ރަޝިއާ އާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާލައިންތަކުގެ ދަތުރުތައް ފެށުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ ރަޝިއާގައި ގާއިމުކޮށްފައިވާ ދިވެހި ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ރިޒޯރޓް ލައިފް ހޮލިޑޭސްގެ ދައުވަތަކަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.

އެ ދަތުރުގައި އިއްޔެ ރިސޯޓް ލައިފް އާއި ރެޑްވިންގްސް އެއާލައިންއާ ގުޅިގެން ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މޮސްކޯ އާއި ރާއްޖެއާ ދެމެދު ސީދާ ފްލައިޓްތައް ފެށުމަށް ކުރެވުނު މަޝްވަރާގައި މިނިސްޓަރ ޑރ. މައުސޫމް ބައިވެރިވެވަޑައިގަންނަވާފައިވާ ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި ގުޅުން ހުރި މައުލޫމާތު އެއާލައިން އޮޕަރޭޓް ކުރާ ޒިއާރޓުއާސް، އަދި މޮސްކޯގެ ޒުކޮވުސްކީ އިންޓަނޭޝަނަލް އެއާޕޯޓްގެ ސީއީއޯ ތޯމަސް ވައިސަލް އާ ހިއްސާކޮށްފައިވާ ކަަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެ ބައްދަލުވުމަށްފަހު ޒިއާރޓުއާސް އައި ރިޒޯރޓް ލައިފް ހޮލިޑޭސްއާ ދެމެދު އެކަމާ ގުޅޭ އެއްބަސްވުމެެއްގައި ވަނީ ސޮއިކޮށްފައެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ.މައުސޫމް ވިދާޅުވީ، ރަޝިއާގެ ފަތުރުވެރިކަމުގެ މާކެޓަކީ މުހިންމު މާކެޓެއް ކަމަށާއި، ރަޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން އުފަލަކާއެކު މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް ރަޝިއާގެ ޓުއާ އޮޕަރޭޓަރުން ކުރަމުންގެންދާ މަސައްކަތްތަކަށް މިނިސްޓަރ ޝުކުރު އަދާ ކުރެއްވިއެވެ.

މީގެ އިތުރުން، މިނިސްޓަރ މިއަދު ވަނީ ރިސޯޓް ލައިފް ނޯރޑްވިންސް އެއާލައިންއާ އެކު ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ރާއްޖެއަށް ދަތުރު ފެށުމަށް އެއާލާއިންތަކަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ވާހަކަދެއްކެވިއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ފެށުމަކީ ސަރުކާރުން ވަަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރަޝިއާއާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން މިނިސްޓްރީން ވަނީ ފާހަގަކުރެއްވާފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 23.8 އިންސައްތައަކީ ރަޝިއާގެ ފަތުރުވެރިންކަން ފާހަގަކޮށްލަން ޖެހެެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބަގުވަޅޭ1224

  ލައިފް ރަނގަޅުވާނީ ރިސޯޓް ތަކުގަ އޮކުޕަންސީ ރަނގަޅުވެ ރިސޯޓު ތަކަށް ބަރާބަރަށް ބުކިންގ ޕޭމަންޓްސް ކުލިއަރ ކޮއްދީގެން. ވަރަށް ސަލާމް

 2. ތާކިޔާ އިބުރީލް

  ތިޔަ ދަތުރުގައި ބުރޭކިންގް ނިއުސް، ތޮއްޔިބު ޝަހީމު ގެންދިޔަ ވާހަކަ ވެސް ޖަހާލަބަލަ... ސަބަބަކީ ރައީސް ސޯލިހް ފަޅީގައި ހުރުން

 3. އއއ

  ޓޫރިސްޓުންގެނެސް ހިދުމަތް ދޭނެ ޖާގަ އެއަރޕޯޓްގައި ނެތް...މަސައްކަތް ކުރަންއެތާ ތިބޭމީހުން ގަންނަނީ ލަދު..ދެން ކޮން މަޝްވަރާ އެއް...

  1
  1