އިސްރާއީލަށް މެދުކަނޑާލާފައިވާ ދަތުރުތައް އަލުން ފެށުމަށް އެމެރިކާގެ ޔުނައިޓެޑް އެއާލައިނުން ތައްޔާރު ވެއްޖެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހުރިހާ މައި އެއާލައިންތަކުން ވަނީ އިސްރާއީލަށް ސީދާ ދަތުރުތައް ކުރުން މެދު ކަނޑާލާފައެވެ.

އިސްރާއީލަށް ސީދާ ފްލައިޓްތައް އަންނަ މަހު ފަށާނެ ކަމަށް ޔުނައިޓެޑް އެއާލައިނުން ވަނީ އިއުލާނު ކޮށްފައެވެ. އެއާއެކު ޔުނައިޓްޑެ އެއާލައިންސް ވެގެން ދާނީ އިސްރާއީލަށް އަލުން ދަތުރުތައް ފަށާ އެމެރިކާގެ ފުރަތަމަ އެއާލައިނަށެވެ.

އެ އެއާލައިންސް އިން ބުނެފައިވަނީ ފްލައިޓްތައް ފުރަތަމަ އޮންނާނީ ހަމައެކަނި ނިއުޖާޒީގެ ނެވާކުން ތެލްއަވީވަށް ކަމަށާއި މިއަހަރު އެހެން ސިޓީތަކުންވެސް އިސްރާއީލަށް ދަތުރުތައް ފަށަން ރާވާފައިވާ ކަމަށެވެ.

އެމެރިކާގެ މައި އެއާލައިނަކުން އިސްރާއީލަށް އަލުން ދަތުރު ކުރަން ފެށުން ވެގެން ދާނީ ފާއިތުވި މަސްތަކުގައި ވަރަށް ބޮޑަށް އިނދަ ޖެހިފައިވާ އިސްރާއީލުގެ ފަތުވެރިކަމުގެ ސިނާއަތުން ވަރަށް ބޮޑަށް މަރުހަބާ ކިޔާނެ ކަމަކަށެވެ.

"ކާރިސާގެ ކުރިން 250 އެއާލައިނުން އިސްރާއީލުގައި އޮޕަރޭޓް ކުރަމުން ދިޔަ. މިހާރު އޮޕަރޭޓް ކުރަނީ އެންމެ 45 އެއާލައިން." އިސްރާއީލުގެ ޓުއަރ އޮޕަރޭޓާސް އެސޯސިއޭޝަންގެ ވެެރިޔާ ޔޮއްސީ ފަތައެލް ބުނެފައި ވެއެވެ.

"މިވަގުތު އިސްރާއީލު އޮތީ ދުނިޔެއާއި ވަރަށް ބޮޑަށް އެކަހެރި ވެފައި. މިހާރު އިސްރާއީލުން އޮޕަރޭޓް ކުރާ 80 އިންސައްތަ ފްލައިޓް އޮޕަރޭޓް ކުރަނީ އިސްރާއީލުގެ އެއާލައިން އެލް އަލް އިން." އޭނާ ބުނެފައި ވެއެވެ.