(އައްޑޫ ސިޓީ މަރަދޫ) އައްޑޫ ސިޓީ އާއި ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ހަންކެޑަ ކައިރިއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު "ބްރިޓިޝް ލޯޔަލްޓީ"ގެ ޝިޕްރެކް ފައްތާލިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޑައިވިންގ ބޮޑު އިވެންޓެއް އައްޑޫ ސިޓީގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި އިވެންޓް އޯގަނައިޒް ކޮށް ހިންގާ އައްޑޫގެ ގިނަ ޖަމުޢިއްޔާތާކާއި ގުޅިފައިވާ ސްޓިއަރިންގ ކޮމެޓީ، އައްޑޫ ބްރިޓިޝް ލޯޔަލިޓީގެ ތަރުޖަމާން ހުސައިން މުފީދު "ވަގުތު"އަށް ވިދާޅުވީ، މަގަތު ފާލަމާއި، ހެންކެޑަ ނަމަކަށް ކިޔާ ފަޅުރަށަކާއި ދޭތެރެއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު، "ބްރިޓިޝް ލޯޔަލްޓީ"ގެ ޝިޕްރެކް އެތަނަށް ފެތުނުތާ 75 އަހަރު ޖެނުއަރީ ފަހަކަށް ފުރޭއިރު، މިއީ ދެކުނުގެ ފަތުރުވެރިކަން ކުރިއަރުވަން ޓާގެޓްކޮށްގެން ބާއްވާ ބޮޑު އިވެންޓެއް ކަމަށެވެ. މި ޝިޕްރެކް އޮތީ 33 މީޓަރު އަޑީގައެވެ.

އައްޑޫ ބްރިޓިޝް ލޯޔަލިޓީގެ ތަރުޖަމާން ހުސައިން މުފީދު "ވަގުތު"އަށް މައުލޫމާތު ދެއްވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި އިވެންޓް އޮންނާނީ މަރަދޫ ބަނދަރުގައެވެ. މިއީ ސިޓީ ކައުންސިލާއި، އައްޑޫގެ ހުރިހާ ޖަމިއްޔާތަކާއި، ޖަމާއަތްތައް އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، އައްޑޫ، ފުވައްމުލައް، އަދި ހުވަދު އަތޮޅުގެ ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ އިވެންޓެކެވެ. އަދި މިކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް މުފީދު ވިދާޅުވިއެވެ.

މުފީދު ވިދާޅުވީ، އައްޑޫގެ ޓޫރިޒަމާއި ގުޅޭގޮތުން މީހުން ދައްކަނީ، އައްޑޫގައި ރަނގަޅު އެއާޕޯޓެއް ނެތް ވާހަކައާއި، ބެޑް ކެޕޭސިޓީ ނެތް ވާހަކައާއި، އައްޑޫގައި ރަނގަޅު ގޮނޑުދޮށެއް ނެތް ވާހަކަ ކަމަށާއި، މި ޗެލެންޗެސްތައް އަބަދުވެސް ބޯމަތީގައި ބަހައްޓައިގެން ހުންނަ ކަމަށެވެ.

"މި އެއްޗެއްސަކީ އޯވާނައިޓަކުން ނުވަތަ އެއް ރުފިޔާ ދެ ރުފިޔާއިން ހައްލުވާނެ އެއްޗެއްސެއް ނޫން، ދެން އަޅުގަނޑާއި ކާމިލްއާ(ނަލަ ފެހި ޖަމިއްޔާގެ މެންބަރެއް)ދެކެވުނު ވާހަކައަކުން،، ޕޮއިންޓަކަށް ވަނީ އައްޑޫގައި ފަތުރުވެރިކަން ދިރުވުމަށްޓަކައި ޕްރޮމޯޝަނަލް އިވެންޓްތަކެއް ރާވައިގެން ހިންގައިގެން އަސްލު ކުރިއަށްދާންޖެހެނީ، އެ ޕްރޮމޯޓްކޮށްގެން،ބަޔަކު މީހުން މިތަަނަށް އަންނަ ކަހަލަ ވާހަކަތަކެއް ވިސްނަދީގެން އެ ބަޔަކު މިތަނަށް އަންނާނީ". މުފީދު ވިދާޅުވިއެވެ.

މުފީދު ވިދާޅުވީ، އެގޮތުން އައްޑޫގައި ގިނަބަޔަކު ދަންނަ، އެންމެ ގިނައިން ވިއްކޭނެ އެއްޗަކީ ޑައިވިންގ ކަމަށެވެ. އަދި އައްޑޫގެ ޑައިވިންގއަށް ބޭނުން ކުރާ ތަންތަނަކީ އެހެން ތަންތަނުގެ ޑައިވިންގއަށްވުރެ ތަފާތު، އަދި މާ ޔުނިކް ކަންކަން ހުރި ތަންތަން ކަމަށް މުފީދު ވިދާޅުވިއެވެ.

އައްޑޫ ބްރިޓިޝް ލޯޔަލިޓީގެ ތަރުޖަމާން ހުސައިން މުފީދު "ވަގުތު"އަށް މައުލޫމާތު ދެއްވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"މިސާލަކަށް އައްޑޫގެ ބްރިޓިޝް ލޯޔަލްޓީ ކިޔާ ޝިޕްރެކް އަކި ރާއްޖޭގެ އެންމެ ބޮޑު އެއްޗެއް، އަނެއްކާ އިނގިރޭސިވިލާތުން ދެވަނަ ބޮޑު ހަނގުރާމައިގައި ނުވަތަ އިނގިރޭސި ނޭވީގައި ބޭނުން ކުރި އުޅަނދެއް މިއީ، އެއީ އަޅުގަނޑުމެންނަށް ބާ ދަނގަޑެއް ކަމަކު، އިނގިރޭސީންނަށް ވާނީ މިއީ ޖަވާހިރަކަށް، ނުވަތަ ރަނަކަށް". މުފީދު ވިދާޅުވިއެވެ.

ހަންކެޑަ ކައިރިއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު "ބްރިޓިޝް ލޯޔަލްޓީ"ގެ ޝިޕްރެކް - ފޮޓޯ: މުފީދު

މީގެ އިތުރުން އައްޑޫގެ މަންތާ ޕޮއިންޓަކީވެސް ފާހަގަކޮށްލެވޭ ތަނެއް ކަމަށާއި، ކޮންމެ ދުވަހަކުވެސް މަންތާ ފެންނާނެ ކަމަށެވެ.

"ކޮންމެ ދުވަހަކު ޑައިވިންގއަށް ދިޔަ ކަމުގައިވިޔަސް، އެތެރެ އޮއިކަމުގައި ވަންޏާ އައްޑޫން ފެންނާނެ މަންތާ، ދެން އައްޑޫގެ ބޮޑު ހޮހޮޅައަކީ އާދަޔާ ހިލާފު ތަނެއް، ކޭވްއެއް ގޮތަށް ހުންނަ ބޮޑު ސިންގާ ތަނެއް". މުފީދު ވިދާޅުވިއެވެ.

މުފީދު ވިދާޅުވީ، މި ތަންތަނަކީ ބަޔަކަށް ކިޔާދިނުމުން، ގިނަ ބަޔަކު މިތަނަށް އައިސް ތަޖުރިބާ ކޮށްލާނެ ތަންތަން ކަމަށެެވެ.

އެ ބްރިޓިޝް ޝިޕްރެކް އެތަނަށް ފެތުނުތާ 75 އަހަރު ވާނީ ޖެނުއަރީ ފަހެއްގައެވެ. އެހެންވެ އެ އިވެންޓް ކުރިއަށްދާނީ ޑައިމަންޑް ޖުބްލީ ކިކް އޮފް އިވެންޓެއް ގޮތުގައެވެ.

އިވެންޓް ފަށަނީ ދިވެހި 75 ޑައިވަރުންނާއެކު، ޓޫރިޒަމް މިނިސްޓަރވެސް އައްޑޫއަށް!

މި އިވެންޓް އޮންނާނީ ޖެނުއަރީ ފަސް ވަނަ ދުވަހުއެވެ. މީގެ ދެ މަސް ދުވަސް ކުރިން ފަށައިގެން ޕްލޭން ކުރަމުންދިޔަ، މި ކަން ކުލަ ޖެހޭ ކަމުގެ ނިޝާންތައް ފެންނަމުންދާއިރު، މި އިވެންޓްގައި ބައިވެރިވުމަށް ދިވެހިންނަށް ހުޅުވާލި ފުރުސަތުގައި އެކި ކަންކޮޅުތަކުން 75 ޑައިވަރުން ލިބިއްޖެ އެވެ.

"އަޅުގަނޑުމެން ޓާގެޓް ކުރީ ޔޫކޭއިން 75 ޑައިވަރުން ގެންނަން، ދެން އެ މީހުން ގެނެސްގެން އެ މީހުންގެ މެދުގައި މީތި މަގްބޫލު ކުރުމަށް، އެކަމަކު ކޮވިޑް-19 ޕެންޑެމިކް އާ ދިމަވީމަ ވަގުތު ނެތީމަ ޖެނުއަރީ 1 ވަނަ ޔޫކޭން މީހުން ނައީ މި އިވެންޓަށް".މުފީދު ވިދާޅުވިއެވެ.

މިގޮތުން ފަހެއް ޖެނުއަރީގައި ކިކް އޮފް އިވެންޓެއް ބާއްވަން ވަނީ ނިންމާފައެވެ. އެ އިވެންޓްގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ހަންކެޑަ ކައިރިއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު "ބްރިޓިޝް ލޯޔަލްޓީ"ގެ ޝިޕްރެކް - ފޮޓޯ: މުފީދު

މި އިވެންޓްގައި ބައިވެރިވުމަށް ހުޅުވާލުމުން މިހާރުވެސް 70 ޑައިވަރުން ބައިވެރިވަނެ ކަމުގެ ޔަގީންކަން ދީފައި ވެއެވެ.

ތިން މަސް ފަހުން ބޮޑު އިވެންޓް، އިނގިރޭސިވިލާތުން 75 ޑައިވަރުން ގެންނާނެ!

އިނގިރޭސިވިލާތުގެ ޑައިވަރުންނާއެކު މި އިވެންޓް ކުރިއަށްގެންދިއުމަށް މަޝްވަރާތަކެއް އެންމެ ފުރަތަމަވެސް ކުރިއަށްގެންދިޔައެވެ. އެހެން ނަމަވެސް ކޮވިޑް-19 އާ ހެދި އެކަން ފަސް ކުރިއެވެ. ޕެންޑެމިކް އައެކު މިހާރު ދެން ވިސްނާފައި ހުރީ 1.5 މިލިއަން ޑައިވަރުން އުޅޭ އިނގިރޭސިވިލާތުން 75 ޑައިވަރުން ގެނެސް މި އިވެންޓް ބޮޑުކޮށް ބާއްވާށެވެ.

"މާރޗް 29ގައި ބޮޑު އިވެންޓް މި ބާއްވަނީ، އެ އިވެންޓަކީ ބޮޑު އިވެންޓެއް އަޅުގަނޑުމެން ޓާގެޓްކުުރީ 75 ޑައިވަރުން ގެނެސްދިނުން". މުފީދު ވިދާޅުވިއެވެ.

މިއީ އައްޑޫން އިނގިރޭސިން ފޭބުމާއިވެސް ގުޅުވާލާފައިވާ ބައްވާ އިވެންޓެއް ކަމަށް މުފީދު ވިދާޅުވިއެވެ.

އައްޑޫ ބްރިޓިޝް ލޯޔަލިޓީގެ ތަރުޖަމާން ހުސައިން މުފީދު "ވަގުތު"އަށް މައުލޫމާތު ދެއްވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއީ ފެށުމެއް، ޓާގެޓަގީ އައްޑޫއަށް އެއްލައްކަ ފަތުރުވެރިން ގެނައުން!

އައްޑޫގައި ފަތުރުވެރިކަން ކުރި ނާރާ ވާހަކަ ދެކެވެމުންދާއިރު، ފަތުރުވެރިކަން ކުރިއަރާނެ ޕްލޭންތަކާއި ހަރަކާތްތައް ހިންގުމުގެ އަމާޒު ޒުވާނުންގެ ތެރޭގައި ހުރުމަކީ ޔަގީނުންވެސް އައްޑޫ ސިޓީގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. ކޮވިޑް-19 އާ ގުޅިގެން އައްޑޫ ކައިރީގައި އޮންނަ ދެ ރިސޯޓް ބަންދުކޮށް، އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާ ދަނޑިވަޅެއްގައި އެ ރިސޯޓްތައް އަލުން ހުޅުވައި އެތައް ސަތޭކަ ފަތުރުވެރިން އެއްފަހަރާ ގެނައުމަކީ އަމާޒެކެވެ.

"އައްޑޫގެ ޓޫރިޒަމްއަށްޓަކައި މި ވިސްނަނީ އައްޑޫއަށް އެއްލައްކަ ފަތުރުވެރިން ގެނެވެންދެން ހުއްޓާނުލާ މަސައްކަތް ކުރުން"، މުފީދު ވިދާޅުވިއވެ.

މިގޮތަށް އައްޑޫގެ އެތެރެވަރީގައި އެކި ކަހަލަ ވޯޓާ ސްޕޯޓްސްތައް ބޭއްވިދާނެ ކަމަށާއި، އައްޑޫގެ އެއްގަމުގައި ވެހިކަލްް ރޭސްތައްވެސް ބޭއްވި ދާނެ ކަމަށް މުފީދު ވިދާޅުވިއެވެ. އަދި އަައްޑޫގައި އިންޓަނޭޝަނަލް ސާފް ޕޮއިންޓްތައް އެބަ ހުރި ކަމަށާއި، އެހެންކަމުން އައްޑޫގައި ސާފިންގ އިވެންޓްތައްވެސް ކުރިއަށް ދެވިދާނެ ކަމަށް މުފީދު ވިދާޅުވިއެވެ.

"އެކަމަކު މި ސްޓޯރީ ބަޔަކު ކްރިއޭޓްކޮށްދޭން އެބަ ޖެހޭ، މި ވާހަކަދައްކަން އެބަ ޖެހޭ، މީހުންގެ ހިސާބަށް މީތި ގެންގޮސްދޭން އެބަ ޖެހޭ". މުފީދު ވިދާޅުވިއެވެ.

ހަންކެޑަ ކައިރިއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު "ބްރިޓިޝް ލޯޔަލްޓީ"ގެ ޝިޕްރެކް - ފޮޓޯ: މުފީދު

މި އިވެންޓް އިންތިޒާމްކުރަނީ އައްޑޫގައި ޑައިވިންގގައި ހަރަކާތްތެރިވާ ފަރާތްތަކާއި އައްޑޫ މީހުންނެވެ. އިވެންޓް އިންތިޒާމް ކުރާ ފަރާތްތަކުން ބޭނުންވަނީ މި އިވެންޓް ހިންގުމުގައި ވިޔަފާރިވެރިންގެ އެއްބާރުލުންވެސް ދިނުމަށެވެ.

މި އިވެންޓް އިންތިޒާމްކޮށް، އެންމެ އިސްކޮށް އުޅެމުންދާ މުފީދަކީ ޑައިވިންގ އިންސްޓްރަކްޓާއެކެވެ. އޭނާ ކުރިން މަސައްކަތް ކޮށްފައި ވަނީ އެމްއެންޑީއެފްގައި އާއި ފަތުރުވެރިކަމުގެ ދާއިރާގައި، އަދި މީހުން ބިނާ ކުރުމުގައި މަސައްކަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލިބެއްޔާ

    ހަމަ އެކަނި ތި ޕޮއިންޓުން ދެމެހެއްޓެނިވި ގޮތެއްގައި އައްޑޫގައި ޓޫރިޒަމް ކުރިޔަށް ދާނެތޯ ސުވާލު އުފެދެނީ.. ސަރުކާރުން އެބަ ޖެހޭ ދެމެހެއްޓެނިވި ޓޫރިޒަމަށް ހުޅުވާލަން.. އައްޑު އަކީ މިލިޓަރީ ބޭހަކަށް ރަނގަޅު ތަނެއް.. ދަނޑުވެރި އަތޮޅެއް.. ބޮޑެތި ޚަރަދުކޮށް ޓޫރިޒަމަށް ފައްކާ ކުރަން އެހާ ކަމުދާ ތަނެއް ނޫން.. ރީތި މޫދެއް، ރީތި ބީޗެއް އޮތް ތަނެއް ނޫން.. ފަޅު ރަށެއް އޮތް ތަނެއް ނޫން.. ޓޫރިޒަމަށް މުސްތަޤުބަލެއް އޮތް ތަނެއް ނޫން.. ހުވަދު އަތޮޅުގައި 290 އެތަށް ފަޅު ރަށެއް އެ އޮތީ.. ދުނިޔޭގަ ދެވަނަ އެއް ނެތްފަދަ ޑައިވިންގ ޕޮއިންޓް ތަކާއި ކަނޑުގެ ބަގީޗާތައް އެއޮތީ.. މުޅި ދެކުނު (ސުވަދިވް) މުސްތަޤުބަލަކީ ހުވަދު އަތޮޅު.. އައްޑޫގައި ދަނޑު ހައްދައި ހުވަދޫ އަށް ސަޕްލައިކޮށް ފައިދާ ނެރެވިދާނެ..

    8
    3
  2. އަބްދޫ

    ކިތަންމެ ކަމެއްކުރިޔަސް އައްޑޫއަކު ޓޫރިސްޓުން ހިތްހަމަޖެހޭފަދަ މާހައުލެއްނެތް . ރީތި ބީޗެއްނެތް. އަޑިޔަށް ގޮސްފައޮތް ބޯޓޓެއް އޮތްސް އެތަންތަނަށް ޑައިވްކުރާނީ ވަކިބަޔަކު އެކަން ގިނަބަޔަކަށް ކަމަކު ނުދޭ. ވީމާ ހުވަދުއަތޮޅަށްފަތުރުވރރިންގިނަވިވަރަކަށް އޭގެފައިދަ އައްޑުއަށް ވެސް ކުރާނެ

    3
    1
  3. ލާލާ

    އައްޑޫގަ ޑީޕްސީ ބަދަރެއް ހެދޭނެ، ހެޔޮނިޔަތުގަ ކަމެއްކޮއްދޭނަމަ، އިންތިހާބައް ސުރުހީ ހަދަނީ

    • މީވާގޮތް

      ދެން އެ ހަދާ ސުރުޚީތަކަށް އައްޑުއަތޮޅުމީހުން ހެއްލެނީ.

  4. މީވާގޮތް

    ދެން އެ ހަދާ ސުރުޚީތަކަށް އައްޑުއަތޮޅުމީހުން ހެއްލެނީ.

  5. ފޭދޫ އިބުރާ

    މުފީދަކީ މި ކޮޅުގެ ޓޫރިޒަމް ކުރި އަރުވަން މަސަ އްކަތް ކުރާ އަބުތާލެ އް