ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ބާއްވައި ތިން ޖަމިއްޔާއަކަށް ފައިސާގެ އެހީ ދީފިއެވެ.

ބީއެމްއެލްއިން ބުނީ، ބީއެމްއެލްގެ ސްޓާފް ޗެރިޓީ ރަން ކުރިއަށްގެންގޮސްފައި ވަނީ އެ ބޭންކްގެ 200 މުވައްޒަފުންނާ އެކުގައި ކަމަށެވެ.

މި ދުވުން ކުރިއަށްގެންގޮސްފައި ވަނީ އިއްޔެ ހެނދުނު ހުޅުމާލެގައެވެ. ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތިން ފެށި ދުވުން ނިންމާލީވެސް ސެންޓްރަލް ޕާކު ސަރަހައްދަށެވެ. މިއީ މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކުން ކޮންމެ އަހަރަކުވެސް ބާއްވާ ހަރަކާތެކެވެ.

ބީއެމްއެލްގެ ޗެރިޓީ ރަން – ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ޗެރިޓީ ރަން – ފޮޓޯ: ބީއެމްއެލް

ދުވުން ނިންމާލުމަށްފަހު ތިން ޖަމިއްޔާއަކާއި އެ ބޭންކުން ވަނީ ފައިސާގެ ރަމްޒީ ޗެކް ހަވާލުކޮށްފައެވެ. ބޭންކުގެ ފަރާތުން ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އެންޑްރޫ ހީލީއެވެ.

ބީއެމްއެލްގެ ޗެރިޓީ ރަން – ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ޗެރިޓީ ރަން – ފޮޓޯ: ބީއެމްއެލް

ބޭންކްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިން ތިން ޖަމިއްޔާއަކީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިސިކަލް ޑިސޭބަލްސް އަދި ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަނެވެ. މި ތިން ޖަމިއްޔާއަށް ފައިސާގެ އެހީ ގޮތުގައި ބޭންކުން ވަނީ 90،000 ރުފިޔާ ދީފައެވެ.

ބީއެމްއެލް އިން ބުނީ، ދިވެހި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މި މަސް ތެރޭގައި އިތުރު ކަންތައްތަކެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ.