އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގަމުން އަންނަ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ސީ ޕްލޭންގެ ޚިދުމަތް ދޭތާ ހަތަރު އަހަރު ވެއްޖެއެވެ.

މޯލްޑިވިއަން އިން ފަތުރުވެރިން ގޮވައިގެން ރިސޯޓްތަކަށް ދިޔުމަށް އެންމެ ފުރަތަމަ ފެށި އެންމެ ދެ އެއާކްރާފްޓާއެކުއެވެ. 2014 ވަނަ އަހަރު ފެށި އެ ދަތުރަށްފަހު، މިހާރު އެ ފްލީޓާއި އިތުރު، ނުވަ އެއާކްރާފްޓް ވަނީ ގުޅިފައެވެ. މިހާރު ޖުމްލަ 11 އެއާކްރާފްޓާއެކު 13 މަންޒިލަކަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ކުރެއެވެ.

މޯލްޑިވިއަންް އިން މައުލޫމާތުދޭގޮތުގައި، އަހަރަކު 14 ހާސް ފަތުރުވެރިން ރިސޯޓުތަކަށް އުފުލައެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިން ރިސޯޓްތަކަށް ގެންދިޔުމަށް ބޮޑު ރޯލެއް އަދާކުރަމުން އަންނަ މޯލްޑިވިއަން އިންނެވެ.

މޯލްޑިވިއަންއަކީ ރާއްޖޭގެ ގައުމީ އެއާލައިންކަމަށްވާއިރު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ މަންޒިލްތަކަށް ދިވެހިންނާއި ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން އަންނައިރު، މިހާރު މޯލްޑިވިއަން ފްލީޓްގައި ޖުމްލަ 23 ކްރާފްޓެއް އެބައޮތެވެ.

އައިލެންޑް އޭވިއޭޝަން އިން ބުނީ، މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތުގައި މިވީ ހަތަރު އަހަރު ތެރޭގައި ކަސްޓަމަރުންނާއި ޕާޓްނަރުން އަދި މެނޭޖުމެންޓާއި މުވައްޒަފުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށާއި، އެކަމަށް ހުރިހާ އެންމެންނަށް ޝުކުރުވެރިވާ ކަމަށެވެ.