ސިޔާސީ މަސްރަހުގެ ހަނލަބޮލިކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުރާކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާތަކުން މިގޮތައް ރިޕޯޓް ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވީނަމަވެސް ފާއިތުވި ހަމަސް ދުވަހު ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރި މިންވަރު 10 އިންސައްތަ އިތުރުވެފައި ވާތީ އެވެ.

ފަތުރުވެރިކަމުގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ޓްރެވަލް ނިއުސް" ގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން 45 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި، އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު އަދި ރައީސް ޔާމީން އެއްބަފާ ބޭބޭފުޅު ހައްޔަރު ކުރި ނަމަވެސް ފަތުރުވެރިކަމަށް އެއްވެސް ގެއްލުމެއް ކުރާ މަންޒަރު ނުފެންނަ ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ ހާލަތު ގޯސްވުމުން ވޮޝިންޓަނުންނާއި އިތުރު ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އީޔޫ އިން ވަނީ ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ހޯމަ ދުވަހު އޮނިގަނޑެއް ވެސް ފާސްކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ދަނީ ކޮންމެ ކުއާޓާއެއްގައި ވެސް އިތުރު ކުރިއެރުންތައް ހޯދަމުންނެވެ." އެނޫހުގައި ބުނެފައި ވެއެވެ.

"ޓްރެވަލް ނިއުސް" ގައި ބުނެފައި ވަނީ 2016 ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިން 2.73 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވާ ކަމަށެވެ. އެއަދަދު ވެސް އަހަރުން އަހަރަށް މަތިވެފައި ވާނެ ކަމަށް ނޫހުގައި ބުނެފައި ވެއެވެ.

ސިޔާސީ މަސްރަހު ހަނލަބޮލި ވެފައިވީނަމަވެސް ރާއްޖެ އަށް ފަތުރުވެރިން އަންނަ މިންވަރު މަދު ނުވަނީ ކީއްވެތޯ އެމްޑީޕީގެ ތަރުޖަމާން ހާމިދު އަބްދުލްޣަފޫރު އާއި އޭއެފްޕީ އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އަގުބޮޑު ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި ނަމަވެސް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައި ވަނީ އަގުހެޔޮ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައި ވާތީ ކަމަށެވެ.

އީޔޫ އިން ރާއްޖެ އާއި ދޭތެރޭ ފިޔަވަޅު އަޅަން ތަކުރާރުކޮށް ގޮވާލާ ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް ތަފާސް ހިސާބަށް ބަލާއިރު ޔޫރަޕުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ މަހަކު ވެސް މިހާރު ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަމޭ

    ޜައީސް ޔާމީން ވެރިކަމުގަ ބަހައްޓަން ބޭނުން ނުވަނީ މިހެންވެ. ކުރާ ހުރިހާ ކަމެއް އަތައް ގޮވާތީ. ގާސިމް ވެސް ބުންޏެއްނު ބަނޑަށޭ ޖެހޭނި. ޢިރާދަ ފުޅުން ރައީސް ޔާމީން ސަރުކާރުގަ އެކަހަލަ ގެއްލުމެއްނުވާނެ

  2. އަޙުމަދު

    ދެން އިދިކޮޅު މީހުން މިކިޔަނީ ކީކޭބާ؟

  3. ޢަލީ ހަސަނު

    ފަތުރުވެރިން ރާއްޖެއަންނަނީކީ ނޫން އެމީހުން ބޮލުގަ ބަޑިޖައްސައިގެން ގެންނަނީ. އީ ޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ގެއްލުންވާނީ ހަމައެމީހުންނަށް އިންޑިޔާއިން ރާއްޖެއާއި ޖައްސާލިފަހުން އިންޑިޔާ މިހާރު ފަގީރުވެއްޖެ. ހޮސްޕިޓަލުތަކުގަ ޑޮކްޓަރުންނެއް ނެތް އެއަރލައިން ހިންގޭކަށްނެތް. ވިސްނާ ފިކުރުކުރޭ

    • މަ

      ތިކަމުން އެނގެނީ ފަލަސްތީނު މީހުންނަށް ވުރެންބޮޑަށް ދިވެހި މުސްލިމުންނަށް މާތްކަލާނގެ ނަސްރު ދެއްވާކަން. ދިވެހީންގެ ދީންވަންތަކަން ހަމަ ގަދައީ

  4. ޖޯން

    ދެން އީޔޫ އެކިޔަނީ ކޮން ބޮއްޔެއްގެ ވާހަކަތަ

  5. ރުޒާނާ ޗޮއްޕަޓު

    ތިގޮތަށް ރިޕޯޓް ކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވައެއްނުލާނޫތަ؟

  6. ބޮޮނަކު

    ތިއީ ތެދުވާހަކައެއްތޯ ނައިބުކުރެން އަހާ

  7. އީ.ޔޫ

    "ރާއްޖެ އަށް ފަތުރުވެރިން އަންނަ މިންވަރު މަދު ނުވަނީ ކީއްވެތޯ އެމްޑީޕީގެ ތަރުޖަމާން ހާމިދު އަބްދުލްޣަފޫރު އާއި އޭއެފްޕީ އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އަގުބޮޑު ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި ނަމަވެސް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައި ވަނީ އަގުހެޔޮ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައި ވާތީ ކަމަށެވެ." މިކަމާ މިކަލޭގެ ވަރަށް މާޔޫސްވެފަ ހުރިހެން ހީވަނީ