ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ދިރާގުން "ޕެރެޑައިކް ޝިފްޓް އިން ޑިޖިޓަލް ހެލްތްކެއާ" ގެ ނަމުގައި އޮންލައިން ވެބިނާއެއް ބާއްވައިފިއެވެ.

ދިރާގުން ބުނީ، މި ވެބިނާ ބާއްވާފައިވަނީ ދިރާގު "އެއްވުން" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މި ވެނިބާގައި ހޮސްޕިޓަލްތަކާއި ކްލިނިކް ތަކުގެ ސިއްހީ ހިދުމަތްތެރިންގެ އިތުރުން ހެލްތް މިނިސްޓްރީގެ ގިނަ ސިއްހީ ދާއިރާގެ މީހުން ވަނީ ބައިވެރިވެފައެވެ.

މި ވެބިނާގެ ކީނޯޓު ސްޕީކާ އަކީ ޑިޖިޓަލް ހެލްތް އަދި އީޖާދީ މީގެއިތުރުން ވިޔަފާރީގެ ދާއިރާއިން 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯގެ ސްމާޓް ހެލްތް ލީޑާޝިޕް ސެންޓަރުގެ ޗީފް ޑރ. އެޑަމް ޗީ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އޭނާ ވަނީ މި ވެބިނާގައި ހެލްތް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ބަލި މީހުންނަށްވެސް ޑިޖިޓަލް ހެލްތް ކެއާގެ މުހިންމު ކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.އަދި އޭނާ ވަނީ ކޮވިޑް-19ގެ މި ހާލަތުގައިވެސް ޑިޖިޓަލް ހެލްތްކެއާ ގެ މުހިންމު ކަން ވެބިނާގެ ބައިވެރިންނަށް ސާފު ކޮށްދެއްވާފައެވެ.

ދިރާގުން ބޭއްވި މި ވެބިނާގައި "މަގޭ މެމޯ"ގެ ނަމުގައި ވަނީ ހާއްސަ އެޕްލިކޭޝަނެއް ތައާރަފް ކޮށްފައެވެ. މި އެޕްލިކޭޝަންގެ ސަބަބުން ޑޮކްޓަރުންގެ ޑިއުޓީ ގަޑިތަކާއި އެޕޮއިންޓްމެންޓްތައް ހަދައި އޭގެ މައުލޫމާތު ލިބިގެން ދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މި އެޕްލިކޭޝަނުން ބޭސްފިހާރަ ދިއުމުގެ ކުރިން ޑޮކްޓަރު ދެއްވާފައިވާ ބޭހަށް އަރާނެ އަދަދުވެސް އެނގިގެން ދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ ބަޔަކު ދަންނަ އިންޓާނަލް މެޑިސިން ދާއިރާއިން 38 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑރ. އަބްދުލް އަޒީޒު ޔޫސުފް އާއި ސުވާލު ކުރުމުގެ ފުރުސަތުވެސް ދިރާގުން ވަނީ ވެބިނާގެ ބައިވެރިންނަށް ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު