ރަޝިއާގެ "އަޒުރު އެލާއިން" އިން މިމަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި، ހަފްތާއަކު އެއް ދަތުރު ކުރުމަށް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ވަނީ ޝެޑިއުލްކޮށްފައެވެެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ފިނިމޫސުމާ ދިމާކޮށް ކަމަށް ވެސް އަޒުރުއެއާލައިނުން ވަނީ ހާމަކޮށްފައެވެ.

މި ދަތުރުތައް ކުރާނީ ރަޝިއާގެ މޮސްކޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެެވެ.

މިއީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރާ އެ ގައުމުގެ ތިންވަނަ އެއާލައިނެވެ. އެ އެއާލައިިން ހިމެނޭހެން ރަޝިއާގެ އޭރޯފްލޮޓުން އަދި ރޮސިއާ އެއާލައިނުން ވެސް ރާއްޖެއަށް ވަނީ ޝެޑިއުލް ދަތުރުތައް ފަށައިފައެވެ.

މީގެ ކުރިން ވެެސް އަޒުރު އެއާ އިން ރާއްޖެއަށް ދަތުރުތައް ކުރިއެވެެެ. އެ ދަތުރުތައް ހުއްޓާލީ ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމުންނެެވެެ. މި އެއާލައިނުން ރާއްޖެއަށް ދަތުރު ފެށުމާއެކު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ޖުމްލަ އަދަދު 16 އަށް އަރާނެއެވެ.

ޖުލައި 15 ވަނަ ދުވަހު ފަތުރުވެރިކަމަށް ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ގައުމަކީވެސް ރަޝިއާއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެއް ލައްކަ އަށް އެރުވުމެވެ. ރާއްޖެއަށް މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ބައި ލައްކައަކަށް އަރާފައިވާއިރު، މިމަހުގެ 11 ވަނަ ދުވަހުގެެ ނިޔަލަށް ރަޝިއާ އިން ވަނީ 11،240 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

ރަޝިއާ އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަށް ވެފައި ވާއިރު ރާއްޖެއަކީ މީގެ ކުރިން ވަރަށް ގިނަ ގައުމުތަކެއްގެ މެދުގައި މަގުބޫލްކަން ހޯދައިފައިވާ ގައުމެކެވެެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް އައި ލޮޅުމާއި އެެކު ރާއްޖެއައް ފަތުރުވެރިން އާންމުކޮށް މީގެ ކުރިން އައި ގައުމުތަކުންވެސް ފަތުރުވެރިން އަންނަ މިންވަރު ވަނީ މަދުވެފައެވެ.