ސްރީލަންކަން އެއާލައިންސް އިން އައްޑޫ ގަމާއި ކޮލަމްބޯއާ ދެމެދު ކުރާ ސީދާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

އައްޑޫ އާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އިން ކުރަމުން ދިޔަ ސީދާ ދަތުރުތައް ކޮވިޑް-19 އާއި ގުޅިގެން ހުއްޓާލުމަށް ފަހު އަލުން ފެށީ މިދިޔަ ޑިސެމްބަރ މަހުގެ 04 ވަނަ ދުވަހުއެވެ.

ދަތުރުތައް ފެށީ ހަފްތާއަކު އެއް ދަތުރުކުރާ ގޮތަށެވެ. ނަމަވެސް ސްރީލަންކަން އިން މިހާރު ބުނެފައި ވަނީ ހަފްތާއަކު ދެ ދަތުރު ކުރަން ނިންމާފައިވާ ކަމަށެވެ. ހަފްތާއަކު ދެދަތުރު ކުރަން ފަށާނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮލަމްބޯ މަގުން ސްރީލަންކަން އިން ދަތުރުކުރާ އެހެން މަންޒިލްތަކަށް ކަނެކްޝަން ފްލައިޓު ލިބޭނެއެވެ. އެގޮތުން ޔޫރަޕާއި މެދުއިރުމަތިން ކޮލަމްބޯއަށް ދަތުރުކޮށް، ކޮލަމްބޯ މަގުން އައްޑުއަށް ދަތުރު ކުރެވޭނެއެވެ. މިހާރު މަންތާ އެއާލައިނުން ވަނީ ގަމުން ގއ.އަށް ވެސް ކަނެކްޓިވިޓީ ފްލައިޓް ލިބޭ ގޮތައް ދަތުރުތައް ރާވާފައެވެ.