މިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި 1.7 މިލިއަން ފަތުރުވެރިންނާއި އެކު ރާއްޖެ އިން އައު ރެކޯޑެއް ހަދައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ވިދާޅުވެފައި ވަނީ އިމިގްރޭޝަނުން ލިބުނު މައުލޫމާތުތަކައި ޓޫރިސްޓް ފެސިލިޓީސްތަކުން ދީފައިވާ މައުލޫމާތުގެ އަލީގައ 2018 ވަނަ އަހަރު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންނަށް ވުރެން 2019ވަނަ އަހަރު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަށް 14.7 އިންސައްތައިގެ އިތުރުވުމެއް މިދިޔަ އަހަރު އައިސްފައިވާ ކަމަށެވެ.

ފަތުރުވެރިން ރާއްޖެ އަންނަ މިންވަރުގެ އައު ރެކޯޑެއް ހަދާފައި ވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ވަނީ މިދިޔަ އަހަރަށް ކަނޑައެޅި އަމާޒުވެސް ވެސް ހާސިލު ކޮށްފައެވެ. މިގޮތުން އެ މަހު ރާއްޖެ އަށް ދޮޅު މިލިއަން ފަތުރުވެރިން އައިސްފައި ވެއެވެ. ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެ މިލިއަނަށް އިތުރު ކުރުމަށެވެ. މި އަމާޒަށް ވާސިލްވުމަށް ޓޫރިޒަމް މިނިސްޓްރީ އިން އަންނަނީ ގިނަ މަސައްކަތްތަކެއްވެސް ކުރައްވަމުންނެވެ.

ހުސްވި އަހަރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެއީ 49 އިއްސައްތައެވެ. ޔޫރަޕުން ޖުމްލަ 833،904 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު މިއީ އޭގެ ކުރީ އަހަރަށް ވުރެ 14.8 އިންސައްތައިގެ ކުރި އެރުމެއްކަން ފާހަގަކޮށްލެވެއެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އޭޝިޔާ ޕެސިފިކް ސަރަހައްދުންނެވެ. 705،117 ފަތުރުވެރިން އޭޝިޔާ ޕެސިފިކުން ރާއްޖެ ޒިޔާރަޔް ކުރިއިރު މިއީ 2018 ވަނަ އަހަރަށް ވުރެން 13.5 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިން އެންމެ ގިނައިން އައިސްފައިވާ ގައުމަށް ބަލާއިރު އެ ލިސްޓުގެ އެންމެ ކުރީގައި އަދިވެސް ޗައިނާ އޮތް އިރު ދެވަނާގައި އޮތީ އަވަށްޓެރި އިންޑިއާއެވެ. އަދި 3 ވަނާގައި އޮތީ އިޓަލީއެވެ.