ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފިއެވެ.

ލިބޭގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ، ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާފައިވަނީ ގިނަ ބަޔަކު ޕްލާސްޓިކް ބޭނުން ކުރަން މަދު ކުރުމަށް ބާރު އެޅުމުގެ ގޮތުންނާއި ތިމާވެއްޓާއި ރައްޓެހި ގޮތް އިހުތިޔާރު ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.

"މުރަކަތަކުގެ އިތުރުން ކަނޑުގައި އުޅޭ މަސްމަހާމެއްސާއި އެހެން ދިރޭ ތަކެއްޗަށް ޕްލާސްޓިކްގެ ސަބަބުން ބޮޑެތި ގެއްލުންތައްވޭ. ކަނޑަށް ޕްލާސްޓިކް އެޅުމުން ފަރުތަކަށް ހީވެސްނުކުރާހާ ބޮޑު ގެއްލުންލިބި އެތަކެތީގެ ދިރުން ގެއްލޭ" ލިބޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައި ދެން ލިބޭގެ ފިހަރާތަކުން ބޭނުން ކުރާނީ ނަން ވޫވެން ކޮތަޅާއި ކަރުދާސް ކޮތަޅު ކަމަށެވެ. އޭގެ ތެރެއިން އެއްފަހަރު ބޭނުން ކުރެވޭ ކަރުދާސް ކޮތަޅު ވިއްކާނީ 1 ރުފިޔާއަށް ކަމަށާއި އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭނެ ނަން ވޫވެން ކޮތަޅު ވިއްކާނީ 2 ރުފިޔާއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ލިބޭއިން އަބަދު ވެސް މުޖުތަމައު އަށް ފައިދާ ހުރި ކަންކަން ކުރުމަށް ބާރު އަޅާނެ" އޭނާ ވިދާޅުވިއެވެ.

ލިބޭއިން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާފައިވާއިރު، ހއ. ދިއްދޫގއި ހުންނަ ލިބޭ-03 ފިހާރައިން ދާދި ފަހުން ވަނީ ޕްލާސްޓިކް ކޮތަޅު މަދު ކުރުމުގެ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ މީހުންގެ ތެރޭގައި ކޮންމެ ހަފްތާއަކު ގުރުއަތު ލައިގެން 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދަނީ ދެމުންނެވެ.

މީގެ އިތުރުން ލިބޭ-03 އިން 20 ރުފިޔާއަށް ވުރެ ދަށުގެ ވިޔަފާރިއެއް ކުރައްވާ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅު ދިނުން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ވަނީ އެއްކޮށް ހުއްޓާލާފައެވެ. އެހެން ނަމަވެސް އެއަށްވުރެ ބޮޑު އަދަދެއްގެ ވިޔަފާރިއެއް ކުރައްވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅު ދިޔައީ ދެމުންނެވެ.

"ހީކުރި ވަރަށްވުރެ ބޮޑަށް އާންމުންގެ ތަރުހީބު ލިބުމުން ޕްލާސްޓިކް ކޮތަޅު ދިނުން ހުއްޓާލަން ނިންމީ" އޭނާ ވިދާޅުވިއެވެ.