2024 ވަނަ އަހަރުުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް އެންމެ ގިނައިން އައިސްފައި ވަނީ ރަޝިޔާ ފަތުރުވެރިންކަން ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެ އެ ވުޒާރާއިން އާއްމުކޮށްފައިވާ އަހަރުގެ ފުރަތަމަ ހަ ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެގޮތުން އެ ގައުމުން މިހާތަނަށް 5،725 ފަތުރުވެރިން އައިސްފައިވާއިރު، ރަޝިޔާއަކީ މިދިޔަ އަހަރު ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމެވެ.

ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިޓަލީންނެވެ. އެ ގައުމުން ރާއްޖެއަށް 5،156 ފަތުރުވެރިން އައިސްފައިވާއިރު، އެއީ މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ އިންޑިއާ އޮތީ އެ ލިސްޓުގެ ތިންވަނައިގައެވެ. އެ ގައުމުން އަހަރުގެ ފުރަތަމަ ހަފްތާ ތެރޭގައި އައިސްފައި ވަނީ 2،372 ފަތުރުވެރިންނެވެ.

ޓޫރިޒަމް ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރު ރާއްޖެއަށް އެވްރޭޖްކޮށް ކޮންމެ ދުވަހަކު 5،000 އާއި 7،000 އާ ދެމެދުގެ އަދަދަކަަށް ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އަދި މިދިޔަ އަހަަރުގެ މި މުއްދަތާ އަޅާކިޔާއިރު، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ %6.7 ކުރިއަށް ޖެހިލާފައެވެ. މިގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 33،807 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމީދު

    އެހެންވީމާ ކޮންމެހެން އިންޑިޔާގެ ބޮލީވުޑް ގެ 5 ތަރިޔަކު ދައްކާ ބިރަކަށް ފަސްޖެހޭކަށް ނުޖެހޭތާ. ބަލަ އެމީހުން ނައީމާ އެމީހުންނަށް ވެސް ދެރަ. ކޮންމެއަކސް ރާއްޖޭގެ ބީޗުތަކާއި ރާއްޖެއިން ލިބޭ ހިތްހަމަޖެހުން ލަކްޝަދީބުން ނުލިބޭނެ