އަގުބޮޑު އިނާމްތަކާއި އެކު ދިރާގުން ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ. މިއަދު ދިރާގް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުން މިއަހަރުގެ ރޯދަމަހަށް ކަނޑައަޅާފައިވާ ޕްރޮމޯޝަން ޕެކޭޖުތަށް ވަނީ ތައާރަފްކޮށްފައެވެ.

އެގޮތުން ރޯދަ މަހަށް ހާއްސަ ޑޭޓާ ޕެކޭޖުތަކެއް ދިރާގުން ވަނީ ތައާރަފްކޮށްފައެވެ.

ރޯދަ ޕެކްގެ ނަމުގައި ތައާރަފްކުރެވިގެންދަ ޑޭޓާ ޕެކޭޖުތަކާއި ބެހޭ ގޮތުން ވާހަކަދައްކަމުން ދިރާގުގެ ކޮންސިއުމާ މާކެޓް މެނޭޖަރ ޖަނާ އިބްރާހިމް ވިދާޅުވީ ދިރާގުން މިފަހަރު ތައާރަފްކޮށްފައިވަނީ އެއް ޖީބީ އާއި ހަތަރު ޖީބީގެ ޑޭޓާ ޕެކޭޖުތަކެއް ކަމަށެވެ. އަދި ކޮންމެ ޕެކޭޖަކާއި އެކު އިތުރު އެއް ޖީބީ މީސްމީޑިއާ އެޕްލިކޭޝަންތަށް ބޭނުން ކުރުމަށް ލިބިގެންދާނެ ކަމަށް ޖަނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދިރާގުން މިފަހަރު ތައާރަފްކޮށްފައި މިވަނީ އެއް ޖީބީ އަދި 4 ޖީބީގެ ޑޭޓާ ޕެކޭޖުތަކެއް. މި ޑޭޓާ ޕެކޭޖުތަކާއި އެކު ސޯޝަލް މީޑިއާ ބޭނުން ކުރަން އިތުރު އެއް ޖީބީ ލިބިގެން ދާނެ. އަދި އެއް ޖީބީގެ ޑާޓާ ޕެކޭޖު މިއުޅެނީ 120 ރުފިޔާއަށް. ހަތަރު ޖީބީގެ ޑާޓާ ޕެކް މިއުޅެނީ 250 ރުފިޔާއަށް. މި ޕްރޮމޯޝަންގައި ޕޯސްޕެއިން އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ" ޖަނާ ވިދާޅުވިއެވެ.

އަދި ދިރާގްގެ ރޯދަ ޕެކްއިން ދިރާގަށް ލިބޭ ފައިސާގެ 10 އިންސައްތަ އެ ޑޭޓާ ޕެކް ބައްލަވައިގަތް މީހުންގެ ނަންމަތީގައި ހިތުގެ ބަލިތަށް ހުންނަ ކުޑަކުދިންނަށް އެހީވާ ޖަމިއްޔާއެއް ކަމަށްވާ "ޓައިނީ ހާޓްސް" އަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމުގައިވެސް ޖަނާ ވިދާޅުވިއެވެ.

މީގެއިތުރުން ދިރާގުން ވަނީ ކޮންމެ ހަފްތާއަކު ނަސީބުވެރި އެއްފަރާތަކަށް ދެމީހެއްގެ އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަންއެއް ވެސް ފަށާފައެވެ.

މީގެއިތުރުން، ފޮޓޯ ނަގަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން އިންސްޓަގްރާމްގައި "ރޯދަ މޯމެންޓްސް" ގެ ނަމުގައި ފޮޓޯ މުބާރާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމުގައިވެސް ދިރާގުން ބުނެއެވެ.

" އަޅުގަނޑުމެންވާނެ އިންސްޓާގްރާމްގައި " ރޯދަ މޯމެންޓްސް" ގެ ނަމުގައި ހާއްސަ ފޮޓޯ މުބާރާތެއް ކުރިއަށް ގެންދަން ނިންމާފަ. މި މުބާރާތުގައި ބައިވެރިވުމަށް ޖެހޭނީ ރޯދައާއި ގުޅުންހުރި ފޮޓޯއެއް ހޭޝްޓެގް ރޯދަ މޯމެންޓްސް ޖަހާފައި އަޕްލޯޑް ކުރަން. އަދި މި މުބާރާތުގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ހަފްތާއަކު ގޯޕްރޯ ހީރޯ ސިކްސްއެއް ލިބިގެންދާނެ" ދިރާގުގެ އެސިސްޓެންޓް މެނޭޖަރ އިން އެޑްވަޓައިސިންގް އިވެންޓްސް ހަސަން ޝާއިރު އާދަމް ވިދާޅުވިއެވެ.

އަދި ޓްވިޓަރ ބޭނުންކުރާ ފަރާތްތަކަށް " މީ ކޯޗެއް " ގެ ނަމުގައި މުބާރާތެއް ކުރިއަށް ގެންދާނެ ކަމަށާއި އެ މުބާރާތުން އެންމެ ގިނަ ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ގުރުއަތުލައި ގުރުއަތުން ހޮވޭ ފަރާތަކަށް ސީހައުސް މޯލްޑިވްސް އިން ފަސް ބޭފުޅަކަށް ރޯދަ ވީއްލުމެއް ލިބޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

އަދި ރޯދަމަހުގެ ކޮންމެ ދުވަހަކު އެ މުބާރާތް ކުރިއަށް ގެންދާއިރު ރޯދަމަހުގެ ކޮންމެ ރެއެއްގެ 10 ޖަހާއިރު ދިރާގުގެ ޓްވިޓަރ އަށް މައިކްރޯ ފޮޓޯއެއް އަޕްލޯޑުވާނެ ކަމަށާއި އެފޮޓޯގައި ވާ އެއްޗެއް ދިމާކުރުމުގެ ފުރުސަތު ހުޅުވާލެވިފައި އޮންނާނީ ރޭގަނޑު 10- 12 އަށް ކަމަށްވެސް ދިރާގުން ބުނެއެވެ.

ރޯދަމަހަކީ ގިނަ ދިވެހިން ސައުދީ އަރަބިއްޔާއަށް ދަތުރު ކުރާނެ އަހަރެއް ކަމުން ސައުދީއަށް މިނެޓަކަށް އެންމެ 1.88 އަށް ގުޅޭނެ ޕެކޭޖެއްވެސް ދިރާގުން ވަނީ ތައާރަފްކޮށްފައެވެ.