ގަލްފް އޮފް އަދަން ގައި ދަތުރު ކުރަމުން ދިޔަ ބޯޓަކަށް ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫތީ ހަނގުރާމަވެރިން ދިން މިސައިލު ހަމަލާއެއްގައި ދެމީހުން މަރުވެފައިވާ ކަމަށް އެމެެރިކާ އާއި އިނގިރޭސިވިލާތުގެ އޮފިޝަލުން ބުނެފިއެވެ.

މިއީ އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރަތް ކަނޑުގައި ދަތުރު ކުރަމުންދާ އުޅަނދުތަކަށް ހޫތީން ދެމުންދާ ހަމަލާތަކުގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

ބާބަޑޯސްގެ ދިދަ ޖަހައިފައިވާ ގްރީސް އަށް ނިސްބަތްވާ އެ ބޯޓަށް ދިން ހަމަލާގެ ޒިންމާ ހޫތީން ވަނީ އިއްޔެ އުފުލާފައެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ އެ ގައުމުގެ ޓީވީ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ރަތް ކަނޑުގައި ދަތުރުކުރި އުޅަނދަކަށް ހަމަލާދީފައި ކަމަށެވެ. އެ ހަމަލާ ދޭން އެ ޖަމާއަތުން ބޭނުން ކޮށްފައިވާނީ އެންޓި ޝިޕް މިސައިލް ކަމަށާއި އެ ބޯޓަށް ހަމަލާދިން އިރު ބޯޓު އޮތީ ގަލްފް އޮފް އަދަން ގައި ކަމަށް ޔަހުޔާ ބުނެފައި ވެއެވެ.

ހޫތީންގެ ޖަމާއަތުން އެ އުޅަނދަށް ހަމަލާދީފައި ވަނީ ދެކުނު ޔަމަނުގައިވާ އަދަންގެ ބަނދަރާއި 56 މޭލު ބޭރުންނެވެ. ހޫތީން އެންޓި ޝިޕް މިސައިލް ބޭނުން ކޮށްގެން ހަމަލާދިނުމުން އެ އުޅަނދުގައި އަލިފާން ރޯވެފައިވާ ކަމަށް އަލް ޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ޔަހްޔާ އިތުރަށް ބުނެފައިވަނީ އެ އުޅަނދަށް ހަމަލާ ދޭން ޖެހުނީ ޔަމަނުގެ ކަނޑުގެ ސިފައިންގެ އިރުޝާދު ތަކަށް ބޯ ނުލެނބުމުގެ ސަބަބުންނާއި އެ އުޅަނދަށް ދިން އިންޒާރުތަކަށް ވެސް އިހުތިރާމް ނުކުރުމުން ކަމަށެވެ.

އެ ހަމަލާގައި ބޯޓުގެ ދެ ފަޅުވެރިން މަރުވެފައިވާ އިރު އިތުރު 6 މީހުން ޒަހަމްވެފައިވާ ކަަމަށް އެމެެރިކާގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

އަދި ހަމަލާ އަށްފަހު ބޯޓުގެ ފަޅުވެރިން ބޯޓުން ފައިބާފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އޭޖެންސީން ވަނީ ބުނެފައެވެ.