ދިވެހި ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރާ ގައުމުތަކުގެ ތެރެއިން ރައްކާތެރި އެއް މަންޒިލަށް ވެގެން ދިއުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޖެނުއަރީ މަހާއި ހަމައަށް ރާއްޖެއިން ވަނީ ފަތުރުވެރިން ފައްސިވާ މިންވަރު 0.09 އިންސައްތައިގައި ހިފަހައްޓާފައި ކަމަށެވެ.

ރާއްޖެއަކީ ދުނިޔޭގެ މަންޒިލްތަކަށް ބަލާއިރު ރައްކާތެރިތަނެއް ކަމަށާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް މިހާރު ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގައި އެކަން ފާހަގަވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން ގެނައުން ހުއްޓާލުމަށްފަހު އަލުން ފަށާފައިވާއިރު، މިދިޔަ މަސް ނިމުނު އިރު އައި ފަތުރުވެރިންގެ އަދަދު ވަނީ އަންދާޒާ ކުރި ވަރަށްވުރެ މައްޗަށް ގޮސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ރާއްޖެއަކީ ރައްކާތެރިތަނެއްގެ ގޮތުގައި ބުނެފައިވީނަމަސް، އެޗްއީއޯސީން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި ކޮވިޑް-19ގެ އާ ވައްތަރެއް އުޅޭ ކަމަށް ސާވޭއަކުން ދެއްކި ކަމަށާއި އެހެން ކަމުން ރާއްޖެއަކީ ރައްކާތެރިތަނެއް ނޫން ކަމަށެވެ. އެޗްއީއޯސީން ބުނީ ރާއްޖެއަކީ ހައިރިސްކު ތަނެއް ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އޭރު ވެކްސިން ދޭން ފަށާފައިވަނީ ސިއްހީ ހިދުމަތްތެރިންނަށެވެ. އޭގެ ފަހުން އުމުރުން ދުވަސްވީ މީހުންގެ އިތުރުން ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް މިހާރު އަންނަނީ ވެކްސިން ދެމުންނެވެ.

އެގޮތުން އިއްޔެއާއި ހަމައަށް އަތޮޅުތެރެއިންނާއި މާލެ ސަރަހައްދުން ޖުމްލަ 3،204 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. .....

    އެކަން އެ ގޮތިގައި ދެމި ބޭއްވުމަށް ހުރަހަށްވާ ފަދަ ނުރައްކާތެރި ކަންކަން ސަރުކާރުން ކުރަމުންދާ ކަމީ ހިތާމަ ހުރި ކަމެއް...އަހަރެންގެ ވިސްނުމުގައި އެކަން ކަން ކުރަމުންދަނީ ނޭނގިތިބެޔޭ ބުނެވިދާނެ ޖާގައެއްވެސް ނެތް...