ކުޅިވަރު ސާމާނު ވިއްކުމަށް ހާއްސަ އޮބިއޮން ފިހާރަ އިން ކުރިއަށް އޮތް އީދާ ދިިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އޮބިއޮންގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ މި ޕްރޮމޯޝަންގައި ބައިވެރިވެގެން ގުރުއަތުން ހޮވޭ ހަތަރު މީހަކަށް ނައިކް ބްރޭންޑްގެ ބޫޓެއް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބަރަކާތްތެރި ފިތުރު އީދުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ މީހުން އޮބިއޮންގެ އިންސްޓަގްރަމް ޕޭޖަށް ފްލޯ ކުރާށެވެ.

އޭގެ ފަހުން، އޮބިއޮންގެ ޕޯސްޓަށް ލައިކް ދިނުމަށް ފަހު، އަމިއްލަ ސްޓޯރީގައި އޮބިއޮން ޓެގްކޮށް ފޮޓޯ އަޕްލޯޑް ކުރަން ޖެހޭނެއެވެ. އެއަށް ފަހު، އޮބިއޮން އިން ކުރި ޕޯސްޓްގެ ކޮމެންޓް ބައިގައި ފަސް މީހުން ޓެގް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވުނީއެވެ.

ޕްރޮމޯޝަންގައި ބައިވެރިވި މީހުންގެ މެދުގައި ގުރުއަތުލުން އޮންނާނީ ވަޅު އީދު ދުވަހެވެ.

އޮބިއޮން އިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ސްޕޯޓްސް ވެއާ، ސްވިމް ވެއާ، ސްޕޯޓްސް މޭޝިނާއި ވަސީލަތްތަކުގެ އިތުރުން އެހެނިހެން މުދާތައް ވެސް ހިމެނެއެވެ. އާންމުންގެ މެދުގައި ބޮޑަށް މަގުބޫލީ ރޭޝްގާޑް، ބޮޑީ ފިޓް، ޑްރައި ފިޓް، ޓެންކްސް، ސޯޓު، ޓައިޓު، ޖޮގަ ސްވީޓް ޕޭންޓް ފަދަ ތަކެއްޗެވެ.

މާލެ ސަރަހައްދުގައި އޮބިއޮންގެ ދެ ފިހާރަ މިހާރު ވަނީ ހުޅުވައިފައެވެ. އެއީ މަޖީދީ މަގު، ގަލޮޅު ބޯޅަ ދަނޑު ކައިރީގައި ހުންނަ ފިހާރަ އާއި ހުޅުމާލޭގައި ނިރޮޅުމަގު، ސޮނީ ހާޑްވެއާ ކުރިމައްޗަށްވާ ގޮތަށް ހުންނަ ފިހާރައެވެ. މި ދެ ފިހާރަ އިން ވެސް ސްޕޯޓްސް ވެއާގެ ހުރިހާ ވައްތަރަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިހާރު ވަނީ ފަށައިފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ރޯދަ މަސް ނިމެންދެނެވެ.

އޮބިއޮންއަކީ މާލެ އާއި ހުޅުމާލޭގައި ހުރި ފިހާރަތަކުގެ ތެރެއިން ކުޅިވަރު ސާމާނު އެއް ތަނަކުން ލިބޭނެ މަދު ފިހާރަތަކުގެ ތެރެއިން އެއް ފިހާރައެވެ. މިއީ ހުރިހާ ބްރޭންޑްއެއްގެ ކުޅިވަރު އަދި އެހެނިހެން މޮޅު ކޮލިޓީގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. ހާއްސަ ގޮތެއްގައި މި ފިހާރައިން ފުޓުބޯޅަ ކުޅޭ ބޫޓާއި ފަހުގެ ޓީޝާޓާއި ސޯޓު ފަދަ ތަކެތި ވެސް އަގުހެޔޮކޮށް ލިބެން ހުރެއެވެ.