ރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރު 50 އަހަރު ފުރުމާ ގުޅިގެން ބާއްވާ ޔޫއެންޑަބްލިއުުޓީއޯ އާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ބާއްވާ ގްލޯބަލް ސަމިޓް މި މަހު 15 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިިފި އެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އެ ސަމިޓުގެ މައިގަނޑު ތީމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމާ އައި އަދި ކޮމިއިނިޓީއާާ ގުޅޭ ފަތުރުވެރިކަން ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ވަރަށް ފުޅާކޮށް މަޝްވަރާކުރުމުގެ ސެޝަނެއް ބާއްވާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބުލް

އެ ސަމިޓްގެ އޯޕަނިން ހަފްލާ އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު ކްރޮސް ރޯޑުގަ އެވެ. އަދި އެ ސަމިޓް ފެށުމުގެ ކުރިން މި މަހުގެ 14 ވަނަ ދުވަހު ޔޫއެންޑަބްލިއުުޓީއޯގެ އިދާރީ ވަރަށް ބޮޑު އިވެންޓެއް ވެސް އޮންނާނެކަމަށް މައުސޫމް މިއަދު ވިދާޅުވި އެވެ.

"އޯޕަނިން ސެޝަންގައި ކީ ނޯޓް ސްޕީޗެއް ދެއްވަން ވަޑައިގަންނަވަނީ ދުނިޔޭގެ ވަރަށް މަޝްހޫރު ޕްރޮފެސަރެއް. އެއީ ޖަފާ ޖަފާރީ. ދެން ތީމެޓިކް ސެޝަންގައި ވެސް އެބަ ތިބި ކީ ނޯޓް ދެއްވަން ރާއްޖޭގެ އިސްބޭފުޅުންނާއި ދުނިޔޭގެ އިސް ބޭފުޅުން" ޑރ. މައުސޫމް ވިދާޅުވިއެވެ.

މައުސޫމް އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ރަންޔޫބީލް ހަރަކާތްތަކާއި ގުޅިގެން ފަތުރުވެރިކަން އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ.