މި އަހަރުގެ އޭޕްރީލް މަސް ނިމުނުއިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 12 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރުއްވި ތަފާސް ހިސާބުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއަށް 119,713 ފަތުރުވެރިން ޒިޔާރަށްކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ 4 މަސްތެރޭގައި ޖުމްލަ 539,816 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފއިވާ 478,827 ފަތުރުވެރިންނަށް ބަލާއިރު މިއީ 12 އިންސައްތައިގެ ކުރިއެރުމެވެ.

2018 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. އެއީ ޒިޔާރަތްކުރި ފަތުރުވެރިންގެ 55.9 އިންސައްތައެވެ. މިގޮތުން 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް މިސަރަހައްދުން ޖުމްލަ 301,567 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތަށް ބަލާއިރު 18.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ވަކިވަކި ޤައުމުތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އެއީ ޒިޔާރަތްކުރި ފަތުރުވެރިންގެ 16.2 އިންސައްތައެވެ. މިލިސްޓްގެ ދެވަނައިގައި 9.2 އިންސައްތައާއެކު އިޓަލީ އޮތްއިރު، 8.1 އިންސައްތައާއެކު ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

2018 ވަނަ އަހަރު އޭޕްރީލް މަހުގެ ނިޔަަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް ރެޖިސްޓުރީ ކުރެވިފައިވާ 42،478 އެނދުގެ ތެރެއިން، 41،046 އެނދު އެވްރެޖްކޮށް އޮޕަރޭޓް ކުރެވިފައިވާއިރު، މިމުއްދަތުގެ ތެރޭގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދުވަނީ 14.6 އިންސައްތަ އިތުރުވެފައެވެ.