ޖަޕާންގެ ހިލޭ އެހީއާއެކު، ޖަޕަނީސް ގްރޭންޓް އެއިޑް އިން މޯލްޑިވްސް (ޖޭޑީއެސް)ގެ ފަރާތުން ދިވެހިންނަށް ފޯރުކޮށްދެމުންދާ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހަށް ހަމަވާނެ އެވެ.

ޖޭޑީއެސްއަކީ ދިވެހިންނަށް ހިލޭ ސްކޮލާޝިޕްތައް ފޯރުކޮށްދެމުން އަންނަ ބައެކެވެ. މި އަހަރަށްވެސް ހިލޭ ހަ ސްކޮލާޝިޕަކަށް ވަނީ ހުޅުވާލާފައެވެ.

2020 ވަނަ އަހަރުން ފެށިގެން ޖޭޑީއެސް އިން ދެމުން އަންނަ މި ސްކޮލާޝިޕްތަކުގައި މިހާރު 10 ފަރާތެއް ދަނީ ޖަޕާންގައި ކިޔަވަމުންނެވެ. އަދި ދެ ފަރާތެއް ވަނީ ސްކޮލާޝިޕްގެ ދަށުން ކިޔަވައިގެން އެނބުރި ރާއްޖެއަށް ހިދުމަތް ކުރުމަށް ނުކުމެފައެވެ.

ޖޭޑީއެސްގެ މި ސްކޮލާޝިޕްތައް ހާއްސަކޮށްފައި ވަނީ ރާއްޖޭގެ އެކި މުއައްސަސާތަކުގައި މަސައްކަތް ކުރަމުންދާ މި ސްކޮލާޝިޕަށް އަންނަ އަހަރުގެ އޭޕްރިލް އެއް ވަނަ ދުވަހާއި ހަމައަށް 22 އަހަރު ފުރިފައިވާ އަދި 39 އަހަރާއި ދެމެދުގެ މީހުންނަށެވެ.

ސްކޮލާޝިޕް ލިބޭ ދާއިރާ އާއި ޔުނިވާސިޓީ

1- އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޑިޒާސްޓާސް މެނޭޖްމަންޓް ދާއިރާ އިން މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ލިބޭ ދެ މީހުން ކިޔަވާނީ ޔުނިވާސިޓީ އޮފް ޓްސްކޫބާ، ޖީއެސް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ޔުނިވާސިޓީގައެވެ.

2- އިކޮނޮމިކް އެންޑް އިންޑަސްޓްރިއަލް ޕޮލިސީ ލިބޭ ދެ މީހުން ކިޔަވާނީ ނޭޝަނަލް ގްރެޑުއޭޓް އިންސްޓިޓިއުޓް ފޯ ޕޮލިސީ ސްޓަޑީސް (ޖީއާރްއައިޕީއެސް)، ޖީއެސް އޮގް ޕޮލިސީ ސްޓަޑީސް ޔުނިވާސިޓީގައެވެ.

3- އެޑްމިނިސްޓްރޭޓިވް ކެޕޭސިޓީ ޑިވެލޮޕްމަންޓް ލިބޭ ދެ މީހުން ކިޔަވާނީ ރިޓްސުމެއިކަން ޔުނިވާސިޓީ (ޖީއެސް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް ޔުނިވާސިޓީގައެވެ.

ޖޭޑީއެސް އިން މައުލޫމާތު ދޭގޮތުގައި، މި ސްކޮލާޝިޕްތަކުގެ ތެރޭގައި އެއް އަހަރު ދުވަހު ނިމޭނެ ކޯސްތަކާއި، ދެ އަހަރު ދުވަހު ނިމޭ ކޯސްތައް ހިމެނެއެެވެ.

ޖޭޑީއެސް އިން ބުނީ، މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މި އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތާއި، ސްކޮލާޝިޕަށް ކުރިމަތިލުމަށް ހާއްސަ ފޯމް ޖޭޑީއެސްގެ ވެބްސައިޓްމެދުވެރިކޮށް ލިބޭނެއެވެ.

ޖަޕާންގައި މިހާރު ކިޔަވަމުންދާ ދަރިވަރެއް

ޖޭޑީއެސް އިން ވަނީ މި ސްކޮލާޝިޕްތަކަށް ކުރިމަތިލާން ޖެހޭ ފަރާތްތަކުން ހަދަން ޖެހޭ ހިސާބު އިމްތިހާނަށް ތައްޔާރު ކުރުމުގެ ގޮތުން ހާއްސަ ސެޝަންއެއް ހިލޭ ބާއްވަންވެސް ނިންމާފައެވެ.

މި ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. މި ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދުރާލާ ރަޖިސްޓްރީ ވުމަށް ޖޭޑީއެސް އިން ވަނީ އެދިފައެވެ.

ރަޖިސްޓްރީ ކުރާނެ ލިންކް

ޖޭޑީއެސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ސެޝަންގައި ޖޭޑީއެސްގެ ސްކޮލާޝިޕަށް މީހުން ހޮވާއިރު، ހަދަން ޖެހޭ ހިސާބު އިމްތިހާނަށް ތައްޔާރުވުމަށް ބޭނުންވާ ބޭސިކް އަދި އެޑްވާންސް ހިސާބު ކިޔަވައި ދޭނެއެވެ.

ޖޭޑީއެސްގެ އޮފީސް ހުންނާނީ މާލެ ލިލީ މަގުގައި ހުންނަ ގ.ރޯޒް އައިލެންޑްގެ ތިން ވަނަ ފަންގިފިލާގައެވެ. ޖޭޑީއެސްއާ ގުޅޭނެ ނަމްބަރަކީ 7252007 އެވެ. އަދި[email protected]އަށް އީމެއިލް ކުރެވޭނެއެވެ.