ރާއްޖޭގައި ތައުލީމީ ޒުވާނުން އުފެދެމުން އަންނަނީ ވަރަށް ހަލުވިކަމާ އެކުގައެވެ. ތައުލީމީ މިފަދަ ޒުވާނުންގެ ސަބަބުން ރާއްޖެ ކުރިއަރައިގެން ދާނެއެވެ. ޒުވާނުންގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކަންކަމާއި އިޖްތިމާއީ ކަންކަން ހަމަމަގަށް އެޅުމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރެއެވެ. އެއީ މިފަދަ ޒުވާނުންގެ ބަސްތައް މިއަދު މުޅި ގައުމުގައި ވިކޭނެތީއެވެ.

މިފަދަ ތައުލީމީ ޒުވާނުން ބިނާ ކުރުމަށް ޖަޕާނުން ރާއްޖެއަށް މި ވަނީ ހިލޭ ސްކޮޕާޝިޕް ފުރުސަތު ދީފައެވެ. ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ސަރުކާރުގެ އެކި ވަޒީފާގައި ޑިގްރީއާ އަމައަށް ކިޔަވާފައިވާ ފަރާތްތައް މާސްޓާސް ނިންމައި ގައުމަށް ހިދުމަތް ކުރުމަށް ދިނީ ރަނުގެ ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި، ކޮންމެ އަހަރަކު ހަ ޒުވާނަކު ޖަޕާނަށް ކިޔަވަން ފޮނުވައެވެ. މި ޒުވާނުން ކިޔަވައިގެން އެނބުރި އައިސް ރާއްޖޭގެ އިޖުތިމާއީ އަދި ތަރައްގީގެ ޕްލޭންތައް ހެދުމުގައި އިސްކޮށް މަސައްކަތް ކުރެވޭނެ ކަމަށް މި ސްކޮލާޝިޕްގެ ކަންކަން ބަލަހައްޓަމުންދާ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން ސެންޓަރ (ޖައިސް)ގެ ދަށުން ހިންގާ ޖަޕަނީސް ގްރޭންޓް އެއިޑް އިން މޯލްޑިވްސް (ޖޭޑީއެސް) އިން މައުލޫމާތު ދެއެވެ.

2020 ވަނަ އަހަރުން ފެށިގެން ޖަޕާން ސަރުކާރުން ދެމުން އަންނަ މި ސްކޮލާޝިޕްގެ އެހީގައި 12 ދަރިވަރަކު މިވަގުތު ތައުލީމް ހާސިލް ކުރަމުންދާއިރު އަންނައިރު، މި އަހަރުވެސް ހަ ދަރިވަރަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވެއެވެ.

މި ސްކޮލާޝިޕްގެ އެހީގައި މާސްޓާސް ކިޔަވައިގެން ގައުމަށް ހިދުމަތް ކުރުމުގައި ދިވެހި ދެ ޒުވާނަކު ހަރަކާތްތެރިވަމުންދެއެވެ. އޭގެ ތެރެއިން އެއް ޒުވާނަކީ ފިނޭންސް މިނިސްޓްރީގެ ފިޒިކަލް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަހްމަދު އަޒްޔާން ހަމީދުއެވެ. އޭނާ މައިގަނޑު ގޮތެއްގައި ކުރަމުން ދަނީ ނޭޝަނަލް ބަޖެޓްގެ މަސައްކަތެވެ.

ޖޭޑީއެސް ސްކޮލާޝިޕްގެ ފުރަތަމަ ބެޗްގައި ޖަޕާނަށް ކިޔަވަން ދިޔަ މި ޒުވާނާ ޖަޕާންގައި ކިޔަވާފައި ވަނީ ނޭޝަނަލް ގްރެޑުއޭޓް އިންސްޓިޓިއުޓް ފޯ ޕޮލިސީ ސްޓަޑީސް (ޖީއާރްއައިޕީއެސް)، ޖީއެސް އޮގް ޕޮލިސީ ސްޓަޑީސް ޔުނިވާސިޓީގައެވެ. އޭނާ މާސްޓާސް ފުރިހަމަކޮށްފައި ވަނީ ޕަބްލިކް ޕޮލިސީ (އިކޮނޮމިކް ޕޮލިސީ) ދާއިރާއިންނެވެ.

"އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް އަޅުގަނޑު ހަދާފައި ވަނީ، އެއް އަހަރު ނިންމުމަށްފަހު ޖޮއިންކޮށްގެން މަސައްކަތް ކުރިއަށް މި ގެންދަނީ". އަޒްޔާން ބުންޏެވެ.

ޖޭޑީއެސްގެ ސްކޮލާޝިޕްގައި ޖަޕާނަށް ދިޔަ ފުރަތަމަ ބެޗްގެ ދަރިވަރު އަޒްޔާން

ޖޭޑީއެސް ސްކޮލާޝިޕް ހިޔާރު ކުރީ ކީއްވެ؟

އަޒްޔާން ބުނާ ގޮތުން ނަމަ އޭނާ ޖޭޑީއެސް ސްކޮލާޝިޕް ހިޔާރު ކުރީ، އޭޝިއާ ސަރަހައްދުގެ ފިލޯސޮފީ، ހާއްސަކޮށް ޖަޕާންގެ ފިލޯސޮފީ އަށް ވަރަށް ބޮޑަށް ޝައުގުވެރިވާތީއެވެ.

"އަޅުގަނޑު ހުރީ ކޮންމެވެސް ވަރަކަށް އެކްސްޕޯޝާ ލިބިފައި ހުޅަނގުގެ އެކަޑަމީ އާއި ހުޅަނގުގެ ފަލްސަފާތަކާއި، ދެން ހަމައެއާއެކު ޑިގްރީ ހެދުމުގެ ތެރޭގައި ހަމަ އަޅުގަނޑަށް އެކްސްޕޯޝާ ލިބުނު ޖަޕަނީސް ނޫނީ އޭޝިއަން ކަލްޗާގެ ފިލޯސޮފީސްއަށް".

އަދި އެތަނުގެ އެކަޑަމީގެ ތަފާތުކަން ހާމަވެގެން ދިޔަކަން ހާމަކުރަމުން އޭނާ ބުނެފައި ވަނީ، ޖަޕާންގެ ފިލޮސޮފީ އޭނާއަށް ވަރަށް ކަމުދިޔަ ކަމަށެވެ. އަދި މާސްޓާސް ހަދަން ބޮޑަށް ބޭނުންވީ ޖަޕާން ކަހަލަ ތަނަކުން ކަމަށްވެސް އޭނާ ބުންޏެވެ.

;

މާސްޓާސް ތީސީސް ލިޔަން ނެގީ ކޮން މައުޟޫއެއް؟

އޭނާ މާސްޓާސްގެ ތީސީސްގެ ބަލާފައި ވަނީ ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމެއްގައި ޕަބްލިކް އިންވެސްޓްމެންޓްގެ ސަބަބުން އިގްތިސޯދީ ކުރިއެރުން ހާސިލް ވަނީ ކިހާވަރަކަށް ކަމާއި، އޭގެ ސަބަބުން ދަރަންޏަށް އަސަރު ކުރަނީ ކިހާވަރަކަށްތޯއެވެ. އަދި އޭނާ އެ މައުޟޫއު ނަގާފައި ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކާއި ރާއްޖޭގައި އިންވެސްޓްމެންޓް އިތުރު ކުރަމުންދާ ދަނޑިވަޅެއްގައި ރާއްޖޭގެ ކޮންޓެކްސްޓްގައި އޭތީ އެޕްލައި ކުރެވޭނެ ގޮތާއި، ކަންކަން ކުރެވެނީ ރަނގަޅަށް ތޯ އާއި ބަދަލު ކުރަން ޖެހެނީ ކޮންކޮން ކަންތައްތަކެއްތޯ ދެނެގަތުމަށެެވެ.

"އެއީ އަޅުގަނޑު ބަޖެޓް މަސައްކަތް ކުރަމުންދާތީ، އެކަމުގެ ތެރޭގައި ހުންނަ ބައެއް ކަހަލަ ކަންކަމުގެ ޑިޒިޝަން ނެގުމުގައި އަޅުގަނޑަށް ބައެއް ކަހަލަ އިންޕުޓް ދެވެން އޮތް އެންމެ ރަނގަޅު ދާއިރާ ކަމަށް ފެންނާތީވެ އާއި އަޅުގަނޑު އިންޓެރެސްޓް ހުންނާތީއާ އެއްކޮށް". އަޒްޔާން ބުންޏެވެ.

އަޒްޔާން އާއި ޖަޕާންގެ ދިިރިއުޅުން!

އަޒްޔާން ބުނަނީ ޖަޕާންގައި ދިރިއުޅެން ވަރަށް ފަސޭހަ ކަމަށެވެ. އަދި އެގައުމުގައި ހުރިހާ ކަމެއްވެސް ހުންނަނީ ވަރަށް ފަސޭހަކޮށް ކަމަށް އޭނާ ބުންޏެވެ.

"މީހަކާ އަނެއްހެން ދިމާ ނުވެ، ނޫނީ މީހެއްގެ އިންޓަވެންޝަންއަކާ ނުލާ ހަމަ އާއްމު ދިރިއުޅުމެއްގައި ހުންނަ ހުރިހާ ކަމެއްވެސް ވާން ހުންނަނީ، މިސާލަކަށް ގެއަށް ބޭނުންވާ ކާބޯތަކެތި ގަތުމުގައި ކަމުގައިވިޔަސް ބޭންކް ތަކަށް ގޮސް ކުރަން ޖެހޭ ކަންކަމުގައި ވިޔަސް، ޔުނިވާސިޓީގެ އެކި ކަންކަމާއި، ޕަބްލިކް ޓްރާންސްޕޯޓާއި، މިކަހަލަ ވަރަށް ފަސޭހަތަކެއް ހުރޭ". އަޒްޔާން ކިޔައި ދިނެވެ.

ޖޭޑީއެސްގެ ސްކޮލާޝިޕްގައި ޖަޕާނަށް ދިޔަ ފުރަތަމަ ބެޗްގެ ދަރިވަރު އަޒްޔާން

އޭނާ ބުނީ، އެއްވެސް ދަތި އުނދަގޫ ކަމެއް އެ ގައުމުގައި ނޯންނަ ކަމަށެވެ.

އެކަމަކު އާއިލާއާ ދުރުގައި ހުންނަން ޖެހުނީމަ އެކަން އިހުސާސްވި ކަމަށް އޭނާ ބުންޏެވެ. ހާއްސަކޮށް ރޯދަ މަހު އެކަން ފާހަގަވި ކަމަށް އޭނާ ބުނެފައިވާއިރު، އެކަމުން އަރައިގަތުމަށް އޭނާ ރޯދަ މަހު ހެދިކާ އެއްޗެހި ހެދި ކަމަށް ބުންޏެވެ.

ދާއިރާގައި ކުރިއަށް ދިއުމުގެ ވިސްނުން ހުރީ ކިހިނެއް؟

މި ސުވާލަށް ޖަވާބުދެމުން އަޒްޔާން ބުނީ، ޕަބްލިކް އިންވެސްޓްމެންޓްގެ ބަޖެޓްގެ ރޮނގުން ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި ޕޮލިސީ ޑިޒިޝަންތައް ނެގުމުގައިވެސް އޭނާގެ އިންޕުޓް ދީގެން ފުރިހަމައަށް ފޯރުކޮށްދިނުމަކީ އޭނާ ކުރިއަށްދާން ވިސްނާފައި ހުރި ގޮތް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ކިޔެވީ ހަމައެކަނި ޕަބްލިކް އިންވެސްޓްމެންޓްއާ އެ އެއްޗިއްސެއް ވެސް ނޫން، ޕަބްލިކް ފައިނޭންސިންގ މާާއްދާތަކެއްވެސް އަޅުގަނޑު ކިޔެވިން، އެ ކްލާސްތަކުން ލިބުނު މައުލޫމާތައި އިލްމުގެ އަލީގައި ވެވެން އޮތް މިންވަރަކުން ގައުމުގެ އިގްތިސޯދީ ހާލަތު، މިއަށްވުރެ ރަނގަޅު ކުރުމަށް އެހީތެރިވެދިނުމަކީ އޭނާގެ ޕްލޭން އަކީ".

އޭނާއަށް ވީ އެންމެ ފުރިހަމައަކަށް ބަޖެޓް އެކުލަވާލުމުގައި ވީ އެންމެ ފުރިހަމައަކަށް އަދާ ކުރުމަކީ އޭނާގެ މައިގަނޑު މަގްސަދު ކަމަށް އޭނާ ބުންޏެވެ.

މި ސްކޮލާޝިޕްތަކުގެ ސަބަބުން ޖަޕާނާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް ކިހާ ބަދަހިކަމެއް ލިބިދާނެ؟

އޭނާ މި ވާހަކައިން ފަށަމުން ވެސް ފާހަގަކުރީ ޖަޕާނުން ރާއްޖެއަށް ވި ހުރި އެހީތަކުގެ ވާހަކައެވެ. ހާއްސަކޮށް ރާއްޖޭގެ ތައުލީމީ ދާއިރާގެ ވާހަކައެވެ. އޭނާ ބުނާ ގޮތުން ނަމަ، އޭނާ އެންމެ ކުޑައިރު ތައުލީމް ހާސިލް ކުރީވެސް ރާއްޖޭގައި ޖަޕާނުން އަޅައިދިން ސްކޫލަކުންނެވެ. އަދި މާލޭގެ ބޭރު ތޮށި ޖަޕާނުން އަޅައިދިންކަން ފާހަގަކުރިއެވެ. އަދި މިހާރު ކުރިއަށްދާ މި ސްކޮލާޝިޕްގެ ސަބަބުން ޖަޕާންގެ ސަގާފަތަށާޢި ޖަޕާންގެ ޕޮލިސީތަކަށް މީހާ އެކްސްޕޯސްވާ ކަމަށްވެސް އޭނާ ބުންޏެވެ.

"އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް އޮތްތަނުގައި މިފަދަ ސްކޮލާޝިޕްތަކުގައި އާ މިފަދަ ޕްރޮގްރާމްތަކުގައި ދާ ކުދިން ތިބޭނީ، އެހެންވީމަ މީގެ ސަބަބުން އެ ގުޅުން ބަލައިގަންނާނެ ވަރަށް، އަޅުގަނޑު ވަރަށް ބަލައިގަންނަން".

އޭނާ ބުނީ، މިފަދަ ޕްރޮގްރާމްގެ ސަބަބުން ޖަޕާން ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވަރަށް ބޮޑެތި ގުޅުންތަކެއް ބަދަހިވެގެން ދާ ކަމަށެވެ. އަދި އޭގެ ސަބަބުން ޖަޕާނާއި ރާއްޖެއާ ދެމެދު ކުރެވޭ މަސައްކަތްތަކުގައި ފަސޭހަކަން ވަރަށް ބޮޑަށް ފެނިގެން ދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ޖޭޑީއެސްގެ ސްކޮލާޝިޕްގައި ޖަޕާނަށް ދިޔަ ފުރަތަމަ ބެޗްގެ ދަރިވަރު އަޒްޔާން

މި ސްކޮލާޝިޕަށް ޝައުގުވެރިވާ ދަރިވަރުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

އޭނާ ބުނީ ޖަޕާނަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށްވާއިރު، އަދި މި ސްކޮލާޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ލިބޭ ޔުނިވާސިޓީތަކަކީވެސް ދުނިޔޭގެ ފެންވަރުގައި ނަގާ ކިޔާލެވޭނެ ޔުނިވާސިޓީތައް ކަމަށެވެ. އަދި ޔުނިވާސިޓީތަކުގައި އޮފަރ ކުރާ ކްލާސްތަކާއި، ކިޔަވަދޭ ޕްރޮފެސަރުންނަކީވެސް ދުނިޔޭގެ އެންމެ ރަނގަޅު ޔުނިވާސިޓީތަކުން ތައުލީމް ހާސިލްކޮށްގެން ތިބި ޕްރޮފެސަރުން ކަަމަށް އޭނާ ބުންޏެވެ.

"އެކްސްޕީރިއަންސްގެ ގޮތުން ބަލާނަމަ، ޖަޕާން ސަރުކާރުގެ އެކި މަގާމުތަކުގައި، މިނިސްޓަރުންގެ ފެންވަރުގައި މަސައްކަތް ކުރެއްވި ބޭފުޅުންވެސް އެބަ އުޅުއްވާ، އަދި ޖައިކާގެ ރައީސްވެސް އަޅުގަނޑުމެންގެ ޕްރޮފެސަރުންގެ ގޮތުގައި އެބަ އުޅުއްވާ".

އަދި ޖަޕާންގައި އުޅުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، ބަސް ނޭނގިގެން ވާ އުނދަގޫތަކެއް އޭނާއަށް ކުރިމަތި ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ބަހުގެ ކަންކަމުގައި ޖޭޑީއެސް އިންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.

ޖަޕާންގެ މި ސްކޮލާޝިޕަށް ކުރިމަތި ލެވޭނީ އަންނަ އަހަރުގެ އޭޕްރިލް އެއް ވަނަ ދުވަހާއި ހަމައަށް 22 އަހަރު ފުރިފައިވާ އަދި 39 އަހަރާއި ދެމެދުގެ މީހުންނަށެވެ.

ދެ އަހަރާއި އެއް އަހަރުގެ މި ސްކޮލާޝިޕްތަކުގެ ދާއިރާ އާއި ޔުނިވާސިޓީ

1- އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޑިޒާސްޓާސް މެނޭޖްމަންޓް ދާއިރާ އިން މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ލިބޭ ދެ މީހުން ކިޔަވާނީ ޔުނިވާސިޓީ އޮފް ޓްސްކޫބާ، ޖީއެސް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ޔުނިވާސިޓީގައެވެ.

2- އިކޮނޮމިކް އެންޑް އިންޑަސްޓްރިއަލް ޕޮލިސީ ލިބޭ ދެ މީހުން ކިޔަވާނީ ނޭޝަނަލް ގްރެޑުއޭޓް އިންސްޓިޓިއުޓް ފޯ ޕޮލިސީ ސްޓަޑީސް (ޖީއާރްއައިޕީއެސް)، ޖީއެސް އޮގް ޕޮލިސީ ސްޓަޑީސް ޔުނިވާސިޓީގައެވެ.

3- އެޑްމިނިސްޓްރޭޓިވް ކެޕޭސިޓީ ޑިވެލޮޕްމަންޓް ލިބޭ ދެ މީހުން ކިޔަވާނީ ރިޓްސުމެއިކަން ޔުނިވާސިޓީ (ޖީއެސް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް ޔުނިވާސިޓީގައެވެ.

މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މި އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލާފައިވެއެވެ.

މި ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތާއި، ސްކޮލާޝިޕަށް ކުރިމަތިލުމަށް ހާއްސަ ފޯމް ޖޭޑީއެސްގެ ވެބްސައިޓްމެދުވެރިކޮށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގއ.ވިލިނގިލި

    އަޒްޔާން އުނގެނުނު ޢިލްމުގެ އެހީގައި ފިނޭންސް މިނިސްޓްރީއާއި ރާއްޖޭގެ މާލީ ނިޒާމަށް ރަނގަޅު ހެޔޮ ބަދަލެއް ގެންނެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުކުރަން.. އަދި ސިޔާސީ ފަރާތްތަކަށް ދަންނަވާލާނީ، ގާބިލް މީހުންނަށް ފުރުސަތު ދެއްވާ، އެބޭފުޅުންގެ ލަފައާއި މަޝްވަރާއާއި އެއްގޮތަށް ގައުމުގެ ކަންކަމަށް ބޭނުންވާ ޕޮލިސީތައް އެކުލަވާލާ އެއާއި އެއްގޮތަށް މަސައްކަތް ކުރެއްވުމަށް.. އަދި އަޒްޔާން ފަދައިން ހެޔޮލަފާ ޢިލްމުވެރި ރަނގަޅު ޖީލެއް އުފެއްދުމަށް ހިތްވަރާއިއެކު މަސައްކަތް ކުރެއްވުމަކީ ސިޔާސީ ފަރާތްތަކާއި ޖުމްލަކޮށް އެންމެންގެ ޒިންމާއެއް..

    މާތް ﷲ އަޒްޔާނަށް ހެޔޮ ރަޙްމަތްލައްވާ ތެދުމަގުގައި ލަހައްޓަވާށި.. ރާއްޖެއަށް ހެޔޮގޮތް މިންވަރު ކުރައްވާށި.. އާމީން..