މިދިޔަ ހަފްތާ އިރާނުގެ ގޭސް ހޮޅިތަކަށް ދިން ދެ ހަމަލާގެ ފަހަތުގައި އޮތީ އިސްރާއީލު ކަމަށް އިރާނުން ތުހުމަތު ކޮށްފިއެވެ.

”ގައުމުގެ ގޭސް ލައިންތައް ގޮއްވާލުމަކީ އިސްރާއީލުން ކުރި ކަމެއް” އިއްޔެ އޮތް ކެބިނެޓް ބައްދަލުވުމަކަށް ފަހު އިރާނުގެ ތެލާއި ބެހޭ މިނިސްޓަރު ޖާވިދު އައުޖީ ވަނީ ވިދާޅުވެފައެވެ.

“އެ ރޭވުން ކާމިޔާބެއް ނުވި.” އޭނާ ވިދާޅުވެފައި ވެއެވެ.

އިރާނުގެ ދެކުނާއި އުތުރު ގުޅުވާލާ މައި ގޭސް ހޮޅިތަކަށް ފެބުރުއަރީ 14 ވަނަ ދުވަހު ވަނީ ދެ ހަމަލާ އަމާޒުވެފައެވެ. އައުޖީ ކުރިން އެ ހަމަލާތައް ސިފަކުރައްވާފައި ވަނީ ނިރުބަވެރި އަމަލެއްގެ ގޮތުގައެވެ.

”ދުޝްމަނުން ބޭނުންވީ ގޭހުގެ ހިދުމަތަށް ބުރޫއަރުވާލައި، ރައްޔިތުންނަށް ގޭސް ފޯރުކޮށްދިނުމަށް ހުރަސް އަޅަން.” އައުޖީ ވިދާޅުވެފައިވާ ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާ އިރްނާ އިން ރިޕޯޓު ކޮށްފައި ވެއެވެ.

އިރާނަށް ދިން ހަމަލާތަކުގެ ޒިންމާ އިސްރާއީލުން އުފުލާފައި ނުވާއިރު، ބޭރުގެ ސަރަހައްދުތަކަށް ދޭ ހަމަލާތަކުގެ ޒިންމާ އިސްރާއީލުން އުފުލަނީ ވަރަށް މަދު ފަހަރަކުއެވެ.

އިރާނުގެ ހުޅަނގުގެ ޗަހަރްމަހަލް އަދި ބަޚްތިއަރީ ޕްރޮވިންސުން ފެށިގެން އުތުރަށް ހުރި ސިޓީތަކާއި ހިސާބަށް ގުދުރަތީ ގޭހުގެ ހޮޅި ލައިނަށް ހަމަލާތައް ވަނީ އަމާޒު ވެފައެވެ. ގާތްގަނޑަކަށް 1270 ކިލޯމީޓަރުގެ އެ ހޮޅިލައިން ފެށެނީ ދެކުނުގައި އޮންނަ އަސަލުޔާ އިންނެވެ.

އެ ހަމަލާ ތަކުގައި އެއްވެސް މީހަކަށް ގެއްލުން ވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އިރުއުތުރުގެ ޚުރާސާން، ހުޅަނގުގެ ލޮރެސްޓަން އަދި ހުޅަނގުއުތުރުގެ ޒަންޖަން ޕްރޮވިންސަށް ގޭސް ފޯރުކޮށްދިނުމުގެ ހިދުމަތަށް ބުރޫ އަރާފައިވާ ކަމަށް އިރްނާ އިން ވަނީ ރިޕޯޓު ކޮށްފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހެކަރުންގެ ގުރޫޕަކުން ދިން ސައިބަރ ހަމަލާ އެއްގައި އިރާނުގެ 70 އިންސައްތަ ޕެޓްރޯލް ސްޓޭޝަނުގެ ހިދުމަތަށްވެސް ވަނީ ބުރޫ އަރުވާލާފައެވެ. އިރާނުން ބުނާ ގޮތުގައި އެއީ އިސްރާއީލާއި ގުޅުން ހުރި ގުރޫޕެކެވެ.