަނިމާދޫން ލަންކާއަށް ޑައިރެކްޓް ފްލައިޓްތަކެއް ބޭއްވުމީި ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

ހަނިމާދޫ - ފޮޓޯ: ގޫގުލް

"އޭގެ ސަބަބުން މި ސަރަހައްދުގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ ކަަަމަށް ހާއްސަކޮށް، ބޭރުގެ ބޮޑެތި ބޯޓު ފަހަރު ހަނިމާދޫއަށް ޖައްސަން ފެށީމަ، މި ސަރަހައްދަަށާއި، މި ރަށަށް ފައިދާ ވެގެން ދާނީ" އޭނާ ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓްގެ ހާލަތު ރަނގަޅު ކުރުމަކީ ރައްޔިތުންގެ ހުވަފެނެއް

2013 ވަނަ ކުރީގެ ރައީސް ޑރ ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް، އިންޑިއާގެ ޓްރިވިންޑްރަމްއަށް ދަތުރު ކުރަމުން ދިޔައެވެ. އަދި އިއްޔެ އާ ޖެހެން ދެން ހަނިމާދޫ އިން ޓްރިވިންޑްރަމްއަށް ކޮންމެ ހަފްތާއަކު ދެ ދަތުރު ކުރަމުންދިޔައިރު، އިއްޔެއިން ފެށި ކޮޗިން ދަތުރާއެކު، މި އެއާޕޯޓަކީ ހަފްތާއަކު އިންޓަނޭޝަނަލް ފަސް ދަތުރު އޮޕަރޭޓް ކުރާ އެއާޕޯޓަކަށް ވެގެން ދާނެއެވެ.

މިގޮތަށް މި އެއާޕޯޓުން ކުރާ ދަތުރުތައް އިތުރުވި ނަމަވެސް، އެއާޕޯޓަށް ތަރައްގީ ނައުމަކީ ރައްޔިތުން ވަރަށް ހިތްދަތިވާ ކަމެކެެވެ. އަދިވެސް ބޭނުން ކުރަމުން ދަނީ އެއިރު އެޅި ރަންވޭ އާއި އެއިރު އެޅި ޓާމިނަލްއެވެ. މި އެއާޕޯޓް ރަނގަޅު ފެންވަރެއްގެ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވާން ޖެހެއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީވާން ޖެހޭ - ފޮޓޯ: ދި އެޑިޝަން

ސަލާމް ވިދާޅުވީ، ހަނިމާދޫ އަދި ސަރަހައްދުގެ ގިނަ ރައްޔިތުން އުއްމީދު ކުރަނީ މިހާރު މި އޮތް އެއާޕޯޓުގެ ހާލަތު މިއަށްވުރެ ރަނގަޅު ކުރުން ކަމަށެވެ. އަދި ބޮޑެތި ބޯޓު ފަހަރުތައް އެ އެއާޕޯޓަށް ޖެއްސޭނެ ފެންވަރަަށް ރަންވޭ ބޮޑުވެގެން ދިއުމާއި، ބޮޑު ޕެސެންޖާ ޓާމިނަލްއެއް މި އެއާޕޯޓުގައި އެޅިގެން ދިއުމަކީ އެ ސަރަހައްދުގެ ރައްޔިތުން ކުރަމުން އަންނަ އުއްމީދެކެވެ.

"އަޅުގަނޑު ވަރަށް ގިނަ ކައުންސިލްތަކާއި ބައްދަލުވެފައި ހުރީ މި ސަރަހައްދުގެ، އެ ބޭފުޅުންގެވެސް ވަރަށް ބޮޑު އުއްމީދެއް ހަނިމާދޫ އެއާޕޯޓަށް ބޮޑެތި ބޯޓު ފަހަރުތައް ޖައްސާ ހިދުމަތްތައް ލިބުން، އެ ބޭފުޅުން މިހާރު ތައްޔާރަށް ތިއްބެވީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ކުރުމަށްވެސް" ސަލާމް ވިދާޅުވިއެވެ.

ސަލާމް ވިދާޅުވިގޮތުގައި، މި ސަރަހައްދަކީ ރީތި ގޮނޑުދޮށްތައް އޮންނަ ހިސާބެއްކަމުން ގިނަ ފަތުރުވެރިން މި ސަރަހައްދުތަކަށް އައުމަށް ބޭނުންވާނެއެވެ. އެ ފަތުރުވެރިން މި ސަރަހައްދަށް ގެނެވޭނީ، ހަނިމާދޫ އެއާޕޯޓަށްވެސް ރަނގަޅު ބަދަލު ތަކެއް ގެނެސްގެންނެވެ.

ހަނިމާދޫ އެއާޕޯޓު މި ސަރުކާރުން ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން ދެމުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް ބޮޑު އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށެވެ.

"އެކަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެން ދާނެ. އެކަމުގެ ފޮނި މީރުކަން، މި ހަނިމާދޫގެ ރައްޔިތުންނަށާއި، ތިލަދުންމަތީގެ އެންމެ ރައްޔިތުންނަށް ލިބިގެންދާނެ"، އިއްޔެ ހަނިމާދޫގައި ހަނިމާދޫ - ކޮޗިން ދަތުރުތައް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މިހާރު ކަމާއި ގުޅުން ހުރި ބައެއް ފަރާތްތަކާއި ކައުންސިލުން ވަނީ ވާހަކަދައްކާފައެވެ. ނައިބް ރައީސް ފައިސަލް ނަސީމް އާއި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި އެކަމާއި ގުޅޭ މަޝްވަރާތައް ވަނީ ކުރެވިފައެވެ. އަދި ކުރިއަށް އޮތްތަނުގައި ރައީސް އާ ބައްދަލުކޮށް އެ ވާހަކަތައް ހިއްސާ ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ހަނިމާދޫ.. ތަރައްގީވެ ފައްކާވަމުން އަންނަ ރަށެއް

ފަތުރުވެރިކަން ފުޅާވެފައިވާ ހަނިމާދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ނިމިއްޖެއެވެ. އިތުރު މަޝްރޫއުތައް ދަނީ ކުރިއަށެވެ. އެގޮތުން މިހާރު ހަނިމާދޫގައި ނަރުދަމާ އޮތީ އެޅިފައެވެ. ސާފް ބޯ ފެނުގެ ހިދުމަތް ލިބެއެވެ. މަގުތަކުގައި ތާރު އެޅެމުންދާއިރު، ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

ހަނިމާދޫ

ކައުންސިލާއި ރައްޔިތުންގެވެސް އެންމެ ބޮޑު އެދުމަކީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވެ ފައްކާވެގެން ދިއުމެވެ.

އައިލެންޑް އޭވިއޭޝަނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދުރު ވިސްނުމުގެ ދަށުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން، ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ފެއްޓުމަކީ އެ ސަރަަހައްދުގެ ގިނަ ރައްޔިތުންގެ އުއްމީދެކެވެ. ހަނިމާދޫ - ކޮޗިންގެ އިތުރުން، ހަނިމާދޫ - ލަންކާ ދަތުރުތައް ފެށުމަކީ އެ ސަރަހައްދުގެ ގިނަ ރައްޔިތުންގެ އުއްމީދެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޙާމިދު

  ހަނިމާދޫއަކީ 25 އަހަރަށް ވުރެން ގިނަދުވަސްވީ އެއާޕޯޓަކާ އެކީވެސް ކުރި ނޭރި ރަށެއް. އެރަށު ރައީތުންނަށް ލިބިފަވާ ފަހި ފުރުސަތުގެ ބޭނުން ނުކުރާބަޔެއް އެއީ

  38
  2
 2. މީޒްލީ

  ކޮބައިތަ ބޭނުމަކީ "އިންޑިޔާ" ގެ ކޮޗިންއަށް ދިއުން؟ އިންޑިއާއިން ކޮންކަމެއްބާ ކޮއްދެނީ؟ އޭގެ ބަދަލްގައި ކިހާއެއްޗަކަށް ޑިމާންޑް ކުރޭބާ؟

  35
  5
 3. ޢެޑްމުންޑޯ

  މިހުރިހާކަމެއްހުރި އިރުވެސް އެރަށުގެ އުމްރާނީ ތަރައްގީ ވަރަށް ދަށްރަށެއްގެ ގޮތުގަެި ފެނިގެންދަނީ ، ރަށެއްގެ ކުރިއެރުމާއި ރައްޔިތުންގެ ތަރައްގީގެ ބައިވެރިވުން ކިތަންމެހާވެސް އެކްވާންޖެހޭނެ

  26
  2
 4. ވަގު

  މީގެކުރިންވެސް ހަނިމާދު އިންޑިޔާ ދަތުރުކުރޭ އެދަތުރުތައް ހަމަޖައްސާފަ އޮންނަނީ ލޭއޮވަ އައްދާފުލައިޓްގަ ދަންވަރު އިންޑިޔާ އައްދާންބޭނުންމީހާ ހުންނަންޖެހޭނި އެރޭހޭލާ ހަނިމާދުއައް އަންނަން ބޭނުންމީހާވެސް ހުންނަންޖެހޭނި ހޭލާ ވަރައް ބޮޑުތަކްލީފަކައްވެފައޮންނަނީ ހަނިމާދޫން އިންޑިޔާ އައްދިއުން އެހެންގޮތެއް ނެތީމަ ދަތުރުކުރަނީ އެވެސް މާލެއައްވުރެ އަގުބޮޑުކޮން ހަނިމާދު ރައްޔިތުން އުފާވެދާނެފަހަރުގަ އެއީ އެ އެއާރ ޕޯޓް ހަނިމާދުގައޮތީ ތީވެ އެނޫން އުފަލެއް އޮތްހެނެއްހިޔެއްނުވޭ ޙާމިދޫ އެމީހުން ވަރައްކަން ނެތްވާނެ

  9
  2
 5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  މިސަރުކާރުން އެކަނި ކުރިކަމެއްނޫންތީ، ހަނިމާދޫއިން ބޭރަށް ދަތުރުކުރުމަކީ. ކަލޭމެނަކީ ކޮންމެކަމެއް ދުނިޔެވަރަށް ބޮޑުކޮށްފަ އެކަމެއް އިޝްތިހާރު ކުރާބައެއް. އެހެންވީމަ ތިއޮތީ ނިކަން ބޮޑުކަމެއް ކުރެވިފަ. ރަށެއްގެ ބަނދަރުގަ ފެން އިސްކޫރެއް ބެހެއްޓިޔަސް ކަލޭމެންގެ ފެންވަރުން އެއީ މެގަ ޕްރޮޖެންޓެއް. ޓީވީތަކަށް އަރާވަރު ކަމެއް އެއީ.

  29
  7
 6. މޫސް

  މަޑުކޮށްބަލަ ބޭސްފަރުވާއަށް ދަންޔާ ވިސާޖަހަން ނުޖެހޭތަ މާލެނައިސް ވިސާޖެހޭނެތަ؟

  10
  2
 7. ވަގު

  ހާދަނުކެރުނެދޯ

  5
  1
 8. އިބްރާހީމް

  ކިއުންތެރިންނަށް އެނގިލައްވާތޯ ހަނިމާދޫ އާއި އެންމެ ށ.އަތޮޅުގެ ރަށަކުން ހަނޮމާދޫއަށްދާން 3 ހާސްރުފިޔާ ޚަރަދުކުރަންޖެހޭ މާލެ އަންނަން ލޯނޗެއްގަ 850 ރުފިޔާ ބޯޓްގަ 350 ރުފިޔާ އެހެންވީމާ ޚަރަދަށްބަލާއިރު މާލެއިން އިންޑިއާއަށްދިއުން މާޚަރަދުކުޑަ އަދިވެސް.

  19
  2
 9. ޙަބީބު

  ތީބޭކާރު ކަމެއް ހަނިމާދޫއިން ކޮޗިނައް ދަތުރު ފެށުމައްވުރެ މާރަނގަޅުވާނެ ޓުވެރި ޒަމައް ރައްތައް ތަރައްގީ ކުރިނަމަ

  10
  3