ހުޅުމާލޭގައި ވެހިކަލް ޕާކު ކުރުމަށް 70 ޕާކިން ޒޯނަކަށް ކުރިމަތިލުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި އެވެ.

އެ ސްލޮޓް ކުއްޔަށް ދޭން ނިންމާފައިވަނީ ފުރަތަމަ ހުޅުމާލޭގެ ދެ ސަރަހައްދަކުންނެވެ. އެޗްޑީސީން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ 70 ސްލޮޓް ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ތިން މަސް ދުވަހަށް ސްލޮޓްތައް ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ބީލަމުގެ އުސޫލުން އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތްތަކަށެވެ.

ބީލަން ފެށޭ އަގުގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައިވަނީ މަހަކަށް 1500 ރުފިޔާ އެވެ.

ބީލަމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށާއި އެ ފަރާތެއްގެ ނަމުގައި ކާރެއް ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށެވެ.

އެޗްޑީސީން ބުނީ މިހާރު ބީލަމަށް ލާފައިވާ ސްލޮޓްތައް ލިބޭ ފަރާތްތަކަށް، އެ ކުންފުނިން ގާއިމުކުރާ ސްމާޓް ޕާކިން ސަރަހައްދުން ވެސް ޖާގަ ދިނުމުގައި އިސްކަންދޭނެ ކަމަށެވެ. އުޅަނދު ޕާކް ކުރުމަށް ސްލޮޓް ކުއްޔަށް ދޫކުރަނީ ހުޅުމާލޭގައި ފަސޭހަ ކަމާއިއެކު ކާރު ޕާކު ކުރުމަށް މަގުފަހި ކުރުމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.

ހުޅުމާލޭގައި މީހުން އާބާދުވިތާ ކުރީކޮޅު ވެހިކަލް ބާއްވާނެ ގަރާޖެއް ނެތް ނަމަވެސް އެޗްޑީސީން ވެހިކަލް ރަޖިސްޓްރީ ކޮށްދީފައިވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުުޅުމާލޭގައި އެ މީހެއްގެ ނަމުގައި ދިރިއުޅޭނެ ތަނެއް ރަޖިސްޓްރީ ކޮށްފައިވާ މީހުން ފިޔަވައި އެހެން މީހުންގެ ނަމުގައި ވެހިކަލް ރަޖިސްޓްރީ ކޮށްނުދޭ ގޮތައް އުސޫލު ބަދަލު ކުރިއެވެ. ސަރުކާރު ބަދަލުވުމުން މިހާރު އަނެއްކާވެސް ހުޅުމާލޭައި ވެހިކަލް ރަޖިސްޓްރީ ކުރުން ވަނީ ހުއްޓާލާފައެވެ.

ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް ގިނަ އަދަދެއްގެ މީހުން އާބާދުވެ އެ އަވަށަށް މިހާރު ވަނީ ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ބޮޑުވާން ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުޅިރިހާކުރު

    ކިހާބޮޑު ބަލާއެއް ބީލަން އުސޫލުން މުއްސަދިންނަށް ހުރިހާ ކަމެއް..ފަގިރުމީހާ ވަލުލާނެތަންވެސް ބީލަމުން ނަގަންޖެހޭނެހެން ހީވަނީ މިދެލޯކަނުން މިގައުމުގަ ތިބިއްޔާ
    ވިސްނާލަބަލަ ހުޅުމާލެ ސުހޭލަށް ފެނުނީ ކިހިނަކުންތޯ..ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ނަމުގަ މައުމޫނު ނެގީ ލޯނު..އެހެންވީމަ މިތަނުން އެންމެހާ ރައްޔިތުންނަށް ފައިދާ ލިބެންޖެހޭ..ކަލޭމެން އެހެންތަނެއް ހިއްކައިގެން ރާބޯންވީނު...