އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ވިދާޅުވީ 2020 ވަނަ އަހަރުގެ ދައުލަތުގެ އަހަރީ ބަޖެޓު، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ހ.ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި ކަމަށެވެ. ބަޖެޓާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފިނޭންސް މިނިސްޓްރީން ނުދެއްވައެވެ.

މާލިއްޔަތު ޤާނޫނުގައި ބުނެފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން އެއް މަސްދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ކިހައި ވަރެއްކަން ރަސްމީކޮށް ފިނޭންސް މިނިސްޓްރީން އިއުލާން ނުކުރި ނަމަވެސްއަންނަ އަހަރަށް ލަފާކޮށް، 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސުން އާއްމުކުރި މައުލޫމާތުން މިހަފްތާގައި ވަނީ ސާފުވެފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ 2020 އާއި 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓަޖީ ހާމަކުރަން ފިނޭންސް މިނިސްޓްރީން ނެރުއްވި ބަޔާނުގައިވާ ގޮތުން، އަންނަ އަހަރަށް އަންދާޒާކޮށްފައި ވަނީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޖުމްލަ ހަރަދަކީ 37 ބިލިއަން ރުފިޔާ ކަމަށް ބަޔާނުގައި ވެއެވެ.

އަންނަ އަހަރަށް 39 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ސަރުކާރުން ނިންމާފައި ވާކަން ހާމަވެފައިވާއިރު މިއަހަރުގެ ބަޖެޓް ހުސްވިއިރު ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.