އިންޑޮނޭޝިއާގެ ވަކިން އޮންނަ ރަށެއްގައި ހުންނަ ބޮޑު އަލިފާން ފަރުބަދައެއް ގޮވުމުން، އެ ގައުމުން އާންމުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަން ފަށައި ސުނާމީ އެލާޓު ނެރެފިއެވެ.

މި އަލިފާން ފަރުބަދައަކީ އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ތުލަންޑަން އައިލެންޑް ކައިރީގައި ވަކިން ފެނުން މައްޗަށް އަރާފައި އޮންނަ އަލިފާން ފަރުބަދައެކެވެ. ސުނާމީ އެލާޓު ނެރެފައި ވަނީ އަލިފާން ފަރުބަދައިގެ ބައިތައް ކަނޑަށް ވެއްޓި އެކަމުން ސުނާމީއެއް އުފެދިދާނެ ކަމުގެ ބިރަށްޓަކަައެވެ. އެކަމުގެ ބިރަށްޓަކައި އެ ސަރަހައްދުގެ ވިލެޖްތަކުގައި ދިރިއުޅޭ ރައްޔިތުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރަން އަންގައިފައެވެ.

"މައުންޓް ރުއަންގް" ނަން ދީފައިވާ 2،400 ފޫޓުގެ އަލިފާން ފަރުބަދަ ގޮވަން ފެށީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން މިހާތަނަށް އައިއިރު، ފަސް ފަހަރެއްގެ މަތިން އެ ފަރުބަދަ ގޮވާފައިވެއެވެ.

ވޮލްކަނޯ އެޖެންސީ ޗީފް ހެންޑްރާ ގުނަވަން ވިދާޅުވީ ވޮލްކަނޯ އެލާޓް ލެވެލް އެންމެ މަތީ ލެވެލް އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ފަރުބަދައާ ހަ ކިލޯ މީޓަރު ކައިރި ސަރަހައްދަށް ނުދިއުމަށް ވެސް ވަނީ އަންގައިފައެވެ.

މި ފަރުބަދަ 1871 ވަނަ އަހަރު ވެސް ގޮވައި ފަރުބަދައިގެ ބައިތައް ކަނޑަށް ވެއްޓުމާ ގުޅިގެން ސުނާމީއެއް އުފެދުނެވެ.

އާބާދީގައި 270 މިލިއަން މީހުން ހިމެނޭ އިންޑޮނޭޝިއާގައި 120 އަށް ވުރެ ގިނަ އަލިފާން ފަރުބަދަ ހިމެނެއެވެ. ދުނިޔޭގެ އެހެން އެއްވެސް ދިމާލެއްގައި މިހާ ގިނަ އަދަދަކަށް އަލިފާން ފަރުބަދަތަކެއް ނުހުރެއެވެ. މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރު އިންޑޮނޭޝިއާގެ އަނަކް ކްރަކަޓައުގައިހުރި އަލިފާން ފަރުބަދައެއް ގޮވައި އޭގެ ބައިތަކެއް ކަނޑަށް ވެއްޓުމާ ގުޅިގެން ޖަވާ އަދި ސުމަޓްރާ އައިލެންޑްސް އަށް ސުނާމީއެއް އަރައި 400 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.