‏ކުރުމުއްދަތާއި ދިގުމުއްދަތުގެ ޓުރާންސިޓް ފަތުރުވެރިންނާއި ދެ ވަނަ މަންޒިލަކަށް ދަތުރުކުރާ (ޑުއަލް ޑެސްޓިނޭޝަން) ފަތުރުވެރިންނަކީ ފަތުރުވެރިކަމުގެ ދާއިރާ އަށް ވަރަށް މުހިންމު މާކެޓެއް ކަަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިގޮތަށް ވިދާޅުވީ، ގަލްފުގެ ގައުމުތަކުގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ މީހުންނާއި އެ ގައުމުން ގަލްފަށް ދާ މީހުން ކަރަންޓީނުވާ މަންޒިލަކަށް ރާއްޖެ ބޭނުން ކުރަން ފެށުމާ ގުޅިގެން ރާއްޖޭގެ ނޫހަކުން ގެނެސްދިން ހަބަރެއް ރީޓްވީޓް ކުރައްވަމުންނެވެ.

އިންޑިއާއަކީ މިހާރުގެ ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ އެއް ގައުމެވެ. އެންމެ ފަހުގެ އަދާހަމަތައް ބުނާގޮތުން އެ ގައުމު ވެފައި ވަނީ މިހާރު ދުނިޔެއިން ދެ ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ، އަދި އެ ބަލީގައި ހަތަރު ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމަށެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާ އިން މިހާތަނަށް 16 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވިއެވެ.

އިންޑިއާ އިން ބަލި ޖެހިގެން މިހާތަނަށް 186،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެ ގައުމުގެ ރައްޔިތުން ރާއްޖެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާތީ އެކަމާއި ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައި މިނިސްޓަރު މިއަަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ ނާރާނެހެން ‏ކުރުމުއްދަތާއި ދިގުމުއްދަތުގެ ޓުރާންސިޓު ޓޫރިސްޓުންގެ މާކެޓް ކުރިއަށް ގެންދަންވީ ކަމަށެވެ.

"ޑުބާއީ ސިންގަޕޫރު އެއީ މިކަމުގެ މިސާލު. ‏އެ މާކެޓުގެ ޓޫރިޒަމް ވެސް ކުރިއަށް ގެންދަން ވާނީ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ ނާރާނެހެން". މިނިސްޓަރުގެ ޓްވީޓްގައި ވެއެވެ.

އިންޑިއާއިން ގަލްފަށް ދާ އެގައުމުގެ މީހުންނަށް ރާއްޖެއަކީ އެމީހުންގެ ކަރަންޓީނު މަންޒިލްގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާއިރު، މިކަމަށް ހާއްސަ ޕެކޭޖްތަކެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

އެގޮތުން ފޭސްބުކުން ފެނިފައިވާ ޕޯސްޓެއްގައި އިންޑިއާއިން ސައުދީ އަރަބިއްޔާއަށް ދިއުމުގެ ކުރިން ރާއްޖޭގައި މަޑުކޮށް ރާއްޖޭގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ސައުދީއަށް ދަތުރުކުރާ ގޮތަށް ރާވާފައިވާ ޕެކޭޖެއް އިޝްތިހާރެއް ވަނީ ފެނިފައެވެ.

މި ޕެކޭޖުގެ އަގަކީ 1،400 ޑޮލަރެވެ. އެ ޕެކޭޖުގައި އިންޑިޔާއިން ރާއްޖެއަށް އައުމުގެ ޓިކެޓާއި، ރާއްޖެއިން ސައުދީއަށް ދިއުމުގެ ޓިކެޓުގެ އަގުގެ އިތުރުން ރާއްޖޭގެ ހޮޓަލެއްގައި 15 ދުވަހަށް މަޑު ކުރުން، ހުރިހާ ކެއުމެއް، ދުވާލަކު ދެ ފުޅި ފެން، ޕީސީއާރު ޓެސްޓް އަދި އެއާޕޯޓް ޓްރާންސްފާ ހިމެނެއެވެ.

ސާދަސްތޭކަ ޑޮލަރުގެ މި ޕެކޭޖަކީ ރާއްޖޭގެ ގެސްޓް ހައުސްގެ އަގުތަކަށް 14 ދުވަހަށް ބަލާލާއިރު، ހެޔޮ އަގެކެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު މިހާރު އަންނަނީ އިންޑިއާ އިންނެވެ. އެކަމަކު، ފަހަކަށް އައިސް އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވާން ފަށައިފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މާޗް މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް 800 އަށް ވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

އެކަމަކު، މި މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އިންޑިއާ އިން ރާއްޖެ އަށް އަންނަނީ 600 އަށް ވުރެ ގިނަ ފަތުރުވެރިންނެވެ.

އިންޑިއާގެ ފަތުރުވެރިންގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު ތަރިން ވެސް ރާއްޖެ އަންނަ މިންވަރު މިފަހުން ވަނީ ގިނަވެފައެވެ. ބޮލީވުޑްގެ މަޝްހޫރު ތަރިން ރާއްޖެ އައިސް، މީސް މީޑިއާގައި އާންމު ކުރާ ފޮޓޯތަކާއި ވީޑިއޯތަކަކީ އިތުރު ފަތުރުވެރިން އެ ގައުމުން ރާއްޖެ އަންނަން މެދުވެރިވާ އެއް ސަބެބެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  ތަންތަނުގައި ތިބޭ ބީތާއިން މިނިސްޓަރުންނަށް ހެދީމާ ވާނީ މިހެން! މި ހުރިހައި ދުވަހު މި އުޅުނީ ރާއްޖޭއަންނަ ފަތުރުވެރުން ގިނަވެ އުތުރިއަރާތީ! ރަގަޅަށް ބެލިއިރު މިއީ އިންޑިޔާއިން އެހެން ޤައުމުތަކަށް އެތެރެނުވެވޭތީ ރާއްޖެމަގުން ދަތުރުކުރަނީ!

  10
 2. ހުސެން

  ފަތުރު ވެރިޔެކޭ ބުނެފިޔާ އޫރު ކުށްތާ ވެސް އޯކޭ.ސްޓާފުންގެ އަބިދަރިން ނުފެންނަތާ 1.5 އަހަރު.

 3. ާއަހުމަދު

  ފަޅާ އެރީ ދޯ

 4. ލޅ

  ގަންގާ ކޯރުގެ ޖަރާސީމު މިރާއްޖެޔަށް ގެންނަން ހެޔުނުވާނެ ފައިސާ ހޯދަންވެސް ތީ ބޮޑުވަރު އިންޑިޔާގައި މިހާރު ފެތުރެނީ ގަންގާ ކޯރުގެ ޖަރާސީ އެއީ ކޮވިޑް 19 ޔަށްވުރެން މާނުރައްކާ ބައްޔެއް، ދިވެހިރާއްޖޭގައި ވެސް ގަންގާ ކޯރުގެ ޖަރާސީމު ފެތުރިދާނެ !