ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 12ވަނަ ބެޗް 14 ބައިވެރިންނާއި އެކު ކުރިޔަށް ގެންދަން ފަށައިފިއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ދިރާގުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިންގް ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމަށް ފުރުސަތު ހުޅުވިގެންދެއެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރުގެ ދިވެހިންނަށް ކަމަށެވެ. އެގޮތުން އޭލެވެލް ނިންމާފައިވާ އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެ ކަމަށް ބުނެފައިވެއެވެ.

މާލެއާއި، މާލޭގެ އިތުރުން އައްޑޫ ސިޓީ، ތިނަދޫ، އަރިއަތޮޅު އަދި އޭދަފުށީގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އަމިއްލަ އަތޮޅުގައި ނުވަތަ އަމިއްލަ ރަށުގައި ހުރެެގެން ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި މާކެޓިންގް، ސޭލްސް، ހިއުމަން ރިސޯސަސް، ފައިނޭންސް، ނެޓްވޯކްސް، ބިޒްނަސް ސޮލިއުޝަންސް އަދި އިންފޮމޭޝަން ސިސްޓަމްސް ދާއިރާ ހިމެނެއެވެ.

މި ޕްރޮގްރާމުގެ އޮރިއެންޓޭޝަން ހަފްތާގައި ހުރިހާ ބައިވެރިންނަށްވެސް ޕްރޮގްރާމްގެ ތައާރަފާއި، އޯގަނައިޒޭޝަންތަކުގެ އާންމު މައުލޫމާތު ވަނީ ހިއްސާ ކޮށްފައެވެ. އަދި މީގެ އިތުރުން ބްރޭންޑް އޮރިއެންޓޭޝަން އާއި ސީއެސްއާރް، ކޯޑް އޮފް އެތިކްސް، ޑިޖިޓަލް ޓްރާންސްފޮމޭޝަން، ހެލްތް އެންޑް ސޭފްޓީއަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ހިމެނެއެވެ.

މިއަދު އިންޑަކްޝަން ސެޝަން ކުރިޔަށް ގެންގޮސްފައިވާއިރު، ބައިވެރިންނަށް މަރުހަބާ ކިޔުމަށް ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އިސްމާއިލް ރަޝީދް ވަނީ ސެޝަންގައި ބައިވެރިވެލައްވާފައެވެ.

ސެޝަންގައި ވާހަކަ ދައްކަވަމުން އިސްމާއިލް ރަޝީދް ވިދާޅުވީ މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް މުހިންމު ކަންތައްތަކެއް ދަސްވެ، ބޭނުންވާ ދާއިރާއިން ކުރިޔަށްދިއުމަށް އޭގެ ސަބަބުން މަގުފަހިވެގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވެ، ކާމިޔާބުކަމާއި އެކު ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ އެހެންވެސް ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާއި އެކީ އަދާކުރަމުން އަންނަ ޒުވާނުންކަން ފާހަގަ ކުރެއްވިއެވެ.

މުސްތަގުބަލުގައި ގައުމު ހިންގާނެ ގާބިލް ޒުވާނުން އުފެއްދުމުގެ މަގްސަދުގައި ދިރާގުން 2009 ގައި އަލަށް ތައާރަފްކުރި އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުކެނޑުމެއްނެތި ހިންގާތާ މިއީ 12 ވަނަ އަހަރެވެ. 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގޭގައި މަސައްކަތް ކުރަން ޖެހުނު ނަމަވެސް، އެ އަހަރު ދަރިވަރުންގެ ތަމްރީނުތައް މެދުނުކެނޑި، ވާޗުއަލްކޮށް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، މި ޕްރޮގްރާމް ތެރޭގައި ހިމެނޭ ކޯސްތަކާއި ތަމްރީނުތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް އާއި ރިމޯޓް ވާރކިންގް، އެތިކްސް، ޓައިމް މެނޭޖްމަންޓް، ޕްރޮޖެކްޓް ޕްލޭނިންގ، ޕްރެޒެންޓޭޝަން ސްކިލްސް ފަދަ ވަޒީފާއަށް ބޭނުންވާ ތަމްރީންތައް ދިޔައީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު