ރާއްޖޭގައި ކުރިއަށް ގެންދާ މުޅި ދުނިޔެއަށްވެސް އާ ފަތުރުވެރިކަމުގެ ޕްރޮގްރާމް ''މޯލްޑިވްސް ބޯޑާމައިލްސް'' އަންނަ ހުކުރު ދުވަހުން ފެށިގެން ފަށަން ތައްޔާރުވެއްޖެއެވެ.

މި ޕްރޮގްރާމްގެ ދަށުން އަންނަ ހުކުރު ދުވަހުން ފެށިގެން ވަނީ ޕޮއިންޓް ދޭން ފެށުމަށް ނިންމާފައެވެ. ދާދި ފަހުން އިމިގްރޭޝަނުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތަތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

ބޯޑަރ މައިލްސް މޯލްޑިވްސް އަކީ ކޮންމެ ފަތުރުވެރިއަކުވެސް ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ކޮންމެ ފަހަރަކު ޕޮއިންޓު ލިބޭ ގޮތަށް އުފައްދާފައިވާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ވަނީ ތިން ގިންތިއެއް ވެސް ކަނޑައަޅާފައެވެ. މި ތިން ގިންތިއަށް ވަނީ، އިނގިރޭސި ބަހުން އަދި ދިވެހި ބަހުން ހާއްސަ ނަންތަކެއްވެސް ދީފައެވެ.

މިގޮތަށް ލިބޭ ޕޮއިންޓުތައް ހާއްސަ ދުވަސްވަރުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރުވާނެ އެވެ. ރާއްޖޭގެ ބޯޑަރު ހުރަސްކުރާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓުތަކު ތިން ގިންތިއަކީ، ބްރޮންޒް (އައިދާ)، ސިލްވަރ (އަންތަރާ) އަދި ގޯލްޑް (އަބާރަނަ) އެވެ.

މި ޕޮއިންޓުތައް އިތުރުވަމުން އަންނަ ވަރަކަށް ފަތުރުވެރިންނަށް ލިބޭ އިނާޔަތްތައްވެސް އިތުރުވާނެއެވެ. މިއީ މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން އެހެނިހެން ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ލޮޅުމެއް އައިސްފައިވާއިރު، މިކަމުން އަރައިގަތުމަށް ކަމާއިބެހޭ ހުރިހާ އިދާރާއަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މި ޕްރޮމޯޝަނާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. މިއީ މިހާތަނަށް ދުނިޔޭގައިވެސް މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.