ރާއްޖެ އިޝްތިހާރު ކުރަން ތައިލެންޑްގެ ނޫސްވެރިންނާއި ބްލޮގަރުންގެ ޓީމެއް ރާއްޖެ ގެނެސްފި އެވެ.

އެ ޓީމު ރާއްޖެ އައިސްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އެ ޓީމު ރާއްޖޭގައި ހަ ދުވަސް ހޭދަކުރާނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.

ބްލޮގަރުންގެ ޓީމުގައި ދެ ނޫސްވެރިންނާއި ތިން ބްލޮގަރުންނާއި އެއް ޕީއާރު ރެޕްރެޒެންޓޭޓިވުން ހިމެނެ އެވެ.

އެ ބޭފުޅުން ރާއްޖޭގެ ޕުލްމަން މޯލްޑިވްސް މާމުއްޓާ، މާކިއުއާ މޯލްޑިވްސް ކޫއްޑޫ އަދި ރީތި ބީޗް ރިސޯޓުގައި ވަގުތު ހޭދަކުރާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ޓީމުން އެ ރިސޯޓުތަކުގެ ހިދުމަތްތައް ތަޖުރިބާ ކުރުމަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާކޮށް ރާއްޖެއާ ގުޅޭ ގޮތުން މައުލޫމާތު ތައިލެންޑްގެ ރައްޔިތުންނަށް ގެނެސްދޭނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މިއީ ތައިލެންޑްގެ ނޫސްވެރިންނާއި ބްލޮގަރުން ގެނައީ ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ މާކެޓް ކުރުމަށް ހިންގާ ހަރަކާތުގެ ދަށުން ކަމަށެވެ. އޭގެ އިތުރުން ސިލްސިލާކޮށް އިތުރު ޕްރޮމޯޝަނަލް ހަރަކާތްތަކެއް ވެސް ހިންގާނެ ކަމަށް ބުނެފައި ވެއެވެ.

ތައިލެންޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓެކެވެ. އެ ގައުމު ހިމެނެނީ ރާއްޖެއަށް 38 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގަ އެވެ.

މި އަހަރު ފެށުނު ފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަހަރުގެ ފުރަތަމަ ދެ މަހެއްހާ ދުވަހު ވަނީ ފާއިތުވި ތިން އަހަރު ތެރޭގައި ރާއްޖެ އަށް ފަތުރުވެރިން ނާންނަ ވަރަށް ފަތުރުވެރިން އައިސްފަ އެވެ.