މިއަހަރުގެ ނިމުމުގެ ކުރިން 100 ރަށަށް ހޯމް ސްޓޭ މޮޑެލް ތައާރަފު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް މި އަހަރުގެ މާރިޗް މަސް ތެރޭގައި ހާމަކުރެއްވުމާ އެކު، ލޯކަލް ޓޫރިޒަމް އެއްވެސް ވަރަކަށް ނެތް ރަށްރަށުގެ ރައްޔިތުން އުފަލުން "ފޮޅުނު" ކަހަލައެވެ.

އެކަމަކު، އެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ނުވެ އަހަރު ނިމުމަކާ ހަމައަށް އަންނަނީއެވެ. ހޯމް ސްޓޭ ޓޫރިޒަމް ބޭނުން ގޮތަކަށް ނުހިނގިއެވެ. ފަތުރުވެރިން އެ ރަށްރަށަށް ނާދެއެވެ. ފަތުރުވެރިން ނައި ކަމުގައި ވިޔަސް، މި ހިދުމަތް ހޯދާ ދިވެހިން އެބަތިބިއެވެ. އެކަމަކު، އެކަމަށް ވެސް އެންމެ ބޮޑު ތަރުހީބެއް ނުލިބެއެވެ.

ރާއްޖޭގައި ހޯމް ސްޓޭ ކުރިއަށް ގެންދިއުމަށް ލައިސަންސް ދޫކޮށްފައި ވަނީ ހަތް ރަށެއްގެ ކައުންސިލަށެވެ. އަދި ޖުމްލަ 13 ކޮޓަރި ހިމެނޭ 26 އެނދެއް ރެޖިސްޓަރ ކޮށްފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލޭގެ 20 އެނދު ރެޖިސްޓަރކޮށްފައިވާއިރު، މ. ދިއްގަރުން ހަ އެނދު ރެޖިސްޓަރ ކޮށްފައި ވެއެވެ.

ނޯޓް: ޓޫރިޒަމް މިނިސްޓްރީގެ އޮފީހެއް ހުންނަ ސަރަހައްދެއް ނަމަ ކައުންސިލް މެދުވެރިކޮށް، އެ ހިދުމަތް ކުރިއަށް ގެންދަން ހުއްދަ ހޯދަން ނުޖެހޭނެއެވެ.

ހޯމް ސްޓޭ ކުރިއަށް ގެންދަން ލައިސަންސް ދޫކޮށްފައިވާ ރަށްތައް

މ. ދިއްގަރު

ގއ. ދާންދޫ

ގއ. ނިލަންދޫ

ހއ. ހޯރަފުށި

އައްޑޫ ސިޓީ ހިތަދޫ

ނ. ވެލިދޫ

ފުވައްމުލައް ސިޓީ

މީގެ ތެރެއިން ގިނަ ރަށްތަކުގައި ހޯމް ސްޓޭއަށް ކޮޓަރިތައް ތައްޔާރުކޮށް، އޮޕަރޭޝަނަަށް ގެނެސްފައިވާ ކަމަކަށް ނުދައްކައެވެ. އެކަމަކު މީގެ ތެރެއިން ގިނަ ރަށްތަކަކީ ގެސްޓްހައުސް އަދި ހޮޓެލް ހިންގަމުން އަންނަ ރަށްތައް ކަމުން، މި ތަންތަނުގައި ހޯމް ސްޓޭ މޮޑެލް ވަރަށް ބާރަށް ކުރިއަށް ދާނެ ކަމަށް ބެލެވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު ދިއްގަރަށް އައި ފަސް ފަތުރުވެރިންނާއެކު އެ "ހޯމް ސްޓޭ" ޓޫރިޒަމްގެ ނަމުގައި މިކަން ފެށިއެވެ. މިއީ ތަރުހީބު ބޮޑުވެގެން ދާނެ ޓޫރިޒަމްގެ އާ ވައްތަރަކަށް ވެދާނެ ކަމަށް އޭރު ވަރަށް ބޮޑަށް ބެލެވުނެވެ. ސަބަބަކީ މިއީ ގެސްޓްހައުސްތަކާއި، ރިސޯޓްތަކަށްވުރެ މާ އަގުހެޔޮކޮށް ތިބެވޭނެ އާ ޓޫރިޒަމް މޮޑެލްއަކަށް ވުމުންނެވެ.

ރާއްޖެ އައި ފަތުރުވެރިންތަކެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ދިއްގަރުން މި ޓޫރިޒަމްގެ މޮޑެލް ފެށިގެން ދިޔައީ އެ ރަށު މޫރިތި ގެއިންނެވެ. ވަކި ސްޓޭންޑަޑަކަށް އެ ގެ ފައްތާލައި، ޓޫރިސްޓުން ގެެނެސް ހިދުމަތްތައް ދޭން ފެށިއެވެ. ވަކި ސްޓޭންޑާޑްއަކަށް ކޮޓަރިތައް ބަދަލު ކުރިއެވެ. އަދި ޓޫރިޒަމް އަށް ވަންނަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް އިތުރު ހިތްވަރެއް ވެސް ދިނެވެ. އަދި މިއީ ނަމޫނާއެއް ކަމަށް ބަލައިގެން، އެހެން ރަށްތަކުން ވެސް މަސައްކަތް ފެށިއެވެ.

ދިއްގަރާއެކު، ދެން އެ މަސައްކަތް ފުޅާ ކުރަން އެންމެ ބޮޑަށް މަސައްކަތް ކޮށްފައި ވަނީ ގއ. ގެމަނަފުށީގައެވެ. ގެމަނަފުށިން ވަނީ ހުއްދަ އަށް އެދި މިނިސްޓްރީ އަށް ހުށަހަޅައިފައެވެ.

އެކަމަކު ބޭނުންވި ލެވެލްގައި ރާއްޖޭގައި ހޯމް ސްޓޭ އަދި ފައްކާ ނުވިއެވެ.

ދިއްގަރަށް މައުސޫމާއި މިނިސްޓްރީ ބޭފުޅުން ކުރިން ކުރެއްވި ޒިޔާރަތެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޒިޔާން އަހްމަދު

ދިއްގަރުން ބުނަނީ ފަތުރުވެރިން ނާންނަ ކަމަށް، އެކަމަކު ދިވެހިން އާދޭ!

އޭރު ދިއްގަރު ވަރަށް ބޮޑަށް ހޯމް ސްޓޭއަށް ތައްޔާރުވިއެވެ. އެއީ ބިން ފުުރިފައިވާ ރަށެއް ނަމަވެސް، އެރަށުގައި ޓޫރިޒަމް ފައްކާ ކުރެވޭތޯ ކައުންސިލާއި، ރަށުގެ ރައްޔިތުން ވަރަށް މަސައްކަތް ކުރިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ އެ ރަށު ރައްޔިތުން ދުވަހަކު ވެސް ދެކިދާނެ ފަދަ ކަމަކަށް ނުވާތީއެވެ. އެއީ އެ ރަށަކީ ބިން ފުރިފައިވާ ރަށެއް ކަމުން، އެ ރަށުގައި ގެސްޓް ހައުސް ހެދޭނެ ޖާގަ ވެސް ނެތުމުންނެވެ. އެކަމަކު އެފަދަ މާޔޫސްކަމެއްގައި ތިއްބާ، ފަތުރުވެރިން އެ ރަށަށް އަންނަން ފެށީއެވެ. އަދި އެ ރަށަށް ނިސްބަތްވާ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ޒުވާނުންގެ މޫނަށް ވެސް އޭރު އުފާވެރިކަން ވެރިވެގެން ދިޔައެވެ.

އެކަމަކު މިހާރުގެ ހާލަތަކީ ކޮބާ ހެއްޔެވެ؟

އެ ރަށުގައި ހޯމް ސްޓޭ ފައްކާކޮށް، އެ ހިދުމަތަަށް ލައިސަންސް ނަގާފައި ވަނީ އެންމެ ގެއަކުންނެވެ. އެއީ އެރަށު މޫރިތި ގެއެވެ. އެ ގެއަށް ފުރަތަމަ އައި ދެ ފަތުރުވެރިން ފިޔަވައި އިތުރު ބިދޭސީއަކު ނާދެއެވެ.

"ވަގުތު" އާ ވާހަކަދައްކަމުން ދިއްގަރު ކައުންސިލް ރައީސް އަހްމަދު ނިޝާން ވިދާޅުވީ، އެރަށުގައި ހޯމް ސްޓޭ ޓޫރިޒަމްގެ ކަންކަން އެންމެ ރަނގަޅަށް، ހިތްހަމަޖެހޭ ވަރަކަށް ނުދާ ކަމަށެވެ.

"އެބަދޭ ނަމަވެސް، ޓޫރިސްޓުންނެއް ނާދޭ، އެކަމަކު ހޯމް ސްޓޭގެ ބޭނުން ދިވެހިން އެބަ ކުރޭ. ރޯމްތައް އެބަ އެލޮކޭޓް ކުރޭ ކޮންމެ މަހަކު". އޭނާ ވިދާޅުވިއެވެ.

އެގޮތުން ކޮންމެ މަހަކު ކަހަލަ ގޮތަކަށް އެރަށަށް ދިވެހިންދާކަން ފާހަގަކޮށް، އޭނާ ވިދާޅުވީ، ފުލްކޮށްވެސް ބައެއް ފަހަރު ދާ ކަމަށެވެ.

ނިޝާން ވިދާޅުވީ، އެރަށުގައި ހޯމް ސްޓޭ ޓޫރިޒަމް ބޭނުންވާ ގޮތަށް ކުރިއަށް ނުގެންދެވެނީ ޕްރޮމޯޓް ކުރުމުގައިވެސް ގޮންޖެހުންތަކެއް ހުރުމުން ކަމަށެވެ.

ދިއްގަރަށް މައުސޫމާއި މިނިސްޓްރީ ބޭފުޅުން ކުރިން ކުރެއްވި ޒިޔާރަތެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޒިޔާން އަހްމަދު

މިއީ ގޮން ޖެހުން ބޮޑު ކަމެއް!

ނިޝާން ފާހަގަކުރެއްވީ މިކަމަށް މީހުން އަހުލުވެރި ނުވުމެވެ. އަދި ރަށަށް ނިސްބަތްވާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން މިކަމުގައި ނޫޅޭކަން އޭނާ ފާހަގަކުރެެއްވިއެވެ. މި މަސައްކަތުގައި އެބޭފުޅުން އަދި ޝާމިލްވެ ނޫޅެނީ ޕްރޮމޯޓް ކުރުމާއި، އަދި ބުކިންގ ކަންތައް ރަނގަޅަށް ނުދާތީ ކަމަށް ބެެލެވޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދު ކުރީ މިކަން ފެށިގެން ދިޔައިރު، ރަށުގެ ރިސޯޓްތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން، ފަރާތްތައް މިކަމުގެ ތެރެއަށް ވަދެގެން ދާނެ ކަމަށް، އެބޭފުޅުންވެސް ރަށަށް އައިސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް، ނަމަވެސް އަޅުގަނޑަށް ގަބޫލު ކުރެވެނީ އެކަން ނުވެ މި ދަނީ، އެންމެ ފުރިހަމަ، ގޮތަށް ބުކިންގ އާއި ޕްރޮމޯޓް ކުރުމާ މިކަންތައް ކުރިއަށް ނުދިއުމުގެ ސަބަބުންނޭ" ނިޝާން ވިދާޅުވިއެވެ.

އިތުރު ގޮންޖެހުމަކަށް އޭނާ ފާހަގަކުރެއްވީ ރަށުގައި ވޯޓާ ސްޕޯޓްސް ހިދުމަތް ނެތުމެވެ.

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްލައިގެން. --- ވަގުތު އިމޭޖަސް

"ޑައިވިންގ އާއި ވޯޓާ ސްޕޯޓްސް އާއި އަދި އޭގެ އިތުރުން، ރަށު ތެރޭގައި އިތުރު ކަންކަމާއި އެކީގައި މިކަންކަން ކުރިއަށް ގެންދަން ބޭނުންވަނީ، އެއީ އެންމެ ބޮޑު އެއް ގޮންޖެހުން". ނިޝާން ވިދާޅުވިއެވެ.

އޭގެ އިތުރުން، ކައުންސިލްގެ ކުންފުނިން ރަށަށް އެތެރެވާ ފަތުރުވެރިން ބެލެހެއްޓުމަކީވެސް މިހާރު ކައުންސިލްގެ ވިސްނުމުގައި ހުރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ފްރޮންޓް ޑެސްކެއް ގާއިމް ކުރުމުގެ ކަންކަންވެސް ހިމެނެއެވެ.

ދިއްގަރު. --- ފޮޓޯ: އެމްޓީސީސީ

ޕްރޮމޯޓް ކުރުމުގައި ދަތިތަކެއް!

"އެއީ ހޯމް ސްޓޭ ހިންގަވާ ބޭފުޅުންނަށް ވަކިން އެކަން ކުރުމަކީ އުނދަގޫ ކަމަކަށް ވެފައި މި އޮންނަނީ، ޕްރޮމޯޓް ކުރުމުގެ މަސައްކަތް، އޭގައި ކައުންސިލްގެ އެހީތެރިކަން މި ބޭފުޅުންނަށް ބޭނުންވޭ". ނިޝާން ކިޔައި ދެއްވިއެވެ.

އެގޮތުން މިކަމުގައި އެންމެ މީހަކު އުޅެގެން ކުރާތީ، މިއީ ކުރަން އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިޝާން ވިދާޅުވި ގޮތުގައި، ކައުންސިލްގެ ވެބްސައިޓް ނޮވެމްބަރު އެއް ވަނަ ދުވަހު ލޯންޗް ކުރެވިގެން ދާނެއެވެ. އެއާ އެކީގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތްތަކެއް ކައުންސިލުން ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ޕްރޮމޯޓް ކުރެވިއްޖެ ނަމަ ރަނގަޅު ތަރުހީބެއް ލިބިގެން ދާނެ ކަމަށް".

ހޯމް ސްޓޭ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އަތޮޅު ކައުންސިލާއި އަދި ހުރިހާ ރަށަކާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަގުތު"އާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ކައުންސިލްތަކަށް ފައިދާ ވާނީ ދިވެހި ޓްރެވެލް އެޖެންޓުންނާ ގުޅިގެން މިކަން ކުރިއަށް ގެންދިއުމުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މުޅި ދުނިޔޭގައިވެސް މާކެޓް ކުރާ މެސެޖްތަކުގައި މި ކިޔަނީ، ރާއްޖޭގައި ސަފާގީ ޓޫރިޒަމް އެބަ އޮތޭ، ސްޕޯޓްސް ޓޫރިޒަމް އެބައޮތޭ، ކުރީގެ ޓޫރިޒަމްގެ ބަދަލުގައި، ރާއްޖޭގެ ރަށްރަށުގެ ތަފާތު ދިރިއުޅުން ބަލާލުމުގެ ޓޫރިޒަމް އެބަ އޮތޭ، އެހެންވީމަ އެކަންތައްތައް ފޯރިގަދަވަމުން ދާނީ. ހާއްސަކޮށް ދަތުރު ފަތުރުގެ ނިޒާމަށް އަންނަ ކުރިއެރުމުން ވަރަށް ބޮޑެތި ކުރިއެރުންތައް މުސްތަގުބަލުގައި ލިބޭނެ". މައުސޫމް ވިދާޅުވިއެވެ.

އިތުރު ޕްލޭނެއް، އަންނަ އަހަރު މަސައްކަތް ފަށާނެ!

ނިޝާން ވިދާޅުވީ، އިތުރު ގެތައް ހޯމް ސްޓޭއަށް ތައްޔާރު ކުރުމަށް، އިތުުރު ޕްލޭނަކާއެކު އަންނަ އަހަރު އެ މަސައްކަތްތައް ކައުންސިލުން ކުރިއާށް ގެންދާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، މިކަން ކުރިއަށްގެންދިއުމަށް ހުރި ގޮންޖެހުންތައް މިހާރު ފާހަގަ ކުރެވިފައިވާ ކަަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް މީގައި ހުރި ގޮންޖެހުންތައް ފާހަަގަ ކުރެވިފައި ހުރި ކަންކަމަށް ޓެކްލް ކޮށްގެން، އަންނަ އަހަރު ތެރޭގައި މިކަން ފުޅާ ކުރުމުގެ މަސައްކަތްތަކެއް ދާނެ، އޭގެ ތެރޭގައި މިިނިސްޓްރީގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމުގައި ހުރި ދަތިތަކާއި އަދި އަޅުގަނޑުމެންގެ ގެތައް ފަރުމާ ކުރެވިފައި ހުރި ގޮތުން ލައިސަންސް ހޯދުމުގައި ދިމާވާ ދަތިތައްވެސް މީގެ ތެރޭގައި ހިމެނޭ". ނިޝާން ވިދާޅުވިއެވެ.

ރާއްޖެ އައި ފަތުރުވެރިންތަކެއް

އޭނާ ވިދާޅުވީ، މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، މަސައްކަތް ކުރަނީ އަންނަ އަހަރު ތެރޭގައި ރަނގަޅު ހިދުމަތެއް ހޯމް ސްޓޭ މެދުވެރިކޮށް ދިނުމަށް ކަމަށެވެ.

"ކައިރީގައި ރިސޯޓެއް ހުޅުވިގެން ދާތީއާ އެކީގައި އަންނަ އަހަރު އިރާދަކުރެއްވިއްޔާ ކުރިއަށް ދާނެ ކަމަށް ބެލެވެނީ".

ނިޝާންގެ ވާހަކަތަކުން އެނގޭ ގޮތުގައި، އެންމެ ބޭނުންވާ ގޮތަށް ހޯމް ސްޓޭ ޓޫރިޒަމް އަދި ފައްކާ ނުވިޔަސް، އިތުރު ގޮތްގޮތުން އެކަން ކުރިއަރުވަން އެ ތިބީ ބޭނުން ވެފައެވެ.

ނިޝާން ވަނީ ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓްރީއާ ވެސް ހިއްސާ ކޮށްފައެވެ. އަދި އެކަންކަން ހައްލު ހޯދުމަށް ވެސް މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެގޮތުން ކުރިއެރުންތަކެއް ހޯދިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެރަށުގައި ގެސްޓްހައުސްތަކެއް ކުރިއަށް އޮތްތަނުގައި ހުޅުވިގެން ދާނެއެވެ. އެހެންކަމުން މިއީ ހޯމް ސްޓޭ ކުރިއަރައިގެން ގޮސް ދާނެ ކަމުގެ ހެއްކެކެވެ.

ގެމަނަފުށި ހޯމް ސްޓޭއަށް ވަރަށް ތައްޔާރު، 300 މީހުންނަށް އެކޮމޮޑޭޓް ކުރެވޭނެ!

"ވަގުތު" އާ ވާހަކަ ދައްކަމުން ގެމަނަފުށީ ކައުންސިލް ރައީސް އިބްރާހިމް ނާޝިދު ވިދާޅުވީ، ހޯމް ސްޓޭގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. އެގޮތުން ވަރަށް ގިނަ ބަޔަކު ހޯމް ސްޓޭއަށް ގެތައް ތައްޔާރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެރަށުން 150 ގެ ހޯމް ސްޓޭއަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 300 މީހުން އެކޮމޮޑޭޓް ކުރެވޭ ވަރަށް އެ ރަށް ހޯމް ސްޓޭއަށް ތައްޔާރު ކަމަށް ވިދާޅުވިއެވެ.

ގއ.ގެމަނަފުށި - ފޮޓޯ: އިސްމާއިލް ޝަހްދު / ގެމަނަފުށި
ގއ.ގެމަނަފުށި - ފޮޓޯ: އިސްމާއިލް ޝަހްދު / ގެމަނަފުށި

އޭނާ ވިދާޅުވީ، އެރަށުގެ ހުރިހާ ރައްޔިތުންގެ ވެސް އުއްމީދަކީ، ރަށު ކޮންމެ ގެއެއްވެސް ހޯމް ސްޓޭއަށް ފައްކާ ކުރުމެވެ. ނަމަވެސް އެކަން ކާމިޔާބު ކުރެވިގެން ދާނީ އެކަށީގެންވާ ވަރަށް ފަތުރުވެރިން ގެނެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޓޫރިސްޓުން ގެންނަން ދަތިތަކެއް!

އެރަށް ހޯމް ސްޓޭއަށް ތައްޔާރުވެފައިވާއިރު، ގޮންޖެހުންތަކެއް އެބަހުއްޓެވެ. ހާއްސަކޮށް ފަތުރުވެރިން ގެނައުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ.

"ވާގޮތަކީ އަޅުގަނޑުމެންނަށް މިތަނުގައި އެއާޕޯޓެއް ނެތީމަ، ދަތިތަކެއް އެބަހުރި ޓޫރިސްޓުން ގެންނަން" ގެމަނަފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެގޮތުން އޭނާ ބޮޑަށް ފާހަގަކުރެއްވީ އެ ހިސާބުގައި އިންޓަނޭޝަނަލް އެއާޕޯޓެއްވެސް ނެތް ކަމުގެ ވާހަކަ އެވެ.

"މިހާރު ޓޫރިސްޓުން މާލެ އިންޓަނޭޝަނަލް އެއާޕޯޓަށް، އައިސް އަނެއްކާ އެބަދޭ ފްލައިޓްގައި އެއްގަޑިއިރުގެ ދަތުރެއް ޑޮމެސްޓިކް އެއާޕޯޓަކަށް، އަނެއްކާ އަޅުގަނޑުމެންގެ އެންމެ ކައިރީގައި މިއޮތް އެއާޕޯޓަށްވެސް ދަތުރު ކުރަން އެބަ ޖެހޭ 20 ވަރަކަށް މިނެޓް ހޭދަ ކުރަން". އޭނާ ވިދާޅުވިއެވެ.

ކޫއްޑޫ އެއާޕޯޓް-- ފޮޓޯ/ ރައީސް އޮފީސް

އެއީވެސް ހަރަދުތަކެއް ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ބޭރު ގައުމެއްގައި ހުރެފައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިޔާ ފުރަތަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމަށް ފަހު، އަނެއްކާ އެއާޕޯޓުން ރަށަކަށް އައުމަށް އިތުރު ފްލައިޓެއް ނަގަން ޖެހޭ ކަމަށެވެ. އެއަށް ފަހު، ލޯންޗު ދަތުރު ވެސް ކުރަން ޖެހޭތީ އެއީ ފުދޭ ވަރަކަށް ހަރަދު ބޮޑުވާ ކަމަކަށްވާތީ މިއީ އޮތް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިކަން ހައްލު ކުރުމަށް ވަރަށް ގިނަ ފޯރަމްތަކުގައި ވާހަކަ ދެކެވިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެއީ ހުވަދު އަތޮޅަށް އިންޓަނޭޝަނަލް އެއާޕޯޓެއް ގެނައުމަށެވެ. އޭނާ ވިދާޅުވީ، ހުވަދު އަތޮޅުގައި މިހާރުވެސް ތިން އެއާޕޯޓެއް ހިންގަމުންދާއިރު، އިތުރު އެއާޕޯޓެއް އޮޕަރޭޝަނަށް ގެނައުމުގެ މަގުމަތީގައި އޮތް ނަމަވެސް، އިންޓަނޭޝަނަލް އެއާޕޯޓެއް ނެތުމަކީ އެ ހިސާބަށް ޓޫރިސްޓުން އައުމުގައި ހުރި ދަތި ކަމެއް ކަމަށެވެ. އަދި އިންޓަނޭޝަނަލް އެއާޕޯޓެއް އައިސްގެން ނޫނީ ހޯމް ސްޓޭ ބޭނުންވާ ވަރަށް ކުރި އަރައި ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށަކީ ގެސްޓް ހައުސްއެއްވެސް ހިންގަމުން އަންނަ ރަށެކެވެ.

ގއ. ގެމެނެފުށި

މިނިސްޓަރު ވިދާޅުވީ، ހޯމް ސްޓޭ އަކީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްއެއް ކަމަށެވެ. މިކަން ކުރިއަރުވަން ރަށްރަށަށް އެންމެ ބޮޑު ގޮންޖެހުކަމަށް އޮންނާނީ ދަތުރުފަތުރުގެ ނިޒާމް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަންތައް އެބަ ހަމައަކަށް އެޅޭ، ހާއްސަކޮށް އާރްޓީއެލް ފެރީ، ހދ. ށ. ގައި ފެށުނީމަ އެ ހިސާބަށް ރަނގަޅު ކެރިއެރުމެއް ލިބޭނެ. ދެން އިތުރަށް އެއާޕޯޓްތައް ހުޅުވި، އިތުރު ރިސޯޓްތައް ހުޅުވިގެން ދިޔައީމަ ކުރިއެރުން ލިބޭނެ".

އަދި އޭގެ އިތުރުން އިންވެސްޓަރުން ހޯދައި ދިނުމުގައި ކައުންސިލްތަކާއި، ވިޔަފާރިވެެރިންނަށް އެހީވުމަށް މިނިސްޓްރީން ކުރެވިދާނެ ކަންކަން ބަލައިގެން އެކަމަށް މަގުފަހި ކުރުމާއި އަދި ކައުންސިލަކުން އެރަށެއްގެ ޓޫރިޒަމް ބައްޓަން ކުރަން ބޭނުންވާ މަޝްވަރާ ދިނުމާއި، އެކަންތައް ފަހި ކުރުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވިއެވެ.

"ވަރަށް އަހަންމިއްޔަތުކަމެއް ދީގެން ރަށްރަށުގައި ފަތުރުވެރިކަން ހިންގުމަށް އެ ރަށެއްގެ ކައުންސިލް އިން އެބޭފުޅުން ކަނޑައަޅާ މުވައްޒަފުންތައް ތަމްރީން ކުރުމުގެ ބައި ވެސް އަންނަ އަހަރު ވަރަށް ބޮޑަށް ކުރެވިގެން ދާނެ". މައުސޫމް ވިދާޅުވިއެވެ.

ހޯމް ސްޓޭ ކުރިއަށް ދާނެ ކަމަށް ގަބޫލު ކުރެވޭ!

ރާއްޖޭގައި ހޯމް ސްޓޭ ކުރިއަށްދާނެ ކަމަށް ބައެއް ފަރާތްތަކުން އަދިވެސް ގަބޫލު ކުރެއެވެ. ހާއްސަކޮށް، މިހާރު މޮޑެލް ފައްކާ ކުރަމުންދާ އެ ދެ ރަށް ފާހަގަކޮށްލެވެއެވެ.

ނިޝާން ވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވައެވެ. އަދި މިކަން ކުރިއަށް ގެންދަން ބޭނުންވާ ނަމަ ރަށުގައި ގެސްޓް ހައުސްތަކާ އެކުގައި ފެށިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތަށް ފެށިގެން ކޮންޓިނިއުސްކޮށް މިކަން ކުރެވިގެން ދާނެ ކަމަށް ބެލެވެނީ، އެކަމަކު ހޯމް ސްޓޭއަކީ ރައްޔިތުންނަށް ލިބިދިން އިތުރު ފުރުސަތެއް، އަދި ފަސޭހައެއް ހަގީގަތުގައި، ގެސްޓް ހައުސްތަކަށް ދިއުމުގައި ބަދަލުގައި އާއްމު ރައްޔިތުންނަށް ކުޑަ ހަރަދަކުން، މިކަން ކުރެވިގެންދާނެ ގޮތަކަށް ފަރުމާ ކުރެވިފައި ވަނީ".

އެއީ މި މޮޑެލް ފަރުމާވެސް ކުރެވުނު ގޮތެވެ. ރަށުގެ ގެސްޓްހައުސްތައް ފުލްވެއްޖެ ހާލަތުގައި، ހޯމް ސްޓޭއަށް ހާއްސަ ކުރި ކޮޓަރިތައް ފަތުރުވެރިންނަށް ދެވިގެން ދާނެއެވެ. މިއީ ބައެއް ގެސްޓްހައުސް ވިޔަފާރި ހިންގާ ބޭފުޅުންގެ ވެސް ވާހަކަ ހުރި ގޮތެވެ.

"ހޯމް ސްޓޭ ބޮޑަށް ހިނގާނީ ފަތުރުވެރިކަން ފެށިގެން ކުރިއަށްގެންދާ ރަށްތަކުގައި، މިއީ ގެސްޓްހައުސްތައް ފުލްކޮށް އޮންނަ ދުވަސްކޮޅު، ހާއްސަކޮށް ސީޒަނާއި ދިމާކޮށް ވަރަށް ރަނގަޅު މޮޑެލް އަކަށް ވެގެން ދާނެ ކަަމަށް އަޅުގަނޑު ގަބޫލު ކުރަނީ". ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ހިންގަމުން އަންނަ ރަށެއްގައި ގެސްޓް ހައުސް ހިންގަމުންދާ ބޭފުޅަކު "ވަގުތު" އަށް ވިދާޅުވިއެވެ.

މަންތާ ގެސްޓްހައުސްގެ ކޮޓަރިތައް ހުންނަ ސަރަހައްދު. --- ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

ގެމަނަފުށީ ކައުންސިލްގެ ރައީސް ވެސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހޯމް ސްޓޭ މޮޑެލްގެ ފަތުރުވެރިކަން ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް އޭނާއަށް ވެސް ގަބޫލު ކުރެއްވެއެވެ.

"އަސްލު ވާގޮތަކީ ޓޫރިސްޓުންވެސް ވަރަށް ބޭނުންވާނެ ދިވެހިންގެ ކަލްޗަރާއި ދިވެހިންގެ ދިރިއުޅުމާއި މިކަންކަން ޓެސްޓުކޮށްލާ، މިކަންކަން ލޮލުން ބަލާލަން، އެހެންވީމަ އަޅުގަނޑު ލަފާ ކުރެވޭ ގޮތުގައި ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދާނެ ހޯމް ސްޓޭއަށް".

އަދި މިއީ އެ ފަތުރުވެރިންނަށް ބަޖެޓްގެ ގޮތުގައިވެސް ވަރަށް ބޮޑަށް ހަރަދުތައް ކުޑަވެެގެން ދާނެ ކަމަކަށް ވެފައި، ފަތުރުވެރިންނަށް މި މޮޑެލް ކަމުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމް ސްޓޭއާއެކު ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ - ތަޖުރިބާކާރުން

މި އަހަރު ޖޫން މަސް ރާއްޖޭގައި ބޭއްވި ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލޮލިކަޝްވިލް ވިދާޅުވި ގޮތުގައި، ހޯމް ސްޓޭ ޓޫރިޒަމާއެކު ގިނަ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އޭނާ ވިދާޅުވީ އެ ޕްރޮޑަކްޓުގެ ސަބަބުން ފަތުރިވެރިން ރާއްޖެ އަންނަވަރު ގިނަ ވެގެންދާނެ ކަމަށެވެ.

"ރާއްޖެއަކީ ޒަމާނުއްސުރެ މުއްސަދިންނަށް ޗުއްޓީއަށް އާދެވޭ މަންޒިލަކަށް ވެފައި އޮންނަނީ. ރާއްޖެ އައިސް ފަސް ރޭ ރިސޯޓެއްގައި ހުރުން އެއީ އާދައިގެ މީހަކަށް ވާނެ ކަމެއް ނޫން. ނަމަވެސް ހޯމް ސްޓޭ ޓޫރިޒަމާއެކު ގިނަ ބަޔަކަށް ރާއްޖެއަށް އައުމުގެ ފުރުސަތު ވަނީ ފަހިވެފައި". ޒުރާބު ވިދާޅުވިއެވެ.

ހޯމް ސްޓޭގެ ސަބަބުން ގިނަ ބަޔަކަށް ރާއްޖޭގެ ރީތިކަން ބަލާލުމުގެ ފުރުސަތު ލިބިގެން ގޮސްފި ކަމަށާއި އެއީ ވަރަށް ރަނގަޅު ޕްރޮޑަކްޓެއް ކަމަށް ޒުރާބު ވިދާޅުވިއެވެ.

ހޯމް ސްޓޭގެ ގަވާއިދު

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ހޯމް ސްޓޭގެ އުސޫލުގައި ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި އެއް ކޮޓަރިން ފެށިގެން ފަސް ކޮޓަރިއާ ހަމައަށް، ފަތުރުވެރިން ބޭތިއްބުމަށް ވަކިވަކި ކޮޓަރި ހާއްސަކޮށްފައި ހުންނަންވާނެއެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ހަމައެކަނި އެ ކޮޓަރިއަކުން ވަދެވޭ ގޮތަށް ފާހާނާއެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ފަތުރުވެރީންނަށް ހާއްސަކޮށްފައިވާ ކޮޓަރިއެއްގައި ނިދުމަށް ދެ އެނދު ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އިތުރު އެނދު ބެހެއްޓުމަށް ހުރަސް ނާޅާ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ތަނުގެ ކަންކަމާއި ޒިންމާވާނެ ފަރާތަކާ 24 ގަޑިއިރު ގުޅޭނެ އިންތިޒާމެއް ހަމަޖައްސައިފައި ހުންނަންވާނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.

ހޯމް ސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ކޮޓަރިތައް ހުންނަންޖެހޭ މިންގަނޑުގެ ތެރޭގައި އެ ގެއެއްގެ ކޮމަން އޭރިއާއަކުން ސީދާ އެ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ވަކިން ދޮރު ހަރުކޮށްފައި ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ކޮޓަރީގެ ބޮޑުމިނުގައި، ފާހާނާ ހިމެނޭގޮތަށް، މަދުވެގެން 120 އަކަފޫޓު ހުންނަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ކޮޓަރީގެ ދޮރުގައި، ރަނގަޅަށް ތަޅުލެވޭ، ތަޅުދަނޑިން ނުވަތަ އިލެކްޓްރޯނިކް އާލާތަކުން އޮޕަރޭޓްކުރާ ތަޅެއް ހަރުކޮށްފައި ހުންނަންވާނެއެވެ. ވައި ދައުރުވެ ގުދުރަތީ އަލިކަން ލިބޭނޭހެން ކޮޓަރީގައި ހުޅުވައި ލައްޕާ އަދި ރަނގަޅަށް ތަޅުވޭގޮތަށް ކުޑަދޮރެއް ނުވަތަ ފެން ލައިޓެއް ހުންނަންވާނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ. އަދި ރޫމްގައި ސޭފް ބޮކްސްއެއް ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

ހޯމް ސްޓޭ މޮޑެލް ކާމިޔާބު ވާނީ ހޮޓާތަކާއި، ގެސްޓްހައުސްތައް ހުރެގެން!

މިނިސްޓަރު ވިދާޅުވީ، ރަށްރަށުގައި ހަދަން މި ދެނީ، ހޮޓެލް އާއި ގެސްޓް ހައުސްގެ އިތުރުން ހޯމް ސްޓޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހޯމް ސްޓޭ ފެށިއިރު، 95 ރަށުގައި ގެސްޓް ހައުސް ހުންނަ ކަމަަށާއި، ނަމަވެސް މިހާރު 106 ރަށުގައި އެބަހުރި ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ އެބަދޭ ބާރަށް ކުރިއަށް، ހުރިހާ ރަށެެއްގައި ބިޒްނަސްއެއް ގޮތަށް ނުހިނގާފާނެ". މިނިސްޓަރު ވިދާޅުވިއެވެ.

"ހޯމް ސްޓޭގެ ބޭނުން ބޮޑަށް ހިފޭނީ ރަށެއް ފުލްވެގެން އަންނަ އިރު، ރަށުގެ ބޮޑެތި ހޮޓާތަކާއި، އެހެން އެއްޗެހި ހުރެގެން ހޯމް ސްޓޭ މޮޑެލް ކާމިޔާބު ވާނީ. އެ ހުރިހާ ރަށެއްގެވެސް ކައުންސިލް ތަކަށް ކިޔާދީފައި އަޅުގަނޑުމެން އޮންނާނީ"،

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޓޫރިޒަމް ފުޅާ ވެގެން ދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އައްލާބެއްޔާ

    ބާރަށް ކުރިޔަށް އެބަދެއޭ.. ..ކޯޗެއް ކުރިޔަށް ދަނީ؟ ގައުމު ވިއްކުމާއި އަހަރެމެންގެ ބޮލުގަ ދަރަނި އެޅުވުމާއި ބައިތުލަމާލު ޕަކަޅާ ކޮށްލުން ކުރިޔަށް ގެންދަނީ .. ޕައުންޑްތަކުން މިހާރު އައްޑޫ މީހުންގެ ޖީބު ފުރި ބަންޑުންވަނީ .. ލަދެއްނުގަނޭތަ؟

    38
    1
  2. ގުރާ

    އިންޝާއަﷲ ނުވެސް ހިފާނެ! އޭގެ ބަދަލުގަ ދިވެހީން އެއްރަށުން އަނެއްރަށަށް ކުރާދަތުރާ ދަތުރުކުރާނޭ ސަބަބުތަކާ ވަސީލަތްތައް ކިޔާދެވި، އެ ވައިގަ ހިފައިފިއްޔާ މާ މޮޅުވާނެ! އަބްދުﷲ މައުސޫމަކީ ދެބަންދިހާރައެއްހެން ވިސްނާ މީހެއްވީމަ ޕޭޕަރެެއް ދައްކާލައިގެން ބޭނުން ވާހަކައެއް ދެއްކުވިދާނެ! ހަމަ ކެސެޓެކޭ އެެއްވަރުވާނެ!

    31
    1
  3. ޕޭޕަލް

    ޕޭޕަލް ކޮބާހޭ؟ ތިކަހަލަ ކަންކަން ކުރެވެނީ ބޭރު ފައިސާ ޖަމާކުރެވޭނެ ފަސޭހަ ގޮތެއް ހަމަޖައްސަދީގެން.

    13
  4. އޮލްފް

    ޓުއަރިސްޓުންނަކީ ލޯ މަރައިގެން ތިބެ ތަންތަނަށް ދާބައެއް ނޫން. އެމީހުން ދާނީ އެދާ ތަނެއްގެ މާހައުލަކީ އެމީހުންނަށް ކަމުދާ މާހައުލަކަށް ވާނަމައެވެ. ދިވެހިރާއްޖޭގެ ގިނަ ރަށްތަކަކީ ވަރަށް "އެހެން" ކަހަލަ ވިސްނުމެއްގައި އުޅޭ ބައެއް ތިބި ރަށްތަކެކެވެ. ޑުރަގު ނަގާ މީހުން އެހާ ގިނަ. ސައިކަލުތަކުގައި ބެލުމެއްނެތި ރަށު ތެރޭ ދުއްވާ މީހުން އެހާ ބައިވަރު. ކަރުކެހިފައި މަގު މައްޗަށް ކުޅުޖަހަނީ. ކަމެއް ނުކޮށް ކޮންމެ ވެސް ޖޯއްޔަކަށް ވެއްޓި ސިނގިރޭޓް ބޯން، ފޯނާ ކުޅެން ތިބޭ މީހުންތައް އެތައް މިތަނުގައި. އެހެން މީހުންނަށް އިހްތިރާމުކޮށް ރިވެތި މެނަރސްއެއް ނުހުރޭ. ރަށުތެރެ އެހާ ނުތާހިރު. އެފަދަ މާހައުލަކަށް އަންނާނީ ބުއްދި ގޯސްވެފައި ތިބިބައެއް. މައުސޫމް ވެކްސިން ޓުއަރިޒަމް ތައާރަފް ކުރާނަމޭ ހިތާ ދައްކާ ވާހަކައާ އެއް ގޮތަށް ކަންތައްތައް އެދަނީ.

    23
  5. ސޯލޭ

    ފިސާރެ އަނގަ ފޮނިކަނޑާ ބައެއް ވައްކަން ކުރުން މެޖުހައްޖަހާފަ އެކަން ބަރާބަރައް ކުރިއައްދޭ އެބަ

    19
  6. ޑިޒައިން

    މިކީ މައުސް ކާޓޫނު ވެސް މާ ހަމަޖެހޭ މައުސޫމު ދައްކާ ވާހަކަ އަށްވުރެ

    18
    1
  7. أحمد

    الحمدلله الحمدلله الحمدلله.

    17
  8. ހަނީފް

    ދުނިޔޭގެ ހުރިހާ އެއްޗަކީ ފައިސާކަމަށްހަދައި ދުނިޔެވީ އުފަލާއި މަސްތުގެ ތެރެއަށް ޣަރަޤުކުރަން ބަޔަކު މަސައްކަތްކުރާއިރު މިދުނިޔެއަކީ ނިމިދާނެތަނެއްކަމަށް ނުވިސްނާ މީހުން މިހާރު ވަރަށް ގިނަވެއްޖެ. ރަށްރަށަށް އުދައަރައި ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު މިކަންކަމ އަޅެ ވިސްނާލީމުހެއްޔެެވެ؟ ފަތުރުވެރިން ރިސޯޓުތަކުގައި ތިބުމުން ދިމާނުވާ ކިތަންމެ މައްސަލައެއް ޢާއްމުރަށްރަށުގައި ތިބުމުން ދިމާވެގެންދާކަން ލޯކަލް ޓޫރިޒަމް އޮތްތަންތަނުން ވަޒަންކުރެވޭ. މިއަދު މިޤައުމުގެ ބައެއް ފަރާތްތަކުން އިސްލާމްދީނާ ބެހޭގޮތުން ވަރަށް ނޭދެވޭ ވާހަކަތައްދައްކާ. މިއީ ބިރުހުރިކަމެއް. އެހެންކަމުން ވަގުތުއޮއްވައި އިސްލާޙްވެ މާތްﷲ ގެ މަގަށް ރުޖޫޢަވާން އެބެޖެހޭ. ރިސޯޓުތަކުގައި މަސައްކަތްކުރާ ބައެއްް މުވައްޒަފުން ނަމާދުނުކުރާ ވާހަކައާއި ރޯދަނުހިފާ ވާހަކަ އަދި ފާޙީޝް ބައެއް ކަންކަން ކުރާ ވާހަކަ މިހާށރަކަށްއައިސް އަޑުއިވޭ. މިއީ ވަރަށް ބިރުހުރިކަމެއް. މާތްﷲ އިންޒާރު އަންނައިރު ދެން ކުރެވޭނެ ހަމައެއްކަމެއްވެސް ނޯންނާނެކަން ހަނދާންކުރޭ!

    15
  9. ރާއްޖެމީހާ

    ކާމިޔާބު ކަމާއި އެކު ކުރުމަށް މާކެޓިން ދާއިރާއިން ތަމްރީން ޕްރޮގްރާމް ތަކެއް ހިންގަންޖެހޭ

    3
    4
  10. Anonymous

    ދިވެހި ރައްޔިތުން މަގުފުރެއްދުމަށްޓަކައި ކުރާ ކަންކަން. ލިބޭ ނަޖިސް ޑޮލަރަކަށްވުރެ ލިބޭނެ ގެއްލުން ބޮޑުވާނެ. ކާފިރުން ގެއަށް ވައްދައިގެން ކާންދީ ބޯންދީ އެމީހުންނާއެކު އެހެނިހެން ގުޅުންތައް ހިންގަން މަގުފަހިކުރަނީ. ތީ ވަރަށް ބޮޑު ނުބައި ކަމެއް.

    13
    1
  11. Anonymous

    އަލްހަމްދުލިﷲ

    10
  12. އާދަމް ނަސީރު

    އިންޝާ ﷲ ހޯމްސްޓޭ ކާމިޔާބުވޭ އެބަ. އަޅުގަނޑަކީ ހޯމް ސްޓޭ އޮޕަރޭޓް ކުރާމީހެއް. މިތަނަށް މުސްލިމް ފެމިލީތައްވެސް އެބަ އާދޭ. މީހުން އަންނާނީ މަޑުމަޑުން. ކުއްލިއަކަށް ނާންނާނެ. ކެއްކުރޭ

    3
    11
  13. ޙަދިސައިބު

    ރިހާކުރު އައިލެންޑުގައި އެންމެ މީހުންގިނައީ އަބަދު ތިބެނީ ޓޫރިޒަމް މިނިސްޓަރ މައުސޫމުގެ ރިހާކުރު ބޮއިބޮއި! ޙުރިހާގެއެއް ފުރިފަ ހޮޅުއަށުގަވެސް ދޮން ރިހާކުރު!

  14. މަޒް

    އެ ރަށުގެ ބިން ފުރުނީ ކުނި އަޅައިގެންތޯ؟ މީހުން ދިރި އުޅޭ ގޯތި ގެސްޓް ހައުސްތަކަށް ބަދަލުކޮއްގެން މިހާރުވެސް އެކަން ކުރަމުން އެދަނީ. މަދު ތަނެއް ސީދާ ގެސްޓް ހައުސް އެޅުމަށް ކައުންސިލްތަކުން ދޫނުކުރާ ވާހަކައެއް ނޫން..

  15. ދޫރި

    ހޯމްސްޓޭ ޓޫރިޒަމްއަކީ ރާއްޖެއާ ގުޅޭ ކޮންސެޕްޓެއް ނޫން.

  16. ކުކުޅު

    ހެޔޮނުވާނެ ތިޔަ ކަމެއް މިތާ ފަތުރަން ނޫޅެ. މިހާރުވެސް ޤައުމު މިއޮތީ ހަލާކުވެފަ. ސަލާމަތުން ހުރި ޅަ ދަރިއެއް ވެސް މިހާރު މަދު. ތިފަދަ ވިޔާނުދާ ކަންކަން ކުރިއަރުވަން އުޅުމަށްވުރެ ދީނާ އެއްގޮތަށް ކަމެއް ކުރެވޭތޯ ބެލުން މާ އައުލާކަން ބޮޑު. ހުރިހާ ނުބައިކަމެއް މި ކުޑަކުޑަ ޤައުމުގަ ދިވެހީން އެބަކުރޭ. ކޯފާއެއް އަންނާނީ ތަނާ މީހުންނާ ނެތިގެން ދާނީ ކޮން ވަޤުތަކު ކޮން ގޮތަކަށް ކަމެއް ނޭނގޭ. ﷲ ގެ ކޯފާ އަށް ބިރުވެތިވޭ

  17. މަ

    ގޭތެރެއިންވެސް ހިއްހަމަޖެހުމެއް ނުލިބޭނެހާ ދަތިވާނެ ގޮތް. ރިޒްްޤް ދަތިވެގެން ހަދާނެ ރަނގަޅުގޮތެއް ނެތީކީ ނޫން. ހިތަށް ހަމަޖެހުމެއް ނުލިބުނަސް ފިތި ބާރުވެ މިނިވަންކަންވެސް ދެން ވިއްކައިގެން އުޅެން ހަދައިން އަދި މާ އުމުރު ކުރެއް ނުވާނެތަ
    🤲

  18. Anonymous

    (1) ޒަމާން ގަންދެއްވަމެވެ.

    (2) ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ.

    (3) إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ.

    ސޫރަތް (103)

  19. ތުއްތު

    މައުސޫމްލައްވާ ގަނަތަޅުވަނީ! ހިންގާލާނަމޭކިޔާފަ އައިސް ޕައުންޑުން އޮރިޔާންވީ!