އޮކްޓޯބަރު މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެއަށް 8،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަދު އިމިގްރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މި މަހުގެ 15 ވަނަ ދުވަހާއި ހަމަޔަށް ޖުމްލަ 27،217 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ބޯޑަރު ހުޅުވާލިތާ ދެވަނަ މަހާއި އަޅައި ބަލާއިއިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 56 އިންސައްތަ އަށް އިތުރުވެފައި ކަމަށް ވެސް އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިން ޒިޔާރަކޮށްފައިވާ މިންވަރު ވޭތުވެވިދިޔަ ދެމަހަށްވުރެ އިތުރެވެ.

މިމަހުގެ 15 ވަނަ ދުވަހާއި ހަމަޔަށް ހަތަރު ދުވަހު 1000 ފަތުރުވެރިންނަށްވުރެ ގިނައިން ރާއްޖެއަށް ދަތުރުކޮށްފައިވާއިރު ޖުމްލަ މި ދުވަސްތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ، 8،350 ފަތުރުވެރިންނެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވުމަށް ފަހު ޖުލައި މަހުގެ ބާކީ އޮތް ތަނުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ދުވާލަކަށް އެވްރެޖްކޮށް 100 ފަތުރުވެރިންނެވެ. އެއައްފަހު އޮގަސްޓު މަހުގެ ފަހު 15 އިން ފެށިގެން ވަނީ ފަތުރުވެރިކަން ކޮންމެވެސް ރަނގަޅުވާން ފަށާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އައި ބޮޑު ލޮޅުމަށްފަހު ރާއްޖޭގެ އިގްތިސާދުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ކަމާއި ގުޅުންހުރި ހުރިހާ އިރާރާތަކެެއް ގުޅިގެން މިހާރު އަންނަނީ ފަތުރުވެރިކަން އިހުނަށްވުރެ ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.