ރަތް ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާގެ މަނަވަރަކަށް ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ޑުރޯން ހަމަލާއެއް ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ އަސްކަރީ މަރުކަޒުތަކުން ގަލްފް އޮފް އަދަން ގައި ހަރަކާތްތެރިވާ އެމެރިކާގެ މަނަވަރަކާއި ދިމާލަށް 3 ޑުރޯން އަދި އެއް އެންޓި ބެލިސްޓިކް މިސައިލު ފޮނުވާލާފައިވާ ކަމަށެވެ.

ހޫތީންގެ މި ހަމަލާގައި ބޭނުން ކުރި 3 ޑްރޯންގެ ތެރެއިން ދެ ޑްރޯން ވަނީ އެމެރިކާ އާއި އެ ގައުމާއި އެކީ ރަތް ކަނޑުގައި ކޯލިޝަން ހަދާފައިވާ ގައުމުތަކުގެ ލަޝްކަރުން ވައިގެ ތެރޭގައި ގޮއްވާލާފައެވެ. އަދި ތިން ވަނަ ޑްރޯން އަމާޒުން ކައްސާލައިގެން ގަލްފް އޮފް އަދަން އަށް ވެއްޓުނީ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ވަނީ މައުލޫމާތު ދީފައެވެ.

އެމެެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ހޫތީންގެ މި ހަމަލާއާއި ގުޅިގެން އެމެރިކާ އަދި އެކުވެރި ގައުމުތަކުގެ އެއްވެސް އަސްކަރީ އުޅަނދަކަށް އަދި ސިފައިންގެ މީހަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ހޫތީންގެ މި ފަދަ ހަމަލާތަކަކީ ރަތް ކަނޑުތައި ދަތުރު ކުރާ އާގުބޯޓުތަކަށާއި އަސްކަރީ އުޅަނދުތަކަށް ވެސް ނުރައްކާ ކުރާނެ ހަމަލާތަކެއް ކަމުން އަދިވެސް ރަތް ކަނޑުގައި ހޫތީންނާއި ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ. ހޫތީންނާއި ދެކޮޅަށް އެމެރިކާ އާއި އެކުވެރި ގައުމުތަކުގެ އަސްކަރިއްޔާ ތައް މަސައްކަތް ކުރަމުންދާނެ ކަމަށާއި ވަރަށް އަވަހަށް ރަތް ކަނޑަކީ ހޫތީންގެ ބިރުވެރިކަމުން ސަލާމަތްވެފައި އޮތް ތަނަކަށް ހަދާނެ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައި ވެއެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހޫތީން ގެންދަނީ ރަތް ކަނޑުގައި ހަރަކާތްތެރިވާ އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ގައުމުތަކުގެ އުޅަނދުތަކަށް ހަމަލާތައް ދެމުންނެވެ.