ޖެނުއަރީ މަހުގެ މިހާތަނަށްް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ފަތުރުވެރިކަމުގެ ސީޒަނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިއްޔެ އާ ހަމައަށް ރާއްޖެއަށް 109،842 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތަކާއި އަޅާބަލާއިރު، ވަރަށް ބޮޑު އިތުރުވުމެއް ނަމަވެސް، އޭގެ ކުރީ ދެ އަހަރާއި އަލާބަލާއިރު، ދަށްވުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު މާކެޓަކީ ރަޝިއާއެވެ. އެގޮތުން ރަޝިއާއިން މިހާތަނަށް ރާއްޖެއަށް 20،244 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާއިރު، އެ ލިސްޓުގެ ދެވަނައިގައި ވަނީ އިނގިރޭސިވިލާތެވެ. އެ ގައުމުން 10،602 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އެ ލިސްޓުގެ ތިން ވަނައިގައިވާ އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އެންމެ ބޮޑު މާކެޓެވެ. އިންޑިއާއިން މި އަހަރު މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 9،044 ފަތުރުވެރިންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރު ކުރުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން އެކި ހަރަކާތްތައް ހިންގަމުންގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

މިހާރު ރާއްޖޭގެ 167 ރިސޯޓެއް ހުޅުވައިގެން އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ. އަދި 819 ހޮޓަލަކާއި، ގެސްޓް ހައުސްއެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 157 ސަފާރީއެއް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟައުސޫމް

    ފަތުރުވެރިން އަންނަގަނޑުން އަންނަނީ އާއްމުދަނީ ހަބޭހައް އިތުރުވަނީ ސްކޫލްތައް ބިކަވަނީ އެއްވެސް ރިސީސެއް ސްކޫލްތަކަކަށްނުލިބެ. ހިތާމައިގެ ކޮޅެއް ނެޔް.