ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ތިން މުވައްޒަފަކަށް ހައްޖު ދަތުރެއް އެކުންފުނިން ދީފިއެވެ.

އެސްޓީއޯއިން ބުނީ، ހައްޖު ދަތުރު ލިބުނު 3 މުވައްޒަފުން މިމަހުގެ 16 ވަނަ ދުވަހު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އެސްޓީއޯ ޏ.ފުވައްމުލަށް ފިހާރަ، އެސްޓީއޯ ސ.ފޭދޫ ފިހާރަ އަދި ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެސެލް ގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

އެސްޓީއޯ މުވައްޒަފުން ހައްޖަށް ފޮނުމުގެ ސްކީމަކީ 2016 ވަނަ އަހަރުން ފެށިގެން މުވައްޒަފުންނަށް ހުޅުވާލެވުނު ސްކީމެކެވެ. މި ސްކީމްގެ ދަށުން ޙައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅެނީ މީގެކުރިން ފަރުޟު ޙައްޖެއް ވެފައިނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް 10 އަހަރު ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޙައްޖަށް ދިއުމަށް އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން 1 ޖާގަ ޚާއްސަ ކުރެވެނީ އުމުރުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުންޏަށް އެންމެ ގިނަ ދުވަހު ޙިދުމަތް ކޮށްފައިވާ އަދި މަސައްކަތަށާއި ޙާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފަށެވެ. އިތުރު ޖާގަ ހޮވަނީ ގުރުއަތުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ބޭރު ޤައުމުތަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ހައްޖާޖީންނަށް 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާތީ އެއަހަރު ހޮވިފައިވާ މުވައްޒަފުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެވިފައި ނުވެއެވެ.

ނަމަވެސް ޙައްޖަށް ގެންދިއުމުގެ ކަންތައްތައް މަޑުޖެހިފައި އޮތުމަށްފަހު، އަލުން މި އިންތިޒާމްތައް ހަމަޖެހުމުން، 2022 އަދި 2023 ވަނަ އަހަރު މިމުވައްޒަފުން ޙައްޖަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހުނެވެ.

އެސްޓީއޯއިން ވަނީ އެކުންފުނީގެ ފަރާތުން ކުރިއަށްއޮތް އަހަރުތަކުގައިވެސް މުވައްޒަފުން ޙައްޖަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަން ފާހަގަކޮށްފައެވެ.