މާލީ މައްސަލަތަކެއްގެ ތެރޭގައި އޮންނަތާ އަހަރުތަކެއް ވެފައިވާ ސްރީލަންކަން އެއާލައިންގެ ގިނަ އަދަދެއްގެ ޕައިލެޓުން އެއާލައިން ދޫކޮށްލުމުން، ދަތުރުތަކަށް ހުރަސް އެޅެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ސްރީލަންކަން އެއާލައިނުން ގެންދަނީ ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި ކަންކަން އޮޅުވާލަން މަސައްކަތް ކުރަމުން ކަމަށް ޕައިލެޓުންގެ ޖަމިއްޔާ އިން ބުނެއެވެ. ފްލައިޓްތައް ޑިލޭ ވުމުން ބަހަނާއެއްގެ ގޮތުގައި ސްރީލަންކަން އެއާލައިނުން ދައްކަނީ ފަހުވަގުތު ބައެއް ޕައިލެޓުން ސަލާން ބުނުމެވެ.

ނަމަވެސް ޕައިލެޓުންގެ ޖަމިއްޔާ އިން ބުނާ ގޮތުގައި ސްރީލަންކަން އެއާލައިން ރަނގަޅަށް ހިންގުމަށް ބޭނުންވާ 330 ޕައިލެޓުން މިހާރު އެއާލައިންގައި ނެތެވެ. ފާއިތުވި އަހަރު ދުވަސް ތެރޭގައި 70 ޕައިލެޓުން އެއާލައިނުން އިސްތިއުފާ ދީފައިވާ ކަމަށް ޕައިލެޓުންގެ ޖަމިއްޔާ އިން ބުނެއެވެ. އަދި މިހާރު ވެސް ވަރަށް ގިނަ ޕައިލެޓުން ވަނީ ސްރީލަންކަން އިން އިސްތިއުފާ ދިނުމަށް ހުށަހަޅާފައި ކަމަށް ވެސް ޕައިލެޓުންގެ ޖަމިއްޔާ އިން ބުނެއެވެ. "ޕައިލެޓަކަށް ޑިއުޓީއަށް ނުނިކުމެވޭ ހާލަތެއްގައި ދެން ބެކަޕެއްގެ ގޮތުގައި ބޭނުން ކުރާނެ ޕައިލެޓެއް ނުކުރެއެވެ. އެހެންކަންތައްތައް ދިމާވާތީ ބައެއް ފްލައިޓްތައް 12 ގަޑިއިރަށް ވެސް ޑިލޭ ވެފައި އެބަހުއްޓެވެ." ޕައިލެޓުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ގިނަ ޕައިލެޓުން ސްރީލަންކަން އެއާލައިން ދޫކޮށްލަމުން ދަނީ މުސާރަ ކުޑަވުމުގެ ސަބަބުންނާއި އެއާލައިން ހިންގުމުގެ ކަންކަން ދޯހަޅިވުމުން ކަމަށް ވެސް ޕައިލެޓުން ބުނެއެވެ.

ސްރީލަންކަން އެއާލައިނަށް ގެއްލުން ވަމުން އަންނާތީ އެއާލައިން ވިއްކާލުމަށް ސްރީލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް ސްރީލަންކަން އެއާލައިން ގަންނާނެ އިންވެސްޓަރަކު ފަސޭހައިން ލިބިދާނެ ކަމަކަށް ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ.

1982 ވަނަ އަހަރު އުފެއްދި ސްރީލަންކަން އެއާލައިން 1998 ވަނަ އަހަރު ރީބްރޭންޑްކޮށް އެމިރޭޓްސް ގްރޫޕް އާއިއެކު ހެދި ޕާޓްނާޝިޕް އާއިއެކު އެއާލައިނަށް އައީ ފައިދާ ވަމުންނެވެ. ނަމަވެސް 2008 ވަނަ އަހަރު ސްރީލަންކާގެ އޭރުގެ ރައީސް މަހިންދްރަ ރާޖަޕަކްސަ އެމިރޭޓްސް އާއިމެދު ހިތްހަމަނުޖެހިގެން ޕާޓްނާޝިޕް އުވާލުމުން ސްރީލަންކަން އަށް އަންނަނީ ގެއްލުން ވަމުންނެވެ. މިހާރު އެއެއާލައިނަށް ލިބޭ ގެއްލުން އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ.