ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކުޅުދުއްފުށި އެއަރޕޯޓަށް ކޮންމެ ރެޔަކުވެސް ދަތުރުތައް ކުރަން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން (އާރްއޭސީއެލް) އިން ހިންގަމުންދާ މި އެއަރޕޯޓުގައި ނައިޓް ލޭންޑިންގ ސިސްޓަމް ގާއިމުކުރެވި ނައިޓް ލޭންޑިންގްގެ ޚިދުމަތް ރަސްމީކޮށް ވަނީ ފެށިފައެވެ.

މިއާއެކު މި އެއަރޕޯޓަކީ 24 ގަޑިއިރު ހިދުމަތް ލިބޭ ތަނަކަށް ވަނީ ވެގެން ގޮސްފައެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ، މެއި މަހުގެ 30 ވަނަ ދުވަހުން ފެށީގެން ކުޅުދުއްފުށީ އެއަރޕޯޓަށް ކޮންމެ ދުވަހަކުވެސް ރޭގަނޑު ފްލައިޓްތައް އަޅާނެ ކަމަށެވެ.

އެގޮތުން މާލެ އިން ކުޅުދުއްފުއްޓަށް ދަތުރު ކުރާ ފްލައިޓް ފުރާނީ ރޭގަނޑު 6:50ގައި ކަަމަށާއި، ކުޅުދުއްފުށިން މާލެ އަންނަ ފްލައިޓް ފުރާނީ ރޭގަނޑު 20:15 ގައި ކަމަށްވެސް ބުނެފައި ވެއެވެ.

ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭގައި ލައިޓް ހަރުކޮށްފައިނުވާތީ އެ އެއާޕޯޓްގައި ރޭގަނޑު ގަޑީގައި ފްލައިޓް އޮޕަރޭޓެއް ނުކުރާތީ، މީގެ ކުރިން އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ ކުޅުދުއްފުށީ ޑޮމެސްޓިކް އެއަރޕޯޓަށް ދިވެހި ދައުލަތުގެ މާލިއްޔަތުން 53.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

ކުޅުދުއްފުށި އެއަރޕޯޓު އެޅުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެއަރޕޯޓްގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިން ނެވެ. އެއީ 53.9 މިލިއަން ރުފިޔާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޅިޔަނު

    ކުޅުދުއްފުށީ ރައްޔިތުން ޝަކުވާކުރީ ރޭގަނޑު ފްލައިޓް ނާޅައިގެނެއް ނޫން.. ސަބަބަކީ ހަފްތާއަކު އެންމެ ފަސް ފްލައިޓް އަޅާތީ ޖާގަ ނުލިބޭތީ.. ދެން އެއިރު މޯލްޑިވިއަނުން ބުނަނީ ރޭގަނޑު ނުޖެއްސޭތީއޭ ފްލައިޓް ގިނަ ނުކުރަނީ. ދުވާލު ނުވަނީބާ؟ ފަހުން ޖެނިފާ ބުނީ މޯލްޑިވިއަންގެ ބޯޓްތައް ޖެއްސޭވަރުގެ ރަންވޭއެއް ނޫނޭ އެއީ. އޭނަ އެހެން ބުނީ އާ ބޯޓުތައް ގެނައިފަހުން އެބޯޓުތަކަށް އިޝާރާތްކޮށް. މިހާރު އިންތިޚާބު ކަައިރިވީމަ ހުރިހާ ކަމެއް ވާނެ.