އިންޑޮނޭޝިއާގެ ބަޓިކް އެއާ ގެ ފްލައިޓެއްގައި ތިބި ދެ ޕައިލެޓުން ދަތުރު މަތީގައި ނިދި ހާދިސާއެއް އެގައުމުން ތަހުގީގު ކުރަން ފަށައިފިއެވެ.

އިންޑޮނޭޝިއާގެ ސުލަވޭސީ އިން ވެރިރަށް ޖަކާޓާ އަށް ދަތުރު ކުރަމުން ދިޔަ އެ ފްލައިޓުގައި ތިބި ފިރިހެން ދެ ޕައިލެޓުން ވަނީ ދަތުރުގެ މެދުތެރޭން 28 މިނެޓް ވަންދެން ނިދާފައެވެ. މި ހާދިސާ ހިނގާފައިވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދެ ޕައިލެޓުންވެސް ވަނީ ވަގުތީ ގޮތުން ވަޒީފާ އިން ސަސްޕެންޑު ކޮށްފައެވެ.

ޕައިލެޓުން ނިދުމުން ބޯޓު ވަނީ އޭގެ މިސްރާބުން ކޮންމެވެސް ވަރަކަށް ކައްސާލާފައި ނަމަވެސް ސަލާމަތުން ބޯޓު ވަނީ ފަހުން ޖައްސާފައެވެ. މި ހާދިސާ ހިނގި އިރު އެއާބަސް އޭ320 ބޯޓުގައި 153 ފަސިންޖަރުންނާއި ކުރޫން ތިއްބެވެ.

ފްލައިޓް ނައްޓާލިތާ ބައިގަޑި އިރެއްހާ އިރު ފަހުން 32 އަހަރުގެ ޕައިލެޓު ވަނީ އޭނާ އަރާމު ކޮށްލަން ބޭނުންވާ ކަމަށް ބުނެ ބޯޓުގެ ކޮންޓްރޯލް ބެލެހެއްޓުމަށް އޭނާގެ ކޯ ޕައިލެޓް ކައިރިން އެދިފައި ކަމަށާއި، 28 އަހަރުގެ ކޯ ޕައިލެޓް އެކަމާއި އެއްބަސް ވެފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ.

ނަމަވެސް ކޯ ޕައިލެޓަށްވެސް އެންމެ ފަހުން ނިދުނީއެވެ. އޭނާގެ ހުރީ އޭނާގެ އެއް މަހުގެ އެއްމާބަނޑު ދެ ދަރިން ބަލަން އެހީވުމުގެ ސަބަބުން ވަރުބަލިވެފައި ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ޖަކާޓާ އެއާ ޓްރެފިކް ކޮންޓްރޯލުން ފްލައިޓުގެ ކޮކްޕިޓާއި ގުޅަން މަސައްކަތް ކުރި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. 28 މިނެޓް ވަންދެން ރޭޑިއޯ ހިމޭންވެފައި ހުރުމަށް ފަހު ޕައިލެޓަށް ހޭލެވުނު އިރު، ކޯ ޕައިލެޓަށްވެސް ނިދި، ބޯޓު އޮތީ އޭގެ މިސްރާބުން ކައްސާލާފައެވެ.

ފްލައިޓްގެ ކުރިން ކުރެވުނު ޕައިލެޓުންގެ ސިއްހީ ތަހުލީލުތަކުގެ ނަތީޖާ އައިސްފައިވަނީ ރަނގަޅަށެވެ.

ބަޓިކް އެއާ އިން ބުނެފައިވަނީ އެ އެއާލައިނުން ދަތުރު ކުރަނީ މުވައްޒަފުންނަށް އަރާމު ކުރަން އެކަށީގެންވާ ވަރަށް ވަގުތު ދީގެން ކަމަށެވެ.