ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ކުޅިވަރުގެ އެކިއެކި ސާމާނު ވިއްކުމުގައި މަޝްހޫރު "އޮބިއޮން" ފިހާރާއިގެ ބްރޭންޑް އެމްބެސަޑަރުންގެ ގޮތުގައި އިތުރު ބަޔަކު ހަމަޖައްސައިފިއެވެ.

ކުޅިވަރު އެކިއެކި ސާމާނު ވިއްކުމުގައި މަޝްހޫރު އޮބިއޮންގެ އެމްބެސަޑަރުންގެ ގޮތުގައި ހަމަޖެއްސީ މި އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދި ބޮޑީބިލްޑަރު އަޒްނީން ރަޝާދު އާއި ފުޓްސަލްގެ ދެ ދަރިން ކަމަށްވާ އިސްމާއިލް ވަޖީހް (ވައްޖެ) އަދި ޖުމައިލް ޖަމީލެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އަޒްނީން ހޮވުނު އިރު، އޭނާއާ ވާދަކުރީ ބޮޑީބިލްޑަރު މުހައްމަދު މޫސާ އާއި ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ)އެވެ.

ވައްޖެ އެންމެ ފަހުން ކުޅެފައި ވަނީ މިދިޔަ މަހު އައްޑޫގައި ބޭއްވި ވަގުތު ފުޓްސަލް ޗެލެންޖުގައެވެ. އެ މުބާރާތުގައި އޭނާ މޮޅު ކުޅުމެއް ދައްކާފައި ވަނީ މައިލޯ ސިޓީ އެފްސީއަށެވެ. ޖުމައިލް އެ މުބާރާތުގައި ކުޅެފައި ވަނީ ހޯދަނޑު ސްޕޯޓްސް ކްލަބަށެވެ.

އޮބިއޮންގެ އެމްބެސަޑަރުންނަށް ގިފްޓް ވައުޗަރާއި މުސާރަ އާއި އެމްބެސަޑަރުންގެ ކިިޓްތަކާއި ފަހުގެ ބޫޓުތައް ދެއެވެ. އަދި ރައްޓެހިންނާއި އާއިލާ އަށް ޑިސްކައުންޓް ޕެކޭޖުތަކެއްދެއެވެ.

ފުޓްސަލް ތަރިންގެ ތެރެއިން އޮބިއޮންގެ އެމްބެސަޑަރުންގެ ގޮތުގައި ތިބީ އަހުމަދު އަޔާޒް (އަޔާ)، ކީޕަރު އިސްމާއިލް ފާތިހް (ތާޑޭ)، އަހުމަދު ޝަރީފް (އޮންލީީ)، އަބްދުﷲ ޝައްފާން (ޝާކާ)، އިބްރާހިމް މުބީން (މުއްކި)، އަބްދުﷲ ޝާފިއު (ޝާއްޕެ)، ޔާމީން މުހައްމަދު (ޔާންޓެ) އަދި ކީޕަރު ޒައިދާން އަހުމަދު (އަސޫ)އެވެ.

އޮބިއޮން ފިހާރަ އަކީ ހުރިހާ ބްރޭންޑްއެއްގެ ކުޅިވަރު އަދި އެހެނިހެން މޮޅު ކޮލިޓީގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. ހާއްސަ ގޮތެއްގައި މި ފިހާރައިން ސްޕޯޓްސް ވެއާ، ޖިމް ވެއާ އަދި އިކުއިޕްމަންޓްސް، ސްވިމް ވެއާގެ އިތުރުން ފުޓުބޯޅަ ކުޅޭ ބޫޓާއި އެހެން ކުޅިވަރު ސާމާނުތަކުގެ އިތުރުން ކެޝުއަލް ހެދުން ލިބެން ހުންނާނެއެވެ.