ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ދުނިޔޭގެ އެކި ސަރަހައްދުތަކަށް އެއާލައިންތައް ދަތުރުކުރުން ހުއްޓާލި ނަމަވެސް ގަތަރު އެއާވޭސް އިން ގެންދަނީ އެ އެއާވޭސްގެ ފްލައިޓުތައް އިތުރުކޮށް އަދިވެސް ދަތުރު ކުރަމުންނެވެ.

ގަތަރު އެއާވޭސްއިން ބުނީ ދުނިޔޭގެ ގިނަ ސަރަހައްދުތަކަކަށް އެ އެއާލައިނުން ކުރާ ދަތުރުތަކަށް ފްލައިޓުތައް އިތުރު ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ޕެރިހާއި ޕާތު އަދި ޑްބަލިންއަށް ފްލައިޓުތައް އިތުރުކޮށްފައިވާނެ ކަމަށް އެ އެއާލައިން ބުނެއެވެ. މިހާރު އެ އެއާލައިނުން މަސައްކަތް ކުރަމުން އަންނަނީ ފްރެންކްފާޓު، އަދި ލަންޑަންގެ ހީތުރޯ ސީޓު އިތުރު ކުރުމުގެ ގޮތުން ގަތަރު އެއާވޭސްއިން ބޭނުން ކުރާ އެންމެ ބޮޑު މަތިންދާ ބޯޓު އޭ380 ބޭނުން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ގަތަރު އެއާވޭސްއިން މިގޮތަށް އެކި ސަރަހައްދުތަކަށް ފްލައިޓުތައް އިތުރު ކުރަމުން އަންނަނީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެނބުރި ގައުމަށް ދެވޭނެ ގޮތެއް ނެތިފައި ތިބި މީހުން ތިބުމުން އެމީހުންގެ އާއިލާތަކާއި ހަމައަށް އެމީހުން ގެންގޮސް ދިނުމުގެ ބޭނުމުގައި ކަމަށެވެ. މި ދަނޑިވަޅުގައި ވެސް އެ އެއާވޭސް އިން އަންނަނީ ދުވާލަކު 150 ފްލައިޓު އޮޕަރޭޓު ކުރަމުންނެވެ.

އެ އެއާވޭސްއިން މިހާރުވެސް އަންނަނީ 70 އަށްވުރެ ގިނަ ސިޓީތަކުން ދަތުރު ކުރަމުންނެވެ. އެ އެއާވޭސްއިން ބުނީ އެކި ގައުމުތަކުގެ ސަރުކާރުތަކާއި އެމްބަސީތަކާއި މަޝްވަރާ ކޮށްގެން އެނބުރި ގައުމަށް ދިއުމަށް ބޭނުންވެފައި ތިބި މީހުން ހުރި ސަރަހައްދުތައް ދެނެގަންނަމުންދާ ކަމަށެވެ. އެ އެއާލައިން މެދުވެރިކޮށް ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އެކަނިވެސް އެއްލައްކައަށްވުރެ ގިނަ ފަސިންޖަރުން އެމީހުންގެ ގައުމުތަކާއި ހަމައަށް ގަތަރު އެއާވޭސްއިން ވަނީ ގެންގޮސްދީފައެވެ.

އެ އެއާވޭސްއިން މީހުން އުފުލުމުގެ އިތުރުން އެކި ގައުމުތަކަށް ސިއްހީ އެކި އާލާތްތައް ފޯރު ކޮށްދިނުމުގެ މަސައްކަތް ވެސް އަންނަނީ ކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާނެ، ދާނެ.

    ފާނެ، ދާނެ ކިޔަން ތިއްބާ އެތައް ބަޔެއްގެ ފުރާނަ ހިފައިފެން ވައިސް ނެތިގެން ދާނީ ހެން ހީވަނީ. އޭރުން ތި ހޯދި ވެކްސިނާ ބޭސްތަކުގެ ބޭނުމެއް ނުޖެހޭނެ.