މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ން ލެބް އިކުއިޕްމަންޓް ކެލިބަރޭޝަން ޚިދުމަތް ތަޢާރަފް ކޮށްފިއެވެ.

މި ހިދުމަތް ތައާރަފްކުރީ މިކަމަށްޓަކައި މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މ ފިޝަރީޒް މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަނެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ ޙަސަން ޝާޙް ވިދާޅުވީ؛ އަލަށް ތައާރަފު ކުރެވިގެންމިދިޔަ ލެބޯޓަރީ އިކުއިޕްމަންޓް ކެލިބަރޭޓިން ގެ ހިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުޓިލިޓީ ހިދުމަތްތައް ދެމުންދާ ކުންފުނި ތަކުން، ފޯރުކޮށްދޭ ފެނާއި ނަރުދަމާ ހިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ހިދުމަތެއް ކަމަށެވެ.

އަދި މި ހިދުމަތުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ލެބް އިކުއިޕްމެންޓްތަކުގައި ކޮންމެހެން ހުރުން ލާޒިމް ކުރާ މިންގަނޑުތަކާއި އެއްގޮތަށް އިކުއިޕްމެނަޓްތައް ދަމަހައްޓައި، މި އިކުއިޕްމަންޓްތައް މެދުވެރިކޮށް ހަދާ ޓެސްޓްތަކުން ލިބޭ ނަތީޖާ އާއި މެދުގައި އޮންނަ ޔަގީންކަން އިތުރުވެގެން ދާނެ ކަމަށް ޝާހް ފާހަގަކުރެއްވިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ރާއްޖޭގައި އަލަށް ތައާރަފް ކުރި މި ހިދުމަތް، އެމްޑަބްލިއުއެސްސީން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ %100 ދިވެހި މުވައްޒަފުން މެދުވެރިކޮށް ކަމަށެވެ.

މި ހިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމުގެ ގޮތުން، މި ޙިދުމަތް ފޯރުކޮށްދޭ އިކުއިޕްމެންޓްތަކާއި އަދި ޕެރެމީޓާސްތަކުގެ ތެރެއިން ކަސްޓަމަރުންނަށް ބޭނުންވާ ގޮތަށް ޕެކޭޖް ތައްޔާރު ކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އަދި އެމްޑަބްލިއުއެސްސީއަށް އިކުއިޕްމެންޓް ގެނައުމުން ނުވަތަ ކަސްޓަމަރު އެދުމުން އިކުއިޕްމެންޓް ހުރި ތަނަށް އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ގޮސްގެންވެސް މި ހިދުމަތް ލިބޭނެގޮތް ވުމަކީ ކަސްޓަމަރުންނަށް ލިބޭ ބޮޑު ލުއިފަސޭހައެއް ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ފާހަގަ ކުރައްވާފައެވެ.

ލެބް އިކުއިޕްމަންޓް ކެލިބަރޭޝަން ހިދުމަތަށް އެދުމަށް އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް ޒިޔާރަތްކޮށް ނުވަތަ އެމްޑަބްލިއުއެސްސީގެ ޝޯރޫމްގެ ހޮޓަލްއިން 7960022 އަށް ގުޅައިގެން ނުވަތަ ބޭނުންވާ މައުލޫމާތު [email protected] އާއި ހިއްސާކޮށްގެން ކުރިޔަށްގެންދެވޭނެއެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއިއެކު ފޯރުކޮށްދީ ކުރިއެރުވުމެވެ.