މިހާރު ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަމުން ދަނީ 2900 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަން އިދަ ޖެހުނެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެ ހިމެނޭހެން ގައުމުތަކެއް ބަންދު ކުރިއެވެ. ފަތުރުވެރިކަަމަށް ބަރޯސާވެފައިވާ ރާއްޖެއަށް އަލުން ދިރުން އަންނަން ފެށީ ޖުލައި މަހުގެ 15 ވަނަ ބޯޑަރު ހުޅުވާލުމުންނެެވެ.

މިގޮތުން މިދިޔަ އަހަރު ނިމުނުއިރު، ރައްޖެއަށް 555،399 ފަތުރުވެރިން އައިސްފައި ވެއެވެ. މީގެ ތެރެއިން 172،366 ފަތުރުވެރިން އައިސްފައި ވަނީ އަލުން ބޯޑަރު ހުޅުވާލި ފަހުންނެވެ.

މި އަހަރަށް ބަލާއިރު، މިހާތަނަށް ރާއްޖެއަށް، 47،079 ފަތުރުވެރިން އައިސްފައި ވެއެވެ. މިދިޔަ އަހަރު މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 89،485 ފަތުރުވެރިންނެވެ.

ޖެނުއަރީ 16 ގެ ނިޔަލަަަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 12،029 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އެ ލިސްޓުގެ ދެވަނާގައި ވަނީ އިންޑިއާއެވެ. އެ ގައުމުން 8042 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެެ. އެ ލިސްޓުގެ ތިންވަނާގައިވާ ޔޫކްރޭނުން ރާއްޖެ އައީ 4292 ފަތުރުވެރިންނެވެ.