ކެނެޑާގެ 18 ވަނަ ބޮޑުވަޒީރު ބްރަޔަން މުލްރޯނީ އަވަހާރަވެއްޖެއެވެ.

މުލްރޯނީ އަވަހާރަވިކަން "އެކްސް"ގައި އިއުލާނުކުރައްވަމުން އަންހެން ދަރިފުޅު ކެރޮލީން މުލްރޯނީ ބުނީ ބުރާސްފަތި ދުވަހު އޭނާ އަވަހާރަވީ ވަށައިގެން އާއިލާ ތިއްބާ ކަމަށެވެ. އަދި އެކަމުން އާއިލާއަށް ހިތާމަވެރިކަން ގެނުވާފައިވާ ކަމަށް ބުންޏެވެ.

ކެނެޑާގެ ކުއެބެކްއަށް އުފަން މުލްރޯނީ އަވަހާރަވިއިރު އުމުރަކީ 84 އަހަރެވެ.

މިޑީއާ ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި މުލްރޯނީގެ ހިތުގެ އޮޕަރޭޝަނެއް ކުރިއެެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯއްދެވި ކަމަށް ވެއެވެ.

ކޯޕަރޭޓް ލޯޔަރަކުން ވިޔަފާރިވެރިއަކަށް ބަދަލުވި މުލްރޯނީ ކެނަޑާގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވީ 1983 ވަނަ އަހަރު އެވެ. އަދި އޭނާ ވަނީ 1984 ވަނަ އަހަރު ލިބަރަލްސް އޮފް ޕިއެރޭ ޓްރޫޑޯގެ ޕާޓީގެ މައްޗަށް ކުރި ހޯއްދަވައި އެ ގައުމުގެ ޕްރޮގްރެސިވް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ ގޮތުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވައިފައެވެ.

ހުނަރުވެރި ސިޔާސީ ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްފައިވާ މުލްރޯނީ ކެނެޑާގައި މަސައްކަތް ކުރެއްވީ ޓެކްސްގެ ނިޒާމު އިސްލާހުކޮށް ރޮނާލްޑް ރޭގަން އާއި މާގްރެޓް ތެޗާގެ ޒަމާނުގެ ކޮންޒަވޭޓިވް ފިކުރުތައް ނަކަލު ކުރުމަށެވެ.

އޭނާގެ ބޮޑުވަޒީރުކަމުގައި 1988 ވަނަ އަހަރު ކެނެޑާ-އެމެރިކާ ފްރީ ޓްރޭޑް އެގްރީމެންޓެއް ހަދައި އެކަމުގެ ސަބަބުން ކެނެޑާގެ އެކްސްޕޯޓް ކުރިއެރުމަށް މަގުފަހިވިއެވެ. އަދި 1991 ވަނަ އަހަރު މުދަލާއި ހިދުމަތުގެ ޓެކްސްއެއް ތައާރަފްކުރިކަން ފާހަގަކުރެވެއެވެ.

މި ޓެކްސްއަކީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް މަގުބޫލު ނޫން ޓެކްސްއެއް ނަމަވެސް ސަރުކާރުގެ މާލީ ކަންކަން ހަމަޖެއްސުމަށް އެހީތެރިވެދިން ޓެކްސްއެކެވެ.

މުލްރޯނީގެ ވެރިކަމުގައި އެއާ ކެނެޑާގެ އިތުރުން ސަރުކާރުގެ ބައެއް ކޯޕަރޭޝަންތައް ވަނީ ޕްރައިވެޓައިޒްކޮށްފައެވެ.