ގަތަރު އެއާވޭސްގެ ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ދީޕިކާ ޕަޑުކޯން ހަމަޖައްސައިފިއެވެ.

އިންޑިޔާގެ އިތުރުން އެހެން ޤައުމުތަކުގައި ވެސް މަޤްބޫލުކަން ހޯދާފައިވާ ދީޕިކާ މިކަން އިއުލާންކޮށްފައި ވަނީ ނިމިދިޔަ އަންގާރަ ދުވަހު ޕޯސްޓްކުރި ވީޑިއޯއެއްގައެވެ. އިންސްޓަގްރާމްގައި ޕޯސްޓްކުރި އެއް މިނިޓްގެ ވަގުތުކޮޅަކަށް ދިގުދެމިގެންދާ މި ވީޑިއޯގައި ދުނިޔޭގެ އެންމެ މަޤްބޫލު އެއާލައިންގެ މަޤާމް ހޯދާފައިވާ ފަސް ތަރީގެ ޤަތަރު އެއާވޭސްގެ ފްލައިޓްއެއްގައި ބަތަލާ ދީޕިކާ ޚިދުމަތް ހޯދަމުންދާ ތަން ފެނިގެންދެއެވެ.

މި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރަމުން ދީޕިކާ ބުނެފައިވަނީ އެ ފަދަ ދެވަނައެއް ނެތް ޤަތަރް އެއަރވޭސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރކަން ލިބުމުން އެކަމާއި އޭނާ ވަރަށް އުފާކުރާ ކަމަށެވެ. އަދި އެކަން ޤަބޫލުކުރަންވެސް ދަތިކަމަށް އޭނާގެ އިންސްޓަގްރާމްގައި ދީޕިކާ ބުނެފައިވެއެވެ.

ޕޯސްޓް ފެނުމާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުގައި ތިބި ދީޕިކާގެ ސަޕޯޓަރުން ވަނީ އޭނާއަށް މަރުހަބާ ކިޔާފައިއެވެ. އަދި މިއީ މިހާރުވެސް އެހާމެ މަޝްހޫރު ގިނަ ބްރޭންޑްތަކުގެ އެމްބެސެޑަރކަން ކުރަމުންދާ ދީޕިކާއަށް ލިބުނު އިތުރު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone)

ދީޕިކާ އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ ބޮލީވުޑް ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލާފައިވާ 'ޕަތާން' އެވެ. 'ޕަތާން'ގެ ކާމިޔާބީއަށް ފަހު ދީޕިކާގެ ކެރިއަރ އައު އުސްމިންތަކަކަށް ދަތުރުކުރަމުންދާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ޕަތާންއަށް ފަހު އަދިވެސް އިތުރު ފިލްމުތަކުން ދީޕިކާ ފެނިގެންދާނެއެވެ. އޭގެ ތެެރޭގައި ރިތިކް ރޯޝަން އާއިއެކީ ހަރަކާތްތެރިވާ ފިލްމް "ފައިޓަރ" އަދި ޕްރަބާސްއާއި އެކީ "ޕްރޮޖެކްޓް ކޭ" އިން އޭނާ ފެނިގެންދާނެއެވެ.