ޣައްޒާ ސިޓީގައި އިސްރާއީލުން ހަމަލާ ދީ ބިމާއި ހަމަކޮށްލާފައިވާ އިމާރާތެއްގެ ދަށުން 9 ދުވަސް ފަހުން ކުޑަ ކުއްޖަކު ސަލާމަތް ކޮށްފިއެވެ.

އިމާރާތުގެ ބައިތަކުގެ ދަށުން ކުޑަ ކުއްޖާ ސަލާމަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް މިހާރު ވަނީ އާންމު ވެފައެވެ. އަލްޖްޒީރާ އިން ވަނީ އެ ވީޑިއޯގެ ސައްހަކަން ކަށަވަރު ކޮށްފައެވެ.

ފެންނަ ފެނުމަށް އަނަރޫފަ ވެފައިވާ އެ ކުޑަ ފިރިހެން ކުއްޖާ، މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ޔުނިޓަކުން ސަލާމަތް ކޮށްފައި ވަނީ ޣައްޒާ ސިޓީގެ ޒައިތޫން ސަރަހައްދުންނެވެ. އެކުއްޖާ ތާށިވެފައި އޮތީ އެ ސަރަހައްދުގައި ހުރި ބިމާއި ހަމަވެފައިވާ އެކުއްޖާ ގޭގެ ބައިތަކުގެ ދަށުގައެވެ. ޒައިތޫން ސަރަހައްދަކީ ފާއިތުވެ ދިޔަ ހަފްތާ ތަކުގައި އިސްރާއީލުން ވަރަށް ވަރުގަދައަށް ހަމަލާ ދެމުން ގެންދާ ސަރަހައްދެކެވެ.

އިސްރާއީލުން ދެމުން ގެންދާ ހަމަލާާ ތަކުގައި ޣައްޒާގެ 30،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވާއިރު، މުޅި ޣައްޒާ ވަނީ ސުންނާފަތި ވެފައެވެ. ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި އެތައް ހަށިގަނޑުތަކެއް ވަނީ އަދިވެސް ނުނެރެވި ތާށިވެފައެވެ.

އެކަށީގެންވާ އާލާތްތައް ނެތުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމަށްވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ޣައްޒާއިން ގިނައިން ފެނިގެން ދަނީ އިސްރާއީލުގެ ހަމަލާތަކަށްފަހު މީހުން އަތުން އިމާރާތްތަކުގެ ބައިތައް ނަގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ މަންޒަރެވެ.