އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ މާދަމާ ކަރަންކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 އިން 9:00 އަށް ކަމަށެވެ. ވަކި ގަޑިއެއް ކަނޑައަޅައިފައިވީ ނަމަވެސް މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ދޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކަނޑާލަނީ އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ މަސައްކަތެއް ކުރުމަށެވެ. މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި ޕްރޮޖެކްޓު ނިންމާލައި، މާލޭގެ މެއިން ސިސްޓަމާ ގުޅާލުމަށް މުހިންމު މަސައްކަތެއް ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި އިންޓަކަނެކްޝަން ޕްރޮޖެކްޓަކީ މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓު ނިމުމުން ހުޅުމާލެ އިން މާލެ އަށް އަދި މާލެ އިން ހުޅުލެ އަށް ވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ކަރަންޓު ދެވޭނެ އެވެ.

104 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ އިން 50 މެގަވޮޓުގެ ކަރަންޓު އުފައްދާނެއެވެ. މިހާރު ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޮޓް ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އެހެންކަމުން ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް މާލެ ސަރަހައްދަށް ބަހައިލާނެ އެވެ.