(އައްޑޫ ސިޓީ ގަން) ހުވަދު އަތޮޅުގެ ރިސޯޓްތަކާއި އަދި ފުވައްމުލައް ގުޅުވުމަށްޓަކައި، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކުރަމުންދާ، ސީޕްލޭން ޓާމިނަލްގެ މަސައްކަތް އަންނަ މަހުގެ މެދު ތެރޭގައި ނިންމައި، މޯލްޑިވިއަން އާ ޙަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީ (އޭއައިއޭ) ން ބުނެފިއެވެ.

އައްޑޫ އާއި ހުވަދޫ އަތޮޅާއި އަދި ފުވައްމުލަކަށް، ސީޕްލޭން ދަތުރުތައް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ގަން އެއާޕޯޓް ހިންގަމުންދާ، އޭއައިއޭގެ މެނޭޖިން ޑިރެކްޓަރ ޤައިސް ނަޞީރު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން މިހާރު ތަރައްޤީ ކުރަމުން ދަނީ ސީޕްލޭން ޓާމިނަލް އިތުރަށް ތަރައްޤީ ކުރުމުގެ މަަސައްކަތް ކަމަށެވެ.

އެ މަސައްކަތް ކުރަމުން ދަނީ އޭއައިއޭއިންނެވެ. އެ މަސައްކަތް ކުރުމަށް އެއްވެސް ބަޔަކާއި އައުޓްސޯސް ކޮށްފައެއް ނުވެއެވެ. އައިލެންޑް އޭވިއޭޝަންގެ ލަފާގެ މަތިން އެ މަސައްކަތް ކުރިއަށްދާއިރު، އެ މަސައްކަތް ކުރަމުން ގެންދަނީ 100 ޕަސެންޓް ދިވެހި މުވައްޒަފުންނެވެ. އޭގެ ތެރެއިން %99 މުވައްޒަފުންނަކީ އައްޑޫއަށް ނިސްބަތްވާ މުވައްޒަފުންނެވެ.

ގަން އެއާޕޯޓް ހިންގަމުންދާ، އޭއައިއޭގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު"ވަގުތު"އަށް މައުލޫމާތު ދެއްވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އޭއޭއައިން މަސައްކަތް ކުރަމުން އަންނީ ކުރަނީ ޖެނުއަރީ މަސް ތެރޭގައި ޓާމިނަލްގެ މަސައްކަތް ނިންމާލުމަަށެވެ.

"ސީޕްލޭން ޓާމިނަލް އެއްކޮށް މި ހަދަނީ އަޅުގަނޑުމެން، ޕްލެޓްފޯމްތައްވެސް ބަދަލު ކުރަން ޖެހޭ، ވަރަށް ގިނަ ކަންތައްތައް އެބަ ހުރި" ގައިސް ވިދާޅުވިއެވެ.

މޯލްޑިވިއަންއާއެކު ސޮއި ކުރެވިގެން ދިޔަ އެ އެގްރީމެންޓްގައިވާގޮތުން 45 ދުވަސް ތެރޭގައި ޓާމިނަލްގެ މަސައްކަތް ނިންމައި، އޮޕަރޭޝަނަށް ގެންނަން ޖެހެއެވެ. އެހެން ނަމަވެސް އެ މަސައްކަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް ވަނީ އައިސްފައެވެ.

އައްޑޫ އާއި ހުވަދޫއާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު

"އަޅުގަނޑުމެންނަށް ޕްރޮކިއުރ ކުރުމުގައި ދަތިތަކެއް ހުރެގެން ތަންކޮޅެއް ލަހުން ކުރިއަށް މި ދެެވެނީ، އެއީ ސީޕްލޭން މިކޮޅުގައި ގާއިމް ކުރާ ކަމުގައިވަންޏާމުން އެތާގައި މެއިންޓެނެންސް ޑޮކްވެސް ނިމެން ޖެހޭ، އެތަނުން ފެން ލިބުމާއި، އެކަހަލަ ވަަރަަށް ގިނަ ކަންތައްތަކެއް ހުރޭ ފުރިހަމަ ކުރަން ޖެހޭ، އެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަ ދޭ." ގައިސް ވިދާޅުވިއެވެ.

ޤައިސް ވިދާޅުވީ، މެއިންޓެނެންސް ޑޮކް އެއް ބަދަލު ކުރަން ޖެހޭއިރު، ޑޮކްގައި ބޭނުން ކުރާ ބައެއް ކަހަލަ ސާމާނުތައް މާލެ އިންވެސް ވަނީ ލިބޭގޮތް ވެފައި ނުވާ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް ތަރައްގީ ކުރާ ސަހަރަހައްދު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެއީ ވަރަށް ބޮޑު ޑިލޭއެއް އަންނާނެ ކަމެއް، އެތަކެތި ނުލިބޭތީވެ،" ގައިސް ވިދާޅުވިއެވެ.

ޤައިސް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއު ނިމިގެން ދާއިރު، އެތަނުގައި އެއްފަހަރާ ދެ ސީޕްލޭންއަށް ހިދުމަތް ދެވޭނެއެވެ.

އޭއޭއި އިން ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަމުންދާއިރު، އެ ސަރަހައްދުގެ އެއްގަމު ތޮށިލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން ޓާމިނަލަށް ދަތުރުކުރާ މަގުގައި އެއްކޮށް ތާރުއަޅާ ގޮތަށްވެސް ވަނީ ނިންމާފައެވެ.

ސީޕްލޭން ޓާމިނަލް ސަރަހައްދުގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރިއަށް ދޭ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އައްޑޫގައި ސީޕްލޭންގެ ދަތުރުތައް ފެށުމަށް މީގެ ކުރިން ޓީއެމްއޭއާއެކުވެސް މަސައްކަތް ކުރިއަށް ދިޔަ އެވެ. ނަމަވެސް ޓީއެމްގެ އެގްރީމެންޓްގައި އޭއައިއޭގެ ރޯލެއް ނެތް އިރު، އެ މަސައްކަތް ކުރަމުން ދިޔައީ ޓީއެމްއޭ އިން ކަމަށެވެ.

"އެބޭފުޅުން އެތަން ބެލެހެއްޓުމާއި، ތަން ހެދުމާއި، ހުރިހާ ކަމެއް ކުރަމުން ގެންދިޔައީ"

ސީޕްލޭން ދަތުރުތަކަކީ ޝެޑިއުލް ދަތުރުތަކެއް ނޫނެވެ. އެއީ ޗާޓާޑް ދަތުރުތަކެކެވެ.

އާ ސީޕްލޭން ޓާމިނަލް ތަރައްގީ ކުރާ ސަހަރަހައްދު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭއައިއޭ އިން ތަރައްގީ ކުރަމުންދާ ސީޕްލޭން ޓާމިނަލް އަށް ބަލާއިރު، ކުރިން ހުރި ޓާމިނަލް މުޅިން އާ ޓާމިނަލްއަކަށް ބަދަލު ކުރަން ވަނީ ނިންމާފައެވެ. އެގޮތުން ކުރިން ހެދި ޓާމިނަލްގެ އެތެރެއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެއެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން ޑެޕިޔުޓީ ޓާމިނަލް މެނޭޖަރ ސުލްތާން ސައީދު ވިދާޅުވީ، ޓާމިނަލް އެތެރޭގައި އަންނަ ފަސެންޖަރުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ދެވޭ ގޮތަށް ކަމަށެވެ.

"ކެންޓީން ސާވިސް ހުންނާނެ، ބޯޑިންގ ގޭޓްތަކުގެ ހުރިހާ ފެސިލިޓީތަކެއް ހުންނާނެ، ޓާމިނަލް ވީއައިޕީ ލައުންޖް ހުންނާނެ ގެސްޓުންނަށް މަޑުކޮށްލެވޭ ގޮތަށް" ސުލްތާން ވިދާޅުވިއެެވެ.

ސުލްތާން ވިދާޅުވީ، މީގެ އިތުރުން އެތަނުގެ ތެރޭގައި ޓެކްނިކަލް ފެސިލިޓީ އާއި މެއިންޓެނެންސްއަށް ބޭނުންވާ ފެސިލިޓީ އާއި އިންޖީނިއަރިންގ އާއި ސްޓޯރޭޖް އާއި ލަޖެގް ބޯޑިންގ އޭރިޔާ އާއި އައިޓީ ރޫމެއްވެސް ހުންނާނެ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް، މިތަނުގެ މަސައްކަތް ކުރަމުން ދަނީ އޭއައިއޭގެ މުވައްޒަފުން-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ބޭނުންވަނީ ޖެނުއަރި 15 އައުމުގެ ކުރިން ޓާމިނަލްގެ މަސައްކަތް ނިންމާލާފައި މޯލްޑިވިއަން އާ ހަވާލު ކުރަން، ކޮންމެ ދުވަހަކު 15 ގަޑިއިރު 16 ގަޑިއިރު މި މަސައްކަތް ކުރަނީ، ހެނދުނު 7:00 އިން ފަށައިގެން ރޭގަނޑު 20:00، 21:00 ޖަހަންދެން ސްޓާފުން މަސައްކަތް ކުރޭ" ސުލްތާން ވިދާޅުވިއެވެ.

އޭއައިއޭއިން ބުނީ، ސީޕްލޭންގެ އޮޕަޜޭޝަން އަންނަ ޖެނުއަރީ މަސް ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.

"ވަގުތު"އަށް ފޯނުން ދިން އިންޓަވިއުއްގައި މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ، ޓާމިނަލް މަސައްކަތް ނިންމައި، މޯލްޑިވިއަން އާ ހަވާލުކުރާ ހިސާބުން، ބޭސް ކުރުމަށްފަހު މަސައްކަތް ފަށައިގަންނާނެ ކަމަށެވެ. މިހާރު މަޑުކޮށްފައި ހުރީ އެ ޓާމިނަލް މަސައްކަތް ނިމެން ދެން ކަމަށް ރިޒްވީ ވިދާޅުވިއެވެ.

އައްޑޫގައި ސީޕްލޭންގެ ދަތުރުތައް ފެށުމަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ދެކުނުގެ ރިސޯޓްތަކާއި ގުޅިގެން ދާނެ ފަސޭހަ މަގަކަށް ވެގެންދާނެއެވެ. އޭއައިއޭ އަދި މޯލްޑިވިއަންއާ އައްޑޫ ރައްޔިތުންގެ އުއްމީދަކީ ވެސް މިއީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ފަސެންޖަރުންގެ އަދަދު އިތުރުވެ، މުޅި ދެކުނުގެ ތަރައްޤީއަށް ހުޅުވޭ އާބާބަކަށް ވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިބެއްޔާ

    ގަން އެއަރޕޯޓަށް އަންނަ ގިނަ ޓޫރިސްޓުން ހުވަދޫ ރިސޯޓުތަކަށް ދާން ތިތަން ބޭނުން ކުރާކަމަށް ވަނީ ނަމަ ހުވަދު އަތޮޅު އިންޓަނޭޝަނަލް އެއަރޕޯޓް ނިމުމުން ތި ސީ ޕްލޭންގެ ބޭނުން ވަރަށް ބޮޑުތަން ދަށް ވާނެ.. ދެން އުފެދޭ ސުވާލަކީ ތިތަން އަސްލު އަޅަންވީ ހުވަދު އަތޮޅުގައި ތޯ ނުވަތަ އައްޑު އަތޮޅުގައި ތޯ.. އައްޑު އަތޮޅަކީ އަކީ ދަޑުވެރި އަތޮޅެއް ޓޫރިޒަމަށް މުސްތަޤުބަލެއް އޮތްތަނެއް ނޫން..

    10
    4
  2. ހުވަދޫ ދަރިން

    ސީޕްލޭންގެ ސަބަބުން ހުވަދޫގައި މިހާރު ހުވަދޫގައި ހިގަމުން އަންނަ ވިތަފާރިތަކަށް ކުރާނެ ނޭދެވޭ އަސަރަތުކާއި ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނެ އިގްތީސާދީގޮތުން ލިބޭނެ ގެއްލުން ބަލާލަންއެބަޖެހޭ ، މިގޮތުން މިހާރު ހިގަމުންދާ 3 އެއަޕޯޓަށް އަންނަ ފަތުރުވެރިންގެ %80 އަކީ ގެސްޓުން ، މިގޮތުން ޕީކްގައި ކާޑެއްދޫ/ކޫއްޑޫ އަށް ދުވާލަކަށް 8 ފްލައިޓް އޮވޭ. ޢަދި މާވަރުލާއަށް ހަފްތާއަކު 3 ފްލައިޓް އޮވޭ . މިބަދަލާއެކު ހުވަދޫގެ އެއަޕޯޓްތަކަށް އަންނަ ފަތުރުވެރިން އެއްކޮށް ހުއްޓި ސަރައްހައްދުގެ ރައްޔިތުންގެ މިހާރު ލިބެމުންދާ ތަނަވަސް އެއްކޮށް ހުޓިގެންދާނެއެވެ . ސީޕްލޭންގެ ސަބަބުން ހުވަދުގައި ހުރި ޑޮމެސްޓިކް އެއަޕޯޓްތައް ގެއްލުންވެ ތަރައްގީކުރުމަށް ހުރަސްއެޅި އެތަންނަނުގެ މަސްކަތްކުރަމުންދާ މުއައްޒަފުން ވަޒިފާގެއްލުން އެކަށީގެންވޭ...

    2
    2
  3. ޑައިވަރޭ

    ރީތި ބީޗެއްނެތް ރިސޯޓު ހަދާނެ ރަށެއްނެތް މިހުރިހާހަމެއް ހުވަދޫގަ ފުރިހަމަ، ހުވަދޫގަ ނޫންތޯ ތިކަން ކުރަންވީ..
    އައްޑޫ ހަމަ ރަގަޅީ މިރުސް ހައްދަން

    4
    5
  4. ހުވަދޫ ދަރިން

    ސީޕްލޭންގެ ސަބަބުން ހުވަދޫގެ އެއަޕޯޓްތަކާއި މިހާރުހިގަމުންދާ ވިޔަފާރިތަކަށް ގެއްލުންވެ ޑޮމެސްޓިކް އެއަޕޯޓްރައް ތަރައްގީ ކުރުމަށް ހުރަސްއެޅި ތަނުގެ މަސައްކަތް ކުރަމުންދާ މުވައްޒަފުން ވަޒިފާގެއްލުން އެކަށީގެންވޭ ، ހުވަދޫގައި އިންޓަނޭޝަނަލް އެއަޕޯޓެއް އޮންނަންޖެހޭ

    3
    3
  5. ސުވަދީވް

    ސަރުކާރުން ދެވަނަ ވިސްނުމަކަށް ގޮސް، ހުވަދޫ އައްޑޫ ފުވައްމުލައް ރައްޔިތުންގެ މުސްތަޤުބަލަށް އެދޭނަމަ ތި އަޅަންވީ ހުވަދޫގައި.. މާތްﷲ އިރާދަ ކުރެއްވިއްޔާ ހުވަދޫ ވެގެންދާނީ މުޅި ދެކުނާއި މުޅި ދިވެހި ދައުލަތަށް "ޑޮލަރު" ޕަންޕް ކޮށްދޭ މެއިން ތަނަކަށް.. ދައުލަތް އެ ތަނަކަށް ބަރޯސާ ވާތަނަކަށް.. ހަމަ އެއާއި އެކު އައްޑޫގެ ދަޑުވެރިކަމަކީ ވެސް ނެތް ކަމެއް ނޫން.. އަހަރުމެންގެ މުސްތަޤުބަލް ބިނާ ކުރާނީ ގުޅިގެން.. ހުޅުދޫ މިރުހަކީ ކުޅި ގަދަ މިރުހެއް.. ފައިދާ ނެރެވިދާނެ..