ދެނަ ކުއާޓާގެ ތެރޭގައި ދަށަށް ދާން ފެށި ދައުލަތުގެ ރިޒާވް ޖުލައި މަހުގެ ނިޔަލަށް 728 މިލިއަން ޑޮލަރަށް ވެއްޓިއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކުރި އޮގަސްޓު މަހުގެ ތަފާސްހިސާބުތަކުގެ ރިޕޯޓުން ދައްކާ ގޮތުގައި މާޗު މަހުގެ ނިޔަލަށް 865 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވު ވަނީ ވިދިވިދިގެން ހަތަރު މަހު ދަށަށް ގޮސްފައެވެ. އެއާއެކު ޔޫސަބަލް ރިޒާވު ވެސް ވަނީ ދަށަށް ގޮސްފައެވެ.

އެމްއެމްއޭއިން މިހާރު ޔޫސަބަަލް ރިޒާވު އަދަދުތައް ޝާއިއުނުކުރި ނަމަވެސް، އެ އިދާރާއިން ދީފައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރާއިރު ޖުލައިގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 282 މިލިއަން މިލިއަން ރުފިޔާއެވެ.

އެންމެ ފަހުން ބޭނުންކުރެވޭ ރިޒާވު މިހާ ދަށްވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު އުފުލެމުން ދިޔުމާ އެކީ މުޅީންހެން އެކްސްޕޯޓަށް ބަރޯސާވާ ދިވެހި އިގުތިސޯދަށާއި ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ފިއްތުންތަކެއް އެބަހުއްޓެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމާއި ދަރަނި ބޮޑުވުމުގެ ނުރައްކާ އިގްތިސާދަށް އެބައޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މީގެ ކުރިން ވަނީ އިންޒާރުވެސް ދީފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް މިދިޔަ ޖޫން މަހު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެ ވަފުދުގެ ހޯދުންތަކާއި ދެކޭ ގޮތް ހާމަކޮށް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ އިގްތިސާދީ ގޮތުން ލަފާ ވެސް އަރުވާފައެވެ.

މި ރިޕޯޓުގައި އައިއެމްއެފުން ވަނީ ރާއްޖޭގެ އިގްތިސާދީ ދުވެލި ބާރުވަމުން އަޔަސް، ބޭރު ފައިސާގެ ރިޒާވް ދަށަށް ދާތީ އާއި ދަރަނި ބޮޑުވަމުން ދިޔުމާއި ގުޅިގެން އެކަމުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑަށް އޮތްކަން ފާހަގަކޮށްފައެވެ.

މިގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން ރާއްޖޭގެ އިންފްލޭޝަން ރޭޓް މި އަހަރު %3.1 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދު އިތުރުވާނެ ކަމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބާއެކު އިތުރު ހަރަދުތައް ކުރަން ޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ.

އަދި، ދުނިޔޭގެ އިގްތިސާދަށް އަންނަ ބޮޑެތި ލޮޅުންތަކާއެކު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ އިގްތިސާދު ދަށަށް ދިއުމާ ގުޅިގެން، އެ ގައުމުތަކުން ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ބިރު އޮތްކަން ވެސް އައިއެމްއެފްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު

    އިގްތިސާދު ދަންނަ މީހަކު ރައީސްކަމަށް، އަދި ދީން އިނގޭ ޝެއިހަކު ނައިބު ރައީސް ކަމަށް ހޮވެން އޮއްވާ ލާދީނީ އެމްޑީޕީއަށް ވޯޓު ދިނުމުގެ ހިތި ނަތީޖާ މިއީ. ދެންވެސް ބަދަލަކަށް ވޯޓުލައިގެން ރަނގަޅު ކުރެވޭނީ.

    55
    1
  2. ހަނީ

    މިސަރުކާންރުންތަޅާބުރުސަނީމީހުންދަކާވާހަކައެތްއަޑެތްނާހައެ

    38
  3. މުހައްމަދު

    ވަރައް ރަނގަޅު ވާހަކައެއް.

    އިގްތިސާދު ދަންނަ މީހަކު ރައީސްކަމަށް، އަދި ދީން އިނގޭ ޝެއިހަކު ނައިބު ރައީސް ކަމަށް ހޮވެން އޮއްވާ ލާދީނީ އެމްޑީޕީއަށް ވޯޓު ދިނުމުގެ ހިތި ނަތީޖާ މިއީ. ދެންވެސް ބަދަލަކަށް ވޯޓުލައިގެން ރަނގަޅު ކުރެވޭނީ. ދެންވެސް ހޭއަރަމާތޯ؟

  4. Anonymous

    2023 ގައި ބޭންކުން ފައިސާ ލިބޭނެ ކަމަށް ހީނުކުރާތި. ބޭންކުގައި އޮންނާނީ ޢަދަދެއް. ފައިސާއެއް ނުލިބޭނެ.

  5. އިސްޢާފް ސަލީމް

    ޔާމީންގެ ވެރިކަން ނިންމަން ބަޔަކު ވޯޓުން ފޭރިގެން އައިއިރު އެމްއެމްއޭ ރަސްމީ ރިޟާވްގައި 950 މިލިޔން ޑޮލަރު ، ބޭނުންކުރެވޭ ރިޟާވްގައި 250 މިލިޔަން ޑޮލަރު ހުއްޓާ ތަޅާ ބުރުވާ ބައިލިބޭގޮތަށް ބަދަލުދީ ، ދަރަންޏަށާ ، ޗާޕްކޮށްގެންނާ ހަރުމުދާވިއްކައިގެން ންނޫންގޮތަކަށް ދައުލަތަށް ފައިސާއެއްހޯދަން ނޭގޭ ގަމާރުންގެ ވެރިކަން މިއޮތީ! ރައްޔިތުން ވިސްނާ!!

  6. ދަރަނި ދަންތުރަ

    ރާއްޖޭގެ ރިޒާވް މިހާރު ދަތުރުކުރަނީ މޯލްޑިވިއަންގައި ގ. އާސަހަރާޔަށް ކަމަށް ، މޯލްޑިވިއަންގެ ޑީ އެން ޑީ ޖެނިފާ ވިދާޅުވީ ، މިއަހަރު ފަހުކޮޅު އުފާވެރި ހަބަރެއްދޭނަމޯ އެއީ ރާއްޖެ ބަނގުރޫޓުވި ހަބަރުބާ

  7. Anonymous

    އަދިވެސް އެއުޅެނީ އަގުބޮޑުކާރު ނުގަނެވިގެނެއްނޫން!! ސުލޯލިހަށްނޭގޭ ވާނުވާއެއް!!ހަޔާތްކުޑަ ކަމުން އަދިދެވަނަ ދައުރަށްކަށް ކުރިމަތިލާންވެސް އެބަތެޅެއެއްނޫން !!!!!!!

  8. ޒާ

    މިވެރިކަން ނިމޭއިރު ރިޒާވް ހުރިތާ ހުންނާނީ ހުސްވަޅުގަނޑެއް.